ކުޅިވަރު
ދިވެހި ލީގު: އީގަލްސްއިން ނިއު ރޭޑިއަންޓް ހިފަހައްޓައިފި
އީގަލްސްގެ އިބްރާހިމް މަހުދީ / ފޮޓޯ: އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހިފަހައްޓައިފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 0-0އިން އެއްވަރުވެގެނެވެ.
މި މެޗަށް ނިއު ނިކުތީ، ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ގިނަ ގޯލުތަކެއް ޖަހައި ލީގުގެ އެއްވަނައަށް އެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެންމެ ކުޑަ މިނުން ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްލުމަށެވެ.
ނަމަވެސް، އީގަލްސްއާ އަލަށް ހަވާލުވި އަބްދުالله ހަނީފްގެ ބެލުމުގެ ދަށުން ކުޅުނު ދެވަނަ މެޗުން ވެސް ޕޮއިންޓެއް ހޯދައި، އެ ޓީމުން މިވަނީ ފުލުން ހިއްލާލާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު 5 މެޗުން އީގަލްސް މިވަނީ 3 ޕޮއިންޓު ހޯދާފައެވެ.
އަދި މި މެޗުން ލިބުނު ޕޮއިންޓާއެކު ނިއުރޭޑިއަންޓް އޮތީ 13 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި މެޗުގެ އެންމެ ހުސް ފުރުސަތު، ދެވަނަ ހާފުގައި ލިބުނީ އީގަލްސްގެ އިބްރާހިމް މަހުދީއަށެވެ. ނިއުގެ އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިންވެސް ނައްޓާލާ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ޑިފެންޑަރ ފަރަކަޖޯންއެވެ.
އީގަލްސް މިވަނީ އެންމެ ފަހުން ކުޅުނު ދެމެޗުގައި މިފަހަރު ލީގުގައި ރަނގަޅު ފޯމެއްގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި ނިއު އަތުން ޕޮއިންޓެއް ހޯދާފައެވެ. އީގަލްސް އަދިވެސް އޮތީ މި ސީޒަންގެ އެޓީމުގެ ފުރަތަމަ މޮޅުގެ އިންތިޒާރުގައެވެ.