ކުޅިވަރު

ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައިވާ ލިވަޕޫލުން އެސްޓަން ވިލާ މެޗުގައި އެކަން ބަދަލުކޮށްފި

ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައިވާ ލިވަޕޫލުން އެސްޓަން ވިލާ މެޗުގައި އެކަން ބަދަލުކޮށްފި

މުޙައްމަދު ސަލާހް ވަނީ މިހާތަނަށް ލިވަޕޫލަށް 250 ގޯލު ކާމިޔާބުކޮށްދީފައި / ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 09:46

02 ނޮވެމްބަރު 2025، 09:46

އިންގްލިޝް ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައިވާ ލިވަޕޫލުން، ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު 2-0އިން ބަލިކޮށް، ގެއްލިފައިވާ ފޯމު އަނބުރާ ހޯދުމުގެ އުއްމީދު އައުކޮށްފިއެވެ.

ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ މުޙައްމަދު ސަލާހް ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އެސްޓަން ވިލާގެ ގޯލު ބަލަހައްޓަމުންދާ އެމިލިއާނޯ މާޓިނޭޒްއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ސަލާހް ވަނީ މި މެޗުގައި އޭނާގެ 250ވަނަ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދީފައެވެ. މި ތާރީޙީ ގޯލު ސަލާޙް ކާމިޔާބުކުރީ، މާޓިނޭޒްއަށް އެ ޓީމުގެ ޑިފެންޑަރަކު ކުޅުނު ބޯޅައެއް ރަނގަޅަށް ސާފުކޮށް ނުލެވުމުން، އެ ބޯޅަ ހޯދުމަށްފަހު އެއް ޓަޗުން ގޯލަށް ފޮނުވާލައިގެންނެވެ.

އަދި މި ގޯލާއެކު އޭނާ ވަނީ އިއާން ރަޝް އާއި ރޮޖަރ ހަންޓްގެ އިތުރުން ލިވަޕޫލްއަށް 250 އަށްވުރެ ގިނަ ގޯލު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އިއާން ރަޝް ލިވަޕޫލްއަށް 346 ގޯލު ޖަހައިދީފައިވާއިރު، ރޮޖަރ ހަންޓް ވަނީ 285 ގޯލު ލިވަޕޫލްގެ ޖާރޒީގައި ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ރޮޖަރ ހަންޓު މި އަދަދަށް ގޯލު ކާމިޔާބުކުރީ 1950 އައި 1960ގެ އަހަރު ތަކުގައެވެ. އަދި އިއާން ރަޝްގެ ގޯލުތަކަކީ 1980 ވަނަ އަހަރާއި 1990ގެ ކުރީކޮޅު ކާމިޔާބުކުރި ގޯލުތަކެކެވެ. 

ރޭގެ މެޗުގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކުރީ، ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން މެޗަށް ފަހު ފުރަތަމަ އެގާރާއިން ޖާގަ ހޯދި ރަޔަން ގްރެވެންބާރޗްއެވެ. މެޗުގެ 58ވަނަ މިނެޓުގައި 20 ޔާޑު ދުރުން ފޮނުވާލި މި ބޯޅަ ގޯލަށް ވަނީ ޕައު ޓްރޭސްގެ ގައިގަ ޖެހުމާ ގުޅިގެން، އެ ބޯޅައަށް މާޓިނޭޒްއަށް ހަރަކާތްތެރި ނުވެވި އުޅެނިކޮށެވެ.

ޖެހިޖެހިގެން 5 މެޗު ކާމިޔާބު ކުރުމަށް ނިކުތް އެސްޓަން ވިލާއިން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ޓީމުން ފޮނުވާލި އެންމެ ނުރައްކާތެރި ދެ ހަމަލާ އަމާޒުވީ ލިވަޕޫލްގެ ގޯލު ދަނޑިއާއެވެ. 

މިއީ 20 ސެޕްޓެންބަރުގެ ފަހުން ލިވަޕޫލަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. އަދި މި 3 ޕޮއިންޓާއެކު އެ ޓީމު ލީގުގެ ތިންވަނައަށް އެރި ނަމަވެސް، ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު 7 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ލިވަޕޫލަށް ދެން އޮތީ ވަރުގަދަ ދެ މެޗެވެ. އެއީ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާއި، ލީގުގައި މިއަންނަ ހަފްތާ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން