ކުޅިވަރު

ޔޫވީ އާއި ވެލެންސިއާ އެއްވަރުވިއިރު، މާޒިޔާއިން ބޮޑު ތަފާތަކުން ގްރީން ބަލިކޮށް އެއްވަނައަށް

ޔޫވީ އާއި ވެލެންސިއާ އެއްވަރުވިއިރު، މާޒިޔާއިން ބޮޑު ތަފާތަކުން ގްރީން ބަލިކޮށް އެއްވަނައަށް

ގޯލު ކާމިޔާބުކުރުމަށްފަހު މާޒިޔާގެ ހަމްޒާ މުޙައްމަދު އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2025، 07:41

26 އޮކްޓޯބަރު 2025، 07:41

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބުން ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި ލީގުގެ އެއްވަނައަށް ޖެހެލިއިރު، ރޭ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. 

"މެޗް ޑޭ 5"ގައި އިއްޔެ ހަވީރު މާޒިޔާއިން ގްރީންސް ސްޓްރީޓްސް ބަލިކުރީ 9-0އިންނެވެ. މި ނަތީޖާއާއެކު މާޒިޔާއިން ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނައިރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އަނބުރާ ލީގުގެ އެއްވަނައަށް އެރުމަށް ޖެހޭނީ އަންގާރަ ދުވަހު ބޮޑު ތަފާތަކުން އީގަލްސް ބަލިކުރާށެވެ. 

"މެޗް ޑޭ 4" ނިމުނުއިރު މި ދެ ޓީމު ލީގު ތާވަލްގައި ގިންތި ކޮށްފައި އޮތީ ގޯލުގެ ތަފާތުންނެވެ. އެހެންކަމުން މި ހަފްތާ ނިމޭއިރު އެ ގޯލު ތަފާތު ނައްތާލުމަށް މާޒިޔާއިން މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. 

މި މެޗަށް ނިކުތްއިރު ގްރީން ސްޓްރީޓްސްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ފަހު މެޗުގައި އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު، އަޙުމަދު ރަމީޒުގެ އިނގިއްޔެއް ބިންދައިގެން ދިއުމުގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުމެވެ. އެހެންކަމުން އިއްޔެގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޔަނާލް މުނީޒްއެވެ. ކަންދިމާކުރި ގޮތުން މެޗުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން، އެންމެ ފަހުން ކުޅެން އެރުވީ އެ ޓީމުގެ ތިންވަނަ ގޯލްކީޕަރު މިފްޒާލް އިދުރީސްއެވެ.

މާޒިޔާގެ މުޙައްމަދު އިލާން އިބްރާޙިމް / ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ގޯލުތައް ކާމިޔާބުކޮށްދިނީ، ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ، ހަމްޒާ މުޙައްމަދު (ހަމްޕު)، ނާއިޒް ޙަސަން (ދާދު)،  ޕޯޗުގަލް ޑިފެންޑަރ ލުއިސް އެލްމެއިޑަރ، އައިސަމް އިބްރާހިމް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުޙައްމަދު އިލާން އިބްރާޙިމްއެވެ. 

މި މެޗުގައި ސާޖިއޯ މެންޑީ ހެޓްރިކެއް ހެދިއިރު އިލާން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އަދި މިއީ ޖެހިޖެހިގެން ކުޅުނު ދެވަނަ މެޗުގައި މެންޑީ ހެދި ދެވަނަ ހެޓްރިކްވެސް މެއެވެ.

ރޭ ވެލެންސިއާ އާއި ޔޫވީ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. 

އަދި މި މެޗުން ލިބުނު ޕޮއިންޓާއެކު ދެ ޓީމުން ވެސް ވަނީ 5 މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން