ރިޕޯޓް

ދުރުރާސްތާ ޕްލޭނަކާއެކު، ރާއްޖޭގެ ސިއްހީ ނިޒާމު އިންޤިލާބީ ބަދަލަކާ ދިމާލަށް

ދުރުރާސްތާ ޕްލޭނަކާއެކު، ރާއްޖޭގެ ސިއްހީ ނިޒާމު އިންޤިލާބީ ބަދަލަކާ ދިމާލަށް

ދުރުރާސްތާ ޕްލޭނަކާއެކު، ރާއްޖޭގެ ސިއްހީ ނިޒާމު އިންޤިލާބީ ބަދަލަކާ ދިމާލަށް--

farudhun logo

ފަރުދުން

12 ނޮވެމްބަރު 2026، 10:49

12 ނޮވެމްބަރު 2026، 10:49

ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގަލަކީ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢެކެވެ. ރައްޔިތުންނަށް ފަސޭހަކަމާއި އިތުބާރާއެކު ލިބިގަނެވޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެ ޤައުމެއްގެ ވެސް އެންމެ އަސާސީ އެއް ޙައްޤެވެ. ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ޠަބީޢަތް އޮތް ގޮތުން، ޒަމާނުއްސުރެ ޞިއްޙީ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި މާލެއަށް ބަރޯސާވެފައި އޮތް އޮތުމަކީ އަތޮޅުތަކުގެ ރައްޔިތުން އުފުލަންޖެހުނު އެންމެ ބޮޑު އެއް ތަކުލީފެވެ. އާދައިގެ ޓެސްޓަކަށް ނުވަތަ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އެތައް ޚަރަދެއް ކޮށްފައި ވެރިރަށަށް ދަތުރުކުރަންޖެހުމުގެ ސަބަބުން، ޢާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް ތަކުލީފުތަކެއް ވަނީ ތަޙައްމަލުކުރަން ޖެހިފައެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ އަމާޒު ހިއްޕަވާފައެވެ. އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރިގެން ދާއިރު، ރާއްޖޭގެ ޞިއްޙީ ދާއިރާ މިވަނީ ދުވަހަކުވެސް ނުދެކޭފަދަ ހަލުވި، އިންޤިލާބީ ބަދަލަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ފަސްގަނޑުން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބޭނެ ދުރުރާސްތާ ޕްލޭނެއް އެކަށައަޅައި، ސަރުކާރުން މިހާރު ވަނީ އަމަލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. މިގޮތުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު 244 ވަޢުދެއް މިހާރުވެސް ފުރިހަމަކޮށް، ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު އުސްމިންތަކަކަށް ގެންގޮސްދީފައެވެ.

 އުމްރާނީ ތަރައްޤީ އަދި މަޝްރޫޢުތައް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، މުޅިން އަލަށް 40 ހޮސްޕިޓަލަކާއި 22 ސިއްހީ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސިއްހީ ޚިދުމަތްދޭ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ 89 މަޝްރޫޢެއް އަންނަނީ ހިންގަމުންނެވެ. މީގެ ތެރެއިން ސިއްހީ ދާއިރާއަށް ނުހަނު ބޭނުންތެރި 33 މަޝްރޫޢެއް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމިގެންދާނެއެވެ.

ހަމައެއާއެކު، ސިއްހީ ނިޒާމު ހިންގުން ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) މި މަހު އުފައްދަވާފައެވެ. މިއީ ރާއްޖޭގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، 'ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލް' އަކަށް ހިންގުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ. މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ޞިއްޙީ ދާއިރާގައި ކުރެވޭ އިސްރާފުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެންމެ އެކަށީގެންވާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ޑައިގްނޯސްޓިކް އަދި ސްޕެޝަލައިޒްޑް ޚިދުމަތްތައް ފުޅާކުރުން

ރައްޔިތުން ސިއްހީ ޓެސްޓުތަކަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ މިހާތަނަށް ކުރެވިފައެވެ. މިގޮތުން:

އެމް.އާރް.އައި: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މި ޚިދުމަތް ފަށާފައިވާއިރު، ގދ. ތިނަދޫ، ލ. ގަން އަދި ފުވައްމުލަކު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ސީޓީ ސްކޭން: ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށާފައިވާއިރު، އިތުރު 8 ރަށެއްގައި (ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ތ. ވޭމަންޑޫ) މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް: ފުވައްމުލަކާއި ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ދެމުން އަންނައިރު، ގއ، ހއ، އަދި ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދެއެވެ. އަދި 17 ސިއްހީ މަރުކަޒެއްގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައެވެ.

