ކޮލަމް
ކާމިޔާބު މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟
 
                    ކާމިޔާބު މީހަކަށް ވެވޭނީ ތިމާ އެކަމަށް ބޭނުން ވެގެން---
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް، ތިމާ ކުރާ ކޮންމެ ކަމަކުން ކާމިޔާބު ހޯދަން އެދޭނެ މީހެއްކަން ޔަޤީނެވެ. އެއީ މަދުރަސީ ތަޢުލީމުގެ މަރުހަލާތައް ކަމުގައި ވިޔަސް، އަދި ކުޅިވަރުގެ ތެރެއިން ކަމުގައި ވިޔަސް، ނޫންނަމަ ވަޒީފާގެ މާހައުލުގެ ތެރެއިން ކަމުގައި ވިޔަސް، އަހަރެމެން މަސައްކަތް ކުރާނީ ކޮންމެވެސް ސިފައެއްގައި ކާމިޔާބީ ހޯދުމަށްކަން ޔަޤީނެވެ.
ސްކޫލް ކުއްޖަކަށް އެއީ ރަނގަޅު ރިޕޯޓެއް ހޯދުން ކަމުގައިވީއިރު، ކުޅިވަރު ކުޅުންތެރިއަކަށް އެއީ ރަށުގެ ނުވަތަ ޤައުމުގެ އެންމެ އުހުގައި ކުޅުމުގެ ފުރުސަތު ހޯދައި، އެކަމުން އާމްދަނީއެއް ހޯދުން ކަމުގައި ވެދާނެއެވެ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ކާމިޔާބަކީ ވަޒީފާގެ ކުރިއެރުންކަމުގައި ވެސް ބުނެވިދާނެއެވެ.
ދިރިއުޅުމުގައި ކަމެއް ހާސިލްކުރެވޭނީ، އެކަމަކަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އޭގެ ފައިދާ ގިނަ ދުވަހު ތިމާއަށް ކުރާނީ ވެސް އެ ގޮތަށް ހާސިލްކުރާ ކަންކަމުންނެވެ. އެހެންކަމުން އެ ކުރެވޭ މަސައްކަތް ބައްޓަންކުރަން ޖެހޭނީ، ނަތީޖާއަށް ވާސިލްވެވޭނެފަދަ ގޮތަކަށެވެ.
ރަގަޅު ނަތީޖާތަކަކާއެކު ތިމާއަކީ ކާމިޔާބު މީހަކަށް ވާނީ، ކަންކަން ހާސިލްކުރުމަށް ކުރާ މަސައްކަތަކީ ތިމާގެ އާދަތަކަށް ހަދައިގެންނެވެ. މިސާލަކަށް ހަޑިގަނޑު ލުއިކުރަން މަސައްކަތްކުރާ މީހަކާ ދޭތެރޭ ވިސްނާލަމާ ހިނގާށެވެ. ދެތިން ދުވަހު ކަސްރަތުކޮށްގެން އެކަން ހާސިލްވޭ ހެއްޔެވެ؟ ނޫނީ ހަފްތާއެއް ވަންދެން ކެއުމުގެ ވަކި އާދައެއް ގެންގުޅެގެން މިކަން ކުރެވޭ ހެއްޔެވެ؟ ނޫނެކެވެ. އެކަމުން ނަތީޖާ ނެރެވޭނީ ކަސްރަތު ކުރުމަކީ ނުވަތަ ރަނގަޅު ކާނާގެ މަތީގައި ދެމިހުރުމަކީ އާދައަކަށް ހަދައިގެންނެވެ.
އެކަމަކު ރަނގަޅު ކަންކަން އާދައަކަށް ހެދުމަކީ އުނދަގޫ ކަމެކެވެ. ހަށިގަނޑު އަބަދުވެސް ބޭނުން ވާނީ ފަސޭހަ ގޮތްގޮތެވެ. އާންމު ދިރިއުޅުމަށް ބަލާއިރު، ހަށިގަނޑަށް ފައިދާހުރި ކަންކަން ކުރަން އުނދަގޫވެފައި، ހަށިގަނޑަށް ގެއްލުން ހުރި ކަންކަން ކުރަން ފަސޭހަވޭ ނޫންހެއްޔެވެ. މިސާލަކަށް ބުނާނަމަ، ހަށިގަނޑަށް ފައިދާ ހުރި މޭވާއެއް ކެއުމަށް ވުރެ، ޖަންކް ފުޑް ނުވަތަ ލުއި ކާނާގެ ބާވަތްތަކަށް މާބޮޑަށް ހިތްކިޔައެވެ. ހަމައެގޮތަށް ރަގަޅު އާދަތަކަށްވުރެ، އެހާ ރަނގަޅު ނޫން އާދަތަކުގައި ދެމިތިބުމަށް ވެސް ވަރަށް ފަސޭހަ ވެއެވެ. ސްމާޓް ފޯނަކީ މިހާރު އަހަރެމެންގެ ގުނަވަނެއް ފަދަ އެއްޗެކެވެ. އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ވަރަށް ގިނަ ވަގުތު ހޭދަކުރަނީ ފޯނާއެކުއެވެ. މީސްމީޑިއާގައި ވީޑިއޯތައް ބަލަބަލާ، އެތައް ގަޑިއިރެއް ބޭކާރުވެގެން ދާއިރު ވެސް އިނދެވެއެވެ. ދުނިޔެ މަތީގެ އެންމެ މުހިންމު ގޮވުމަށް ވެސް ދެވެނީ ބީރު ކަންފަތެވެ.
އޭގެ މާނައަކީ ސޯޝަލް މީޑިއާ ބޭނުން ކުރުމަކީ ގޯސްކަމެކޭ އެއްނޫނެވެ. ނުވަތަ ޕިއްޒާއެއް، ބާރގާއެއް ފަދަ އަނގަޔަށް މީރު ކެއުންތައް ރޭގަނޑު ނިދަން ކައިރިކޮށްފައި ކެއުމަކީ އެ ކަމަށް ބަލާއިރު ގޯސްކަމެކޭ އެއްވެސް ނޫނެވެ. އެފަދަ ކަންކަން ގޯސްވެ، ހަށިގަނޑަށް ގެއްލުން ލިބެން ފަށަނީ، އެ ކަންކަން އާދަވެ ގިނަގިނައިން ކުރަން ފެށުމުންނެވެ. ނަމަވެސް އެ ކަންކަމަކީ މަދުން ނުވަތަ ކޮންޓްރޯލް ކޮށްގެން ކުރާ ކަންކަންނަމަ، އެ ކަންކަމުގެ ނޭދެވޭ އަސަރެއް ތިމާގެ ދިރިއުޅުމަށް ނޭދެވޭ މިންވަރަކަށް ނުކުރާނެއެވެ.
ކަން މިހެން އޮތްއިރު ރަގަޅު އާދަތައް އަށަގަންނުވައި، ބޭނުންވާ ކަންކަން ހާސިލްކުރަން އުނދަގޫ ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އެއީ ނަތީޖާ ނެރުމަށް ހޭދަވާ މުއްދަތު އިތުރުވުމުންކަމަށް ވެދާނެބާއެވެ؟ ނުވަތަ އެއީ ނަތީޖާއަށް ވާސިލްވާން ނޭންގޭތީ ބާއެވެ؟
އުނދަގޫ ކަންކަން ފަސޭހަކަމަކަށް ހަދަން ބޭނުންނަމަ ފުރަތަމަ ކުރަންވީ ކަމަކީ، ކުދިކުދި ފިޔަވަޅުތަކުން ފަށަންވީއެވެ. ނޫންނަމަ، ޕްރެކްޓިކަލީ އެކަމެއް ކުރެވޭނެ ގޮތަކަށް ކަންކަން ހާސިލްކުރަން ވިސްނަންވީއެވެ. މިސާލަކަށް ކަސްރަތު ފަށާއިރު، ވަކި ވަގުތަކު ކަސްރަތަށް ދިއުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންނަމަ ފުރަތަމަ ވިސްނާނީ ތިމާއަށް އެކަން ކުރަން ފަސޭހަ ގަޑިއަކަށް ތާވަލުކުރާށެވެ. އަދި ފުރަތަމަ ފަށާއިރު، ކަސްރަތުގައި ގިނަ ވަގުތު ހޭދަކުރުމަކީ އުނދަގޫ ކަމަކަށް ބައެއް މީހުންނަށް ވެދާނެއެވެ. އެއީ ދުވަހުގެ ބާކީ އޮތް ބަޔަށް އެ ވަރުބަލިކަން ގޮސްފާނެތީއެވެ. އެހެންކަމުން ފުރަތަމަ ކޮންމެހެން ބައިގަޑިއެއްހާއިރު ކަސްރަތު ކުރުން މުހިންމެއް ނޫނެވެ. ގަދަޔަށް ދާހިއްލުން ވެސް މުހިންމެއް ނޫނެވެ. ބޭނުން ވަނީ ފެށުމެވެ. އަދި އެ ކަމުގައި ދެމިހުރުމެވެ.
ދެވަނަ ކަމަކީ، ކަމެއް ހާސިލްކުރަން ބޭނުންނަމަ އެކަމަށް މަސައްކަތް ފެށުމުގެ ކުރިން، އެކަމުން ނިކުންނާނެ ނަތީޖާއަކީ ތިމާ ހަޤީޤަތުގައި ވެސް ބޭނުންވާ ކަމެއްތޯ ފުންކޮށް ވިސްނާލުމެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ފަތިސް ނަމާދުގެ ޖަމާޢަތް ހޯދުމަކީ އުނދަގޫކަމެކެވެ. ނަމަވެސް ފަތިސް ނަމާދުގެ ޖަމާޢަތް ހޯދުމަށް ބޭނުންވާ ގިނަ ބަޔަކު އުޅެއެވެ. އެކަން ބޭނުންވެގެން ފަތިހު ހޭލުމަށް ފޯނު އެލާމު ކުރެއެވެ. ނަމަވެސް މިކަމުން ލިބޭނެ ފައިދާއަށް ރަނގަޅަށް ވިސްނާލެވިފައި ނެތުމުން، ފޯނު އެލާމުވުމުން ޢަމަލު ކުރެވެނީ ކިހިނެއް ހެއްޔެވެ؟ އެލާމް އޮފްކޮށްލުމަށްފަހު ހިތަށް އަރަނީ، މިރޭގެ ނިދިކޮޅު ހާދަ އަރާމޭ، ފަތިސް ނަމާދުގެ ޖަމާޢަތް ހޯދުމުގެ މަސައްކަތް ފަށާނީ މާދަމާއޭއެވެ. ނަމަވެސް މާދަމާ ވެސް ބުނާނީ މާދަމާއޭއެވެ.
އެހެންކަމުން، ކަމެއް ކުރާ ހިތްވުމަކީ އަދި އެކަމުން ފޮނި ނަތީޖާއެއް ހޯދޭނެ ކަމެއް ނޫނެވެ. ނަތީޖާ ނެރެވޭނީ، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ރަނގަޅަށް އެނގިހުރެ، އެކަމަށް ތިމާގެ ނަފްސު ބޭނުންވެގެންނެވެ. މި ގޮތަށް ޢަމަލު ކުރުމަށް ފުރަތަމަ ހަފްތާ އުނދަގޫ ވެދާނެއެވެ. ނަމަވެސް ދެން ދާނީ އެކަން ކުރަން ފަސޭހަވަމުންނެވެ. އެންމެ ފަހުން އެކަން އާދައަކަށްވެ، ދެން އުނދަގޫ ވާނީ ފަތިސް ނަމާދު ނުކޮށް ނިދަން އޮންނާށެވެ.
އެންމެ ފަހު ކަމަކީ، އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުމަކީ، ތިމާއަށް ކުރުމުގެ ޤާބިލްކަން ލިބިފައިވާ އެތައްކަމަކުން ތިމާ މަޙުރޫމުކޮށްލާނެ ކަމެއްކަން ވިސްނާށެވެ. މިސާލަކަށް ތިމާއަކީ ކަންނެތް މީހެއްކަމަށް ހީކޮށްފިނަމަ، ތިމާ ވާނީ ކަންނެތް މީހަކަށެވެ. އެހެންކަމުން އަމިއްލަ ނަފްސާކުރާ މުޢާމަލާތްތައް ވާންޖެހޭނީ، ތިމާއަށް އެކަމުން ހިތްވަރު ލިބޭ ކަމަކަށެވެ. މިކަމަށް އެހީތެރިވެދޭނެ އެއް ކަމަކީ، ރަނގަޅު ކަންކަން ކުރުމަށް ހިތްވަރުދޭ ރަޙްމަތްތެރިންނާއެކީ އުޅުމެވެ. އޭރުން ތިމާއަށް މުޅިން ވެސް ފެންނާނީ މުހިންމު ކަމެއް ނުކޮށް ދޫކޮށްލުމަށްވުރެ، އެކަމެއް ކުރަންވީ ގިނަ ސަބަބުތަކެވެ.
އެހެންކަމުން، އެނގެންވީ ކަމަކީ، ކާމިޔާބު މީހަކަށް ވެވޭނީ ރަގަޅު އާދަތަކެއްގެ މަތީގައި ދެމިހުރެގެން ކަމެވެ. ރަގަޅު އާދަތަކާއެކީ ދުވަހީ ދިރިއުޅުމުގައި ކާމިޔާބީތައް ލިބެން ފަށާނެއެވެ. އަދި އެ ނަތީޖާތައް ތިމާގެ ދިރިއުޅުމަށް މުހިންމު ބަދަލުތަކެއް ގެނަސް، ތިމާއަކީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކާމިޔާބު މީހަކަށް ހަދާނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މިއަދު ކުރާ މަސައްކަތުން ރަގަޅު އާދަތަކެއް ނަފްސުގައި އަށަގެންނެވިއްޖެނަމަ، ތިމާގެ މާދަމާ ބިނާކޮށްދޭނީ އެ އާދަތަކެވެ.
 
                             
                                         
                 
                                             
                                            