ކޮލަމް

ކުރަފީގެ ސަބަބުން ނޭވާހިތްލުމުގެ އަލާމާތްތައް ގޯސްވެ، އެލަރޖީ ރިއެކްޝަންތައް އިތުރުވޭ!

ކުރަފީގެ ސަބަބުން ނޭވާހިތްލުމުގެ އަލާމާތްތައް ގޯސްވެ، އެލަރޖީ ރިއެކްޝަންތައް އިތުރުވޭ!

ކުރަފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ނޮވެމްބަރު 2025، 06:08

07 ނޮވެމްބަރު 2025، 06:08

ދުނިޔޭގެ އެންޓާކްޓިކާ ފިޔަވައި ހުރިހާ ހިސާބެއްގައިވެސް ފެންނަ އެއްކަމަކީ ކުރަފި ނުވަތަ ކޮކްރޯޗެވެ. މިއީ ވަރަށް ވަރުގަދަ އަދި ދިރިހުރުމުގެ ގާބިލިއްޔަތު ވަރަށް މަތިކަމަށް މަޝްހޫރު ސޫތްޕެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރަފި ކާނާ ނެތި ތިން މަސް ދުވަހު، އަދި ފެން ނެތި މަހެއްހާ ދުވަހުވެސް ދިރިހުރެފާނެއެވެ. މީގެ އިތުރުން، 45 މިނިޓު ވަންދެން ނޭވާ ނުލާވެސް ދިރިހުރެވޭނެ ކަމަށްވެއެވެ. އެހެންނަމަވެސް، މި ކުރަފި ގޭތެރޭގައި ދުވާތަން ފެނުމަކީ އެއްވެސް މީހަކު އެދޭ ކަމެއް ނޫނެވެ. މެހެމާނުންގެ ކުރިމަތީގައި ނުތަނަވަސްކަން ކުރިމަތިވުމުގެ އިތުރުން، ކުރަފިތަކުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާތެރި މައްސަލަތަކެއްވެސް ދިމާވެއެވެ.

ގޭތެރޭގައި ކުރަފި އުޅުމުން ދިމާވާ ސިއްހީ ނުރައްކާތައް

އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީން ދާދިފަހުން ކުރި ދިރާސާއަކުން ވަނީ ގޭތެރޭގައި ކުރަފި އުޅުމުން ދިމާވާ އިތުރު ނުރައްކާތެރި އަސަރު ހޯދާފައެވެ. ދިރާސާ ކުރި ފަރާތްތަކަށް ފާހަގަކުރެވުނީ ކުރަފި ގިނަވުމާއި އެލަރޖީ އުފައްދާ މާއްދާތަކާއި (އެލަރޖެންސް) އަދި އެންޑޮޓޮކްސިން ކިޔާ ބެކްޓީރިއާ ކުރަތްޕާ ގުޅުން ވަރަށް ބޮޑު ކަމެވެ.

އެންޑޮޓޮކްސިންއަކީ ބެކްޓީރިއާ މަރުވުމުން ބޭރުވާ ކުދިކުދި މާއްދާތަކެކެވެ. ކުރަފި ކުނިތަކެތި ކާތީ، އެތަކެތީގެ ބަނޑުގައި ގިނަ ބާވަތްތަކުގެ ބެކްޓީރިއާ ހުރެއެވެ. އެތަކެތިން މި ނުރައްކާތެރި މާއްދާތައް ގޭތެރެއަށް ފެތުރި، ގޭތެރޭގެ ވައި ތަޣައްޔަރުކުރެއެވެ. މިކަމުގެ ސަބަބުން ގޭތެރޭގެ ވައިގެ ފެންވަރު ދަށްވެ، ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ.

ނޯތު ކެރޮލައިނާގެ ރާލީގައި ހުރި އެޕާޓްމަންޓުތަކެއްގައި ކުރެވުނު މި ދިރާސާއިން ދައްކާ ގޮތުގައި، ކުރަފި ގިނަވީ ވަރަކަށް، ވައިގައި ހުންނަ ބެކްޓީރިއާގެ މިންވަރު ގިނަވެއެވެ. މި މާއްދާތަކުގެ ސަބަބުން ދިގު މުއްދަތެއްގައި ނޭވާއަށްހިތްލުން، އެލަރޖީ އަދި ނޭވާލާ ނިޒާމުގެ އެހެނިހެން މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. މި ބެކްޓީރިއާގެ ވިހަތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް އަސަރުކުރާ ގޮތް މުޅިން ސާފުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ފުރަތަމަ ހޯދުންތަކުން ދައްކާ ގޮތުގައި، މިކަމުގެ ސަބަބުން ނޭވާހިތްލުމުގެ އަލާމާތްތައް ގޯސްވެ، އެލަރޖީ ރިއެކްޝަންތައް އިތުރަށް ކުރިމަތިވެދާނެއެވެ.

އެންމެ ފަސޭހަ ހައްލު

ދިރާސާ ކުރި ފަރާތްތަކުން ވަނީ ހިތްހަމަޖެހޭ އަސަރެއްވެސް ފާހަގަކޮށްފައެވެ. ގޭގެތެރެ ސާފުކޮށް ކުރަފި ނައްތާލުމުން، ގެތެރޭގެ ވައިގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާގެ އަސަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން އެނގުނެވެ. އެހެންކަމުން، ގޭގެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި ކުރަފި ނައްތާލުމަކީ ހަމައެކަނި ފަސޭހަކަމާއި ރީތިކަމަށް ކުރާ ކަމެއް ނޫނެވެ. އެއީ ތިމާގެ އާއިލާގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ. ގޭގެތެރެއިން ކުރަފި ދުރުކުރުމަކީ ރައްކާތެރި އަދި ދުޅަހެޔޮ މާހައުލެއް ބިނާކުރުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން