ޚަބަރު
އެމްއެންޑީއެފްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވައިފި
އަސްކަރީ ޑްރޯން ބޭނުން ކުރަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަރުދުން
03 ނޮވެމްބަރު 2025، 12:06
03 ނޮވެމްބަރު 2025، 12:06
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ދަށުން ސިފައިންގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރާއި އިޚުތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރައްވައިފިވާއިރު، މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.