ކުޅިވަރު
ޢަލީ އަޝްފާޤު ދަނޑަށް އެނބުރި އައުމުގެ ގޮތުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި
މިއީ އަޝްފާޤުގެ މެނިސްކަސްއަށް އަނިޔާވި ހަތަރު ވަނަ ފަހަރު / ފޮޓޯ: ނިއު ރޭޑިއަންޓް
ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ޢަލީ އަޝްފާޤު (ދަގަނޑޭ) އަނބުރާ ދަނޑަށް ނިކުތުމުގެ ގޮތުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
އަޝްފާޤު މިހާރު ކުޅެމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާރމަން، އަޙުމަދު މުބީން ސޯޝަލް މީޑިއާގައި ޙިއްސާކުރި މެސެޖެއްގައި ބުނީ، އަޝްފާޤުގެ ކަކުލުގެ އޮޕަރޭޝަނެއް ކުރީ އެ އޮޕަރޭޝަން ނުކޮށް އޭނާއަށް ދަނޑަށް ނިކުމެވެން ނެތުމުން ކަމަށެވެ.
މުބީން ބުނީ، ނިއުގެ ޖާރޒީގައި އަޝްފާޤު ދަނޑުމަތިން ފެންނަމުން ނުދާތީ އެ ކްލަބުގެ ވަރަށް ގިނަ ސަޕޯޓަރުން އެ ސުވާލުކުރަމުންދާ ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް ޙިއްސާ ނުކޮށް އޮތް ސާރޖަރީގެ ވާހަކަ ސަޕޯޓަރުންނާ އެންމެ ފަހުން ޙިއްސާކުރަން ނިންމީ ކަމަށެވެ.
މުބީން އިތުރަށް ބުނީ، އަނިޔާވެފައި ވަނީ އަޝްފާޤުގެ މެނިސްކަސްއަށެވެ. އެހެންކަމުން އިއްޔެ އަޝްފާޤުގެ މެނިސްކަސް އޮޕަރޭޝަން ޓްރީޓޮޕް ހޮސްޕިޓަލްގައިކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އޭނާ ދަނޑުމަތިން ފެންނާނެކަމަށް މުބީން ބުންޏެވެ.
މިއީ އަޝްފާޤުގެ މެނިސްކަސްއަށް އަނިޔާވި ހަތަރުވަނަ ފަހަރެވެ. އަދި މިވަގުތު އަޝްފާޤު އެންމެ ބޭނުންވެފައި ހުރީ އެނބުރި ދަނޑަށް އައުމަށްކަމަށް މުބީން ވަނީ ފާހަގަކޮށްފައެވެ.
މިއީ ދިވެހި ފުޓްބޯޅައިގެ ގޯޓަށް މިޙާލަތު ޙަޔާތުގައި ދިމާވި ހަތަރުވަނަ ފަހަރު، ކޮންމެ ފަހަރަކުވެސް އެތަށް މަސައްކަތުން އެނބުރި ކުޅުމަށް އަންނަނީ، މިއަދުގެވެސް ހަޤީޤަތަކީ ދިވެހިން ނުހަނު އެދޭ Ali Ashfaq އެނބުރި ކުޅުމަށް އަންނަން، އިރާދަކުރެއްވިއްޔާ އަދިވެސް އަޝްފާގުގެ ހިތްވަރަކަށް ބަދަލެއްނާދޭ، މިހާރުވެސް ހުރީ އަޒުމުގައި ވީ އެންމެ އަވަހަކަށް އެނބުރި ކުޅުމަށް އަންނަން ނުހަނު ބޭނުންވެފައި.
ނިއު ރޭޑިއަންޓުގެ ޗެއަރމަން އަޙުމަދު މުބީން ޙިއްސާކުރި މެސެޖުގައި ވެއެވެ.
ނިއު ރޭޑިއަންޓުގެ ފޭސްބުކް އެކައުންޓުން މި ވާހަކަ ޙިއްސާކުރި ފޮޓޯގައި ފެންނަ ގޮތުން، ހޮސްޕިޓަލުގައި އަޝްފާޤު އެވަގުތު އޮތީ ރަސްވާދަ ޖާރޒީގައެވެ.
އުމުރުން 39 އަހަރުގެ އަޝްފާޤު މި އަހަރުގެ ޖޫން މަހު ނިއުއާ ގުޅުމުގެ ކުރިން އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެ ޓީމަށް ދެ މެޗު ކުޅެދިނުމަށްފަހު އޭނާ ދަނޑުން ނުފެނެ އެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
2001 ވަނަ އަހަރު ވެލެންސިއާއިން ކެރިއަރު ފެށި ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތީން ނިއު ރޭޑިއަންޓަށް ކުޅެފައެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.
ގައުމީ ޓީމުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި އެކުވެރިކަމުގެ މުބާރާތުގައެވެ.