Ads by Stelco

ޚަބަރު

ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޞާލިޙަށް "ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު" އަރުވައިފި

ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޞާލިޙަށް "ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު" އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މ. ޝުއާސް މުޙައްމަދު ޞާލިޙް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ނޮވެމްބަރު 2025، 10:52

11 ނޮވެމްބަރު 2025، 10:52

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އައްޑޫ އަތޮޅު ހުޅުދޫއަށް އުފަން މ. ޝުއާސް މުޙައްމަދު ޞާލިޙަށް، ދިވެހި ދައުލަތުގެ ޢިއްޒަތް ކަމަށްވާ "ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު" އަރުވައިފިއެވެ. މި ޝަރަފު އެރުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މުޙައްމަދު ޞާލިޙް ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ، ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް، ގައުމުގެ އިޤްތިޞާދު ބިނާކުރެއްވުމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ. ޞާލިޙް ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭނާގެ ޚިދުމަތްތަކުގެ ތެރޭގައި 1951 ވަނަ އަހަރު އައްޑޫގައި ހުރި ރޯޔަލް އެއަރފޯސްގައި 15 ވަރަކަށް އަހަރު ޚިދުމަތްކުރެއްވުން ހިމެނެއެވެ. މި މުއްދަތުގައި ކާގޯ ކްލިއަރެންސްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތްވެސް ކުރެއްވިއެވެ. އެއަށްފަހު، އެއްކުރެވުނު ފައިސާއަށް އަލްޓަރފްގެ ނަމުގައި ފުރަތަމަ ކުންފުނި އުފައްދަވާ، ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތީއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް އިސްކަންދެއްވާ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ތަޢާރަފްކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ރީޓެއިލް އަދި ހޯލްސޭލްގެ އެކި ވިޔަފާރިތައް ކުރައްވާފައިވާއިރު، 2000 ވަނަ އަހަރު ދަމާސް އުފައްދަވާ، އޭނާގެ ވިޔަފާރި ފުޅާކުރެއްވިއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ގެނައުމުގައި ޞާލިޙްގެ ބުރަ މަސައްކަތް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ ފުރަތަމަ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވީވެސް ޞާލިޙެވެ. އަދި އުފަން އަތޮޅުކަމުގައިވާ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހެރެތެރެ ވުޖޫދަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން، ސާރކްގެ ވިޔަފާރިވެރިންނަށް ދިވެހި ވިޔަފާރިވެރިން ތަޢާރަފްކޮށްދެއްވާ، ޤައުމުތަކުގެ މެދުގައި މުހިއްމު ވިޔަފާރީގެ ގުޅުންތައް ބިނާކުރުމުގައި މުހިއްމު ދައުރެއްވެސް އަދާކުރެއްވިއެވެ. އޭނާގެ ޚިދުމަތުގެ ދާއިރާ ފުޅާކުރައްވާ، 2012 ވަނަ އަހަރު މެޑިކާގެ ނަމުގައި ސިއްޙީ ޚިދުމަތް ވަނީ ފައްޓަވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރެއްވުމާއި، ސްކޫލްތަކުގައި ނަމާދުގެތައް ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ވަނީ ކޮށްދެއްވާފައެވެ.

ޞާލިޙްގެ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމަށް ބައި ޤަރުނު ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް ދައުލަތުން ވަނީ 2022 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. ފަތުރުވެރިކަމުގެ 50 އަހަރު ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި "ޕްރެޒިޑެންޓްސް ޓުރިޒަމް ގޯލްޑް އެވޯޑު" އަރުވާފައިވާއިރު، ސިންގަޕޫރާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ އެވޯޑެއް ދެއްވާފައެވެ. 
 

Ads by MSS

މި ލިޔުން ކިޔާލުމުން