ކުޅިވަރު
މާޒިޔާއިން ފަސޭހަކަމާއެކު ވެލެންސިއާ ބަލިކޮށް އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި
ގޯލު ކާމިޔާބުކުރުމަށްފަހު މާޒިޔާގެ އިލާން އުފާފާޅުކުރަނީ / ފޮޓޯ: އަދަދު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ފަސޭހަކަމާއެކު ކްލަބް ވެލެންސިއާ ބަލިކޮށް، އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. އެ ޓީމަށް ގޯލު ހުޅުވައިދިނީ މުޙައްމަދު އިލާން އިމްރާންއެވެ. މިއީ މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންޑަރެއްގެ އަތުގައި އޮތް ބޯޅައެއް ހޯދުމަށްފަހު އިލާން ކާމިޔާބުކުރި ގޯލެކެވެ.
މާޒިޔާގެ ބާކީ ގޯލުތައް ކާމިޔާބުކޮށްފައި ވަނީ ފަހު ހާފުގައެބެ. އެގޮތުން އެ ޓީމުގެ ދެވަނަ ގޯލު ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. މި ގޯލު ވެސް ކާމިޔާބުކުރީ އިލާންއެވެ.
މާޒިޔާގެ ތިން ވަނަ ގޯލަކީވެސް ވެލެންސިއާގެ ޑިފެންޑަރެއްގެ އަތުން ބޯޅަ ހޯދުމަށްފަހު ކާމިޔާބުކުރި ގޯލެކެވެ. އެ ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ސާޖިއޯއެވެ.
މެޗުގެ 55 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކުރުމަށްފަހު އޭގެ ތިން މިނެޓު ފަހުން އިލާން ދިން ބޯޅައަކުން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމްއެވެ.
އަދި އެ ޓީމުގެ ފަސްވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އައިހަމް ނަގައިދިން ކޯނަރަކުން މި ގޯލު ކާމިޔާބުކޮށްދިނީ ފޯވާޑް ސާޖިއޯއެވެ.
މި ތިން ޕޮއިންޓާއެކު މާޒިޔާ މިހާރު ވަނީ ކުޅުނު 6 މެޗުން 18 ޕޮއިންޓު ހޯދާފައެވެ. ވެލެންސިއާއަށް 6 މެޗުން ލިބިފައި ވަނީ 4 ޕޮއިންޓެވެ.