ކޮލަމް
ހަކުރުގެ ނުރައްކާތައް: ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ހަށިގަނޑަށް ކުރާ އަސަރު
ހަކުރު
އަހަރެމެން ގިނަ ބަޔަކަށް އެނގޭނެ، ގިނައިން ހަކުރު ބޭނުންކުރުމަކީ ސިއްޙަތަށް ރަނގަޅު ކަމެއް ނޫންކަމެވެ. އެހެންނަމަވެސް އަދިވެސް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ބޭނުންކުރަންވީ މިންވަރަށްވުރެ ގިނައިން ހަކުރު ބޭނުންކުރެއެވެ. ހަކުރު ހުންނަނީ ހަމައެކަނި ފޮނި ކާނާއާއި ޑެޒާޓްގައި އެކަންޏެއް ނޫނެވެ. ސޮފްޓް ޑްރިންކްސް، ބޭކަރީގެ ބާވަތްތައް، ޕްރޮސެސްޑް ފުޑްސް އަދި ބައެއް ލޮނުކެއުންތައް ކަމަށްވާ ބްރެޑް، ޓޮމާޓޯ ކެޗަޕް އަދި ސޯސް ފަދަ ތަކެތީގައިވެސް ހަކުރު ހުރެއެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަން (American Heart Association) އިން ބުނާ ގޮތުގައި އަންހެނުން ދުވާލަކު ބޭނުންކުރާ ހަކުރުގެ މިންވަރު 25 ގްރާމް (ގާތްގަނޑަކަށް 6 ސައިސަމްސާ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ފިރިހެނުން ބޭނުންކުރާ ހަކުރުގެ މިންވަރު 36 ގްރާމް (ގާތްގަނޑަކަށް 9 ސައިސަމްސާ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ހަކުރު ބޭނުންކުރާ ގޮތް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އެއީ ހަކުރު، ހަކުރު ކިއުބް، ސިރަޕް ނުވަތަ މާމުއި ކަމުގައިވިޔަސް، ގިނައިން ހަކުރު ބޭނުންކުރުމުން ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތިވެއެވެ. ހަށިގަނޑުގެ ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ހަކުރުގެ ސަބަބުން ކުރާ އަސަރުތަކަށް ބަލާލަމާ ހިނގާށެވެ.
ސިކުނޑި:
ހަކުރު ބޭނުންކުރުމުން ސިކުނޑީގައި "ޑޯޕަމީން" ކިޔާ ކެމިކަލެއް އުފައްދައެވެ. މިއީ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްސާސްކުރުވާ ކެމިކަލެކެވެ. މިހެންވެ، ހަކުރު ގިނައިން ހުންނަ ކާނާއަށް މީހާ ދަހިވެތިވެއެވެ. ގުދުރަތީ ކާނާ ކަމަށްވާ މޭވާ ފަދަ ތަކެތިން ޑޯޕަމީން މާގިނައެއް ނޫނެވެ. މިއީ ހަކުރު ގިނައިން ހުންނަ ތަކެތި ބޭނުންކުރަން ދަހިވެތިވާ އެއް ސަބަބެވެ. ގިނައިން ހަކުރު ބޭނުންކުރުމަކީ ފިކުރުބޮޑުވުމާއި ނަފްސާނީ ބަލިތަކަށް މަގުފަހިކުރާ ކަމެކެވެ.
އިންސާނާގެ މޫޑު:
ކުކީސް ނުވަތަ މެޓާ ފަދަ ފޮނި ތަކެތި ކެއުމަށްފަހު ވަގުތީގޮތުން ހަކަތަ އިތުރުވާ ކަހަލަ ގޮތެއް ހީވެދާނެއެވެ. އެއީ ހަކުރުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވާތީއެވެ. ނަމަވެސް މި އުފާވެރިކަމަކީ ވަގުތީ ކަމެކެވެ. މާގިނަ އިރުތަކެއް ނުވެ ލޭގައި ހަކުރުގެ މިންވަރު ދަށަށް ގޮސް، ވަރުބަލިކަމާއި ހިތްހަމަނުޖެހުން އިޙްސާސްކުރެވެއެވެ. ގިނައިން ހަކުރު ބޭނުންކުރުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިކުރުވާ ކަމެކެވެ.
ދަތްޕިލަ:
ފޮނި ތަކެތި ގިނައިން ކެއުމަކީ ދަތްތައް ހަލާކުކުރާ ކަމެއްކަމަށް މައިންބަފައިން ބުނަނީ ތެދުފުޅެކެވެ. އަނގައިގައި ހުންނަ ބެކްޓީރިއާ އަކީ ހަކުރު ކައިގެން ދިރިއުޅޭ އެއްޗެކެވެ. މި ބެކްޓީރިއާ އިން އެސިޑް އުފައްދާ، ދަތުގެ އެނަމެލް ބަލިކޮށް، ދަތް ހަލާކުކޮށް، ދަތްފަނިކެއުން އިތުރުކުރެއެވެ.
ހުޅުތައް:
ހުޅުތަކުގައި ރިހުން ނުވަތަ ދުޅައެއް ހުރި ނަމަ، ހަކުރު ބޭނުންކުރުން މަދުކުރުމުން އެކަމަށް އެހީވެދާނެއެވެ. ގިނައިން ހަކުރު ބޭނުންކުރުމުން ހަށިގަނޑުގައި ދުޅަވުން އިތުރުވެ، ހުޅުތަކުގެ ރިހުން ގޯސްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ގިނައިން ހުންނަ ބުއިންތައް ބޯ މީހުންނަށް އާތުރައިޓިސް (ހުޅުތައް ދުޅަވުން) ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހަންގަނޑު:
ގިނައިން ހަކުރު ބޭނުންކުރުމުން ހަށިގަނޑުގައި އުފެދޭ ދުޅައަކީ ހުޅުތަކަށް އެކަނި އަސަރުކުރާ ކަމެއް ނޫނެވެ. ހަންގަނޑު މުސްކުޅިވުންވެސް އަވަސްކުރެއެވެ. ލޭގައި ހުންނަ ހަކުރު، ޕްރޮޓީންތަކާ ގުޅިގެން ކޮލެޖަންއާއި އިލާސްޓިން ހަލާކުކުރާ ނުރައްކާތެރި މާއްދާތައް އުފައްދައެވެ. މިއީ ހަންގަނޑު އޮމާންކޮށް، ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ޕްރޮޓީންތަކެކެވެ. މިއީ ވަގުތުގެ ކުރިން ހަންގަނޑުގައި ރޫޖެހި، ހަންގަނޑު ރީތިކަން ގެއްލިދާނެ ކަމެކެވެ.
ފުރަމޭ:
ސޮފްޓް ޑްރިންކްސް ނުވަތަ ފޮނި ބުއިންތަކަށް ލޯބިކުރާނަމަ ސަމާލުވާށެވެ. ފުރަމޭއަށް ގެއްލުންވެދާނެއެވެ. ދިޔާ ތަކެތީގައި އެކުލެވޭ ހަކުރު ވަރަށް އަވަހަށް ފުރަމޭގައި ސަރުބީއަށް ބަދަލުވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން މިގޮތަށް ދިމާވުމުން ފެޓީ ލިވަރ ޑިޒީސް (ފުރަމޭގައި ސަރުބީ ޖެހުން) އުފެދި، ފުރަމޭގެ މަސައްކަތަށް ބުރޫއެރުމުގެ ފުރުސަތު ބޮޑެވެ.
ހިތް:
ގިނައިން ހަކުރު ބޭނުންކުރުމުން ލޭގައި އިންސުލިންގެ މިންވަރު މަތިވެ، ލޭހޮޅިތައް ބޯވެ، ހަރުވެއެވެ. މިއީ ހިތަށް ބޮޑު ބުރައެއް ގެނުވާ ކަމެކެވެ. އަދި ހިތުގެ ބަލިތަކާއި ހިތް ފެއިލްވުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުކުރެއެވެ. ހަކުރު ބޭނުންކުރުން މަދުކުރުމަކީ ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ. މިއީ ހިތުގެ ސިއްޙަތުނ ދެމެހެއްޓުމަށް މުހިންމު ކަމެކެވެ.
ޕެންކްރިއާސް:
ކޮންމެ ފަހަރަކު ކާ ކެއުމެއްގައި ހަކުރު ހަޖަމުކުރުމަށް ޕެންކުރިއާސް އިން އިންސުލިން ދޫކުރެއެވެ. ނަމަވެސް ގަވާއިދުން ގިނައިން ހަކުރު ބޭނުންކުރުމުން ހަށިގަނޑު އިންސުލިންއަށް ހޭނި، އިންސުލިން ރެޒިސްޓެންސް އުފެދެއެވެ. މިހެންވުމުން ޕެންކުރިއާސްއަށް ވީހާވެސް ގިނައިން އިންސުލިން އުފެއްދުމަށް މަޖުބޫރުވެއެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ޓައިޕް 2 ޑައިބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވެދާނެއެވެ.
ގުރުދާ:
ޑައިބެޓީސް ހުންނަ މީހުން ގިނައިން ހަކުރު ބޭނުންކުރުމުން ގުރުދާ ހަލާކުވުން އިތުރުކުރެއެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވުމުން ގުރުދާއިން ފަށަނީ އިތުރު ހަކުރު ކުޑަކަމުދާ ތަކެތީގެ ޒަރީއާއިން ބޭރުކުރާށެވެ. ދިގު މުއްދަތުގައި މިކަން މިގޮތަށް ދިމާވުމުން ގުރުދާ ހަލާކުވެ، ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުރުދާ ފެއިލްވެދާނެއެވެ.
ބަރުދަން:
ގިނައިން ހަކުރު ބޭނުންކުރާ ވަރަކަށް ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ގިނައިން ހުންނަ ބުއިންތައް ބޯ މީހުންގެ ބަރުދަން އިތުރުވެ، ފަލަވުމާއި ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑެވެ. ގިނައިން ހަކުރު ބޭނުންކުރުމުން ސަރުބީ ސެލްތަކުން ކެމިކަލްތަކެއް ދޫކުރެއެވެ. މި ކެމިކަލްތަކުގެ ސަބަބުން ދުޅާވުމާއި ބަރުދަން އިތުރުވުން ކުރިމަތިވެއެވެ.
ހަކުރު ގިނައިން ބޭނުންކުރުމަކީ ހަމައެކަނި ހަކުރުބައްޔަށް ނުވަތަ ދަތްފަނިކެއުމަށް މަގުފަހިކުރާ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް، މޫޑަށް، ފުރަމޭއަށް، ހިތަށް، ހަންގަނޑަށް އަދި މުޅި ހަށިގަނޑުގެ ސިއްޙަތަށްވެސް ނުރައްކާވެއެވެ. ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި، ހަކުރު ގިނައިން ހުންނަ ކާނާއާއި ބުއިންތައް މަދުކޮށް، އެތަކެތީގެ ބަދަލުގައި ތާޒާ މޭވާ، ފެން އަދި ގުދުރަތީ ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.