އެކްސްރޭ އަދި ލެބޯޓްރީ: 4 ސިއްހީ މަރުކަޒެއްގައި އެކްސްރޭގެ ޚިދުމަތް ފަށާފައިވާއިރު އިތުރު 16 މަރުކަޒެއްގައި މި މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި 77 ރަށެއްގައި މިނިމަމް ޓެސްޓިންގ ހަމަޖެހި، މުޅިން އަލަށް 22 ރަށެއްގައި ލެބޯޓްރީ ޤާއިމުކޮށް، އިތުރު 52 ރަށެއްގެ ލެބޯޓްރީ މަސައްކަތް ދަނީ ހިނގަމުންނެވެ.

މީގެއިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކެތުލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ދެމުންދާއިރު، ކުޅުދުއްފުށީގައި އޯޑިއޯމެޓްރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އައްޑޫ އަދި ކުޅުދުއްފުށީގައި އައިނުގެ ޚިދުމަތް ޤާއިމުކުރެވިފައިވާއިރު، ޑައިވަރުންނަށް ޚާއްސަ ހައިޕަރބެރިކް ޗެމްބާގެ ޚިދުމަތް 5 ހޮސްޕިޓަލެއްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ހަމައެއާއެކު، 11 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ދެމުންދާއިރު، އިތުރު 9 ރަށެއްގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

މީގެއިތުރުން ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ ޤާއިމުކޮށްފައިވާއިރު، ށ. އަތޮޅު ހޮސްޕިޓަލުގައިވެސް މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ދަތުގެ ފަރުވާ ފުޅާކުރުމުގެ ގޮތުން 12 ހޮސްޕިޓަލެއްގެ މެޝިނަރީޒް އައުކޮށް، 15 އަތޮޅު ހޮސްޕިޓަލެއްގައި ޑެންޓަލް އޯޕީޖީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ވެސް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ.

 ތެރަޕިއުޓިކް ފަރުވާ އަދި އިންސާނީ ވަސީލަތްތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ޚާއްސަ ތެރަޕިއުޓިކް ޚިދުމަތްތައް ވަރުގަދަކުރުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ:

ސްޕީޗް ތެރަޕީ: އައިޖީއެމްއެޗް (6)، ހުޅުމާލެ ހޮސްޕިޓަލް (3) އަދި އަތޮޅުތަކުގައި (13) އެކު ޖުމްލަ 22 ތެރަޕިސްޓުން ޚިދުމަތުގައި ތިބިއިރު، އިތުރު 8 ތެރަޕިސްޓުން ޚިދުމަތަށް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ފިޒިއޮތެރަޕީ: ޚިދުމަތުގައި 48 ފިޒިއޮތެރަޕިސްޓުން (އައިޖީއެމްއެޗްގައި 10، ހުޅުމާލޭގައި 10، އަތޮޅުތަކުގައި 28) ހަރަކާތްތެރިވަމުންދާއިރު، އަލަށް 3 ފަރާތެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސައިކޯ، އޮކިއުޕޭޝަނަލް އަދި ބިހޭވިއަރަލް ތެރަޕީ: ސައިކޯ ތެރަޕީ ދިނުމަށް 6 ބޭފުޅުން (އައިޖީއެމްއެޗްގައި 1، ހުޅުމާލޭގައި 3، ކުޅުދުއްފުށީގައި 2) ތިއްބެވި އިރު، އިތުރު 3 ފަރާތެއް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް 5 ބޭފުޅުން ތިއްބެވި އިރު، ބިހޭވިއަރަލް ތެރަޕީއަށް އަލަށް 1 ބޭފުޅަކު ނެރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ވޭތުވެދިޔަ މުއްދަތަކީ ރާއްޖޭގެ ސިއްހީ ވިއުގައަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި ދުވަސްތަކެކެވެ. މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެޅިފައިވާ މި ބިންގަލަކީ ރާއްޖޭގެ ސިއްހީ މުސްތަޤުބަލު އުޖާލާކޮށްދޭ އަގުހުރި މަސައްކަތްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450