ޚަބަރު
އެންމެ އިސްކަންދެނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދުމަށް، އެކަން އެގޮތަށް ކުރާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ޕީއެސްއެމް
ފަރުދުން
14 ނޮވެމްބަރު 2025، 11:33
14 ނޮވެމްބަރު 2025، 11:33
ދިވެހި ރާއްޖޭގެ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށްކަަމަށާއި އެކަން އެގޮތައް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ވެރިