ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާޙު ކޮށްދެއްވައިފި
"ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާޙު ކުރުން
ފަރުދުން
05 ނޮވެމްބަރު 2024، 12:02
05 ނޮވެމްބަރު 2024، 12:02
ބޯހިޔާވަހިކަމަށް ލުއި ގޮތެއްގައި ލޯނު ލިބޭނޭ ގޮތެއް ހޯއްދަވައިދިނުމުގެ ވަޢުދުފުޅުގެ ދަށުން 5% އިންޓަރެސްޓުގައި ގެދޮރު އިމާރާތް ކުރުމަށް ލުއި ލޯނު ލިބޭ ސްކީމެއް ސަރުކާރުން އިފްތިތާޙް ކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބެއްވި މި ރަސްމިއްޔާތުގައި "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" އިފްތިތާޙް ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، ބޭންކް އޮފް މޯލްޑިވްސް, އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށެވެ. އެގޮތުން 3 ލޯން ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ.
މި ސްކީމްގެ ދަށުން އެޗްޑީއެފްސީ މެދުވެރިކޮށް ހަމަ އެކަނި އަތޮޅު ތެރޭގެ ރަށްރަށުގައި ގެހެދުމަށް 1 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ލިބޭނެއެވެ. އެއާއެކު އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ޚާއްޞަ ސްކީމެއް ކަނޑައަޅާފައިވެއެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ގެދޮރު ހަދަން ޚާއްޞަކޮށް ދޫކުރާ ލޯނެއްވެސް މި ސްކީމްގެ ދަށުން ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ. ފުރަ މާލެއަށް ޚާއްޞަ ކޮށްފައިވާ ސްކީމްގައި 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
މި ލޯން ސްކީމްގެ ދަށުން އަލަށް ގެދޮރު ހެދުމުގެ އިތުރަށް ނުނިމި ހުރި ގޭގެ ނިންމަން ވެސް އަދި ބާވެ އަލުން ހަދަން ޖެހޭ ގޭގެ ހަދަން ވެސް ލޯނު ދޫކުރަން ވަނީ ނިންމާފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ލޯނު އެޕްލިކޭޝަންތަކަށް މާދަމާއިން ފެށިގެން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.