ޚަބަރު
ރާއްޖޭގެ އެންމެ އުތުރުގައި އިންވެސްޓުކުރުން ދެން ވާނީ ރަނުގެ ފުރުސަތަކަށް: ރައީސުލްޖުމްހޫރިއްޔާ
ހަނިމާދޫ އެއާރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދެއްކެވުން----
ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓާއެކު ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އިންވެސްޓުކުރުން ދެން ވާނީ ރަނުގެ ފުރުސަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހަނިމާދޫ އެއާރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުތުރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ މިހާރު ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރިސޯޓު ހުޅުވުން ވާނީ އެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވުމުގެ ފެށުން ކަމަށެވެ.
އެހެންކަމުން، ހުރިހާ ގިންތިއެއްގެ ވިޔަފާރިވެރިން ވެސް ބޮޑު ތިލަދުންމައްޗަށް ވަޑައިގެން އެ ސަރަޙައްދުގައި ވިޔަފާރިތައް ފެށުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.
އަޅުގަނޑު އެދެން ހަމަ އެންމެ ފުޅާމިނުގައި ރާއްޖޭގެ ވިޔަފާރިވެރިން ހާއްސަކޮށް، ކުދި ބޮޑު އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން، މި ސަރަހައްދުގައި އިންވެސްޓްކުރަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު އޮތީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ހުރިހާ ދާއިރާއަކުން ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.
އެގޮތުން އުތުރުގައި ޓޫރިޒަމް ފުޅާކުރުމަށް އެމްޓީޑީސީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހއ އާއި ހދ އަދި ށ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އެ އަތޮޅުތަކުގެ ފަޅުތައް އިންވެސްޓަރުންނަށް ކުއްޔަށް ދެވޭނެ ލުއިގޮތްތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންގެ ޝައުގުވެރިކަން މިހާރު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ތަރައްޤީގެ ޕްލޭނުގައި އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއް ކަނޑައަޅައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ތަރައްޤީ ކުރަން ހިމަނާފައި ވެއެވެ. އަދި ރާއްޖޭގެ އުތުރުގައި އެ ސިޔާސަތު ހަޤީގަތަށް ހެދުމަށްޓަކައި ހަނިމާދޫ އެއާރޕޯޓަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭއިރު، ހަނީމާދޫ އެއާރޕޯޓު ވަނީ އެ ގުޅުން ރަމްޒުކޮށްދޭނެ މުހިންމު ބިނާއަކަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓު ތަރައްޤީކުރުމަށް ވަނީ ހަރަދުކޮށްފައެވެ.