Ads by Stelco

ޚަބަރު

އުތުރުގެ ތަރައްޤީގެ ދޮރާށި ކަމުގައިވާ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި

އުތުރުގެ ތަރައްޤީގެ ދޮރާށި ކަމުގައިވާ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ނޮވެމްބަރު 2025، 10:40

09 ނޮވެމްބަރު 2025، 10:40

މުޅި އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ހުޅުވައިފިއެވެ. 

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާ ގުޅިފައިވާ ބޮޑު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނިމާދޫއަށް މިރޭ ވަޑައިގަތީ މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާ ބޯޓެއްގައެވެ. މިއީ ނެރޯ ބޮޑީގެ އެންމެ ބޮޑު އެއަރކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ މަތިންދާ ބޯޓެއް ހަނިމާދޫއަށް ޖެއްސި ފުރަތަމަ ފަހަރު ކަމަށްވާއިރު، ހަނިމާދޫއަށް ނިސްބަތްވާ ޕައިލެޓަކާއެކު މި މަތިންދާބޯޓު ޖެއްސުމާއެކު އެއަރޕޯޓުން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އެއިރޯ ބުރިޖުން ރައީސުލްޖުމްހޫރިއްޔާ ޓަރމިނަލަށް ފައިބާވަޑައިގަތުމާއެކު އެމްއޭސީއެލްއާއި، ސަރުކާރުގެ އިސްވެރިން ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ހަނިމާދޫ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެ ޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫ އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަރުކާރުގެ ވަޒީރުންނާއި، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއެކު، ކުލަގަދަ ހަރަކާތްތަކެއްގެ ތެރެއިން ހަވާ އެރުވުމާއި ލައިޓް ޝޯވއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ 10،380 އަކަމީޓަރުގެ ބޮޑު ޒަމާނީ ޓާރމިނަލެކެވެ. ޓާރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. މީގެ އިތުރުން އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖް ވެސް ވަނީ މި އެއަރޕޯޓުގައި ޤާއިމްކޮށްފައެވެ.

މި އެއަރޕޯޓުގައި 2،465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް ވެސް ހިމެނެއެވެ. އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް (އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް) ޕާކުކުރެވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ.

އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ތިން އަހަރަށްފަހު ނިމުމަކާ ހަމައަށް އައި މި ބޮޑު މަޝްރޫޢަށް 136.6 މިލިޔަން ޑޮލަރު ނުވަަތަ ދެ ބިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި އެއަރޕޯޓު ހުޅުވުމަކީ އުތުރުގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން