ޚަބަރު
ހައްދުންމަތީގެ 11 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
 
                    ރައީސްގެ، ހައްދުންމަތީ ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެއީ ލ. އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއެވެ. ރައީސް ވަނީ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުންގެ މަރުކަޒުތަކާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، ބޭންކިންގްގެ ޚިދުމަތް ލުއިފަސޭހަކޮށްދެއްވުމާ ގުޅޭ މަޝްރޫޢުތައް ފައްޓަވާފައިވެއެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި އިފުތިތާޙުކުރެއްވުމަށް ހަމަޖެފައިވާ ބައެއް ކަންކަން ކެންސަލް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ރައީސް ވަނީ، ވަރަށް ބޮޑު ސަމާލުކަމެއްދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް އެކަންކަން ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި، އެކަމުގައި ގެންގުޅުއްވާނެ ސިޔާސަތު މި ދަތުރުފުޅުގައި ހާމަކުރައްވާފައެވެ. އެގޮތުން އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ. ހަމައެއާއެކު، ހައްދުންމަތީ ކައްދޫ އެއާޕޯޓް ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން 3 އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވެސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ސިޔާސަތެކެވެ.
 
                 
                             
                                         
                 
                 
                                             
                                            