ޚަބަރު
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް، އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުގެ އައްޑަނަ އަރުއްވަނީ.
ފަރުދުން
11 ނޮވެމްބަރު 2025، 03:18
11 ނޮވެމްބަރު 2025، 03:18
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 97 ބޭފުޅަކަށް، އަދި މަތީ ދަރަޖަ 33 ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު އަރުއްވައިފިއެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމާއި މަތީ ދަރަޖަ ހޯއްދެވި ބޭފުޅުންނަށް އިނާމު އަރުވާފައިވަނީ، ސޯޝަލް ސެންޓަރުގައި އަދު ހެނދުނު ބޭއްވި ދިވެހިރާއްޖޭގެ 57ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު މިއަދު އެރުވުނު 97 ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަށް ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނެވެ. އަދި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިނާމު ޙަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
President Dr @MMuizzu presents National Award for Public Service to 97 distinguished recipients, in honour of their unwavering dedication and exemplary service to the State, spanning 35 to 39 years. pic.twitter.com/v44Sjg4Dzh
— The President's Office (@presidencymv) November 11, 2025
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ ބެޖަކާއި، ޝަރަފުގެ އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ޚާއްޞަ ބޭފުޅުންނަށް އަރުވާ އިނާމެކެވެ. އެއީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލިއްޔަތާއި އިޚުލާޞްތެރިކަމާ އެކު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޡީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އިނާމެކެވެ.
ދައުލަތުގެ ކޮންމެ މަޤާމެއްގައި މަސައްކަތްކުރައްވާފައިވީ ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠު ހަމަވާނަމަ، 2021ވަނަ އަހަރުއްސުރެ ފެށިގެން ދެމުން އަންނަ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެވޭނެއެވެ.
މަތީ ދަރަޖައިގެ އިނާމަށް ޖެހިލާއިރު، މަތީ ދަރަޖަ އަރުވަނީ، ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވައިގެން، ނުވަތަ މަސައްކަތްތެރިކަމާއި ޢިލްމީ ރޮނގުން އެކި ކާމިޔާބީތައް ޙާޞިލުކުރައްވާފައިވާ ބޭފުޅުންނަށެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މަތީ ދަރަޖައިގެ އިނާމަށް މި ފަހަރު ފޯމު ހުށަހެޅި 90 ބޭފުޅުންގެ ތެރެއިން، އިނާމުގެ ޝަރުޠު ހަމަވީ 33 ބޭފުޅަކު އެކަންޏެވެ.
އެ ބޭފުޅުންނަކީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10ގެ ސަނަދެއް ޙާޞިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 8 ބޭފުޅަކާއި، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ނުވަތަ ލެވަލް 8ގެ ނުވަތަ ލެވަލް 9ގެ ސަނަދެއް ޙާޞިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 23 ބޭފުޅެކެވެ. އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުން ނުވަތަ ބައިނަލްއަޤުވާމީ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ޙައްޤުވި 2 ބޭފުޅެކެވެ.
މަތީ ދަރަޖައިގެ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން pic.twitter.com/E7Xxw2KFec
— The President's Office (@presidencymv) November 11, 2025