ޚަބަރު
ފަނޑިޔާރުންނާ ގުޅޭ މުހިންމު އިސްލާޙުތަކެއް ގެނަމަށް ހުށަހެޅި ބިލު ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
12 ނޮވެމްބަރު 2025، 07:59
12 ނޮވެމްބަރު 2025، 07:59
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނަމަށް ހުށަހެޅި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލުން، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރެވިގެން ދާނެގޮތަށް އިސްލާޙުތަކެއް ވަނީ ގެނަސްފައެވެ.
އަދި މި އިސްލާޙުތަކުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ވަނީ ތަފްޞީލުކޮށްފައެވެ.
މީގެ އިތުރުން ފަނޑިޔާރުން ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި، ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ޙަވާލުކުރުމުގެ އުސޫލުތައް ވެސް މި ބަދަލާއެކު ޤާނޫނަށް މިވަނީ އިތުރުކުރިވިފައެވެ.
ހަމައެއާއެކު، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖަޢާކުރުމުގެ އިތުރުން، ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
މިބިލަކީ، 2025 ނޮވެންބަރު 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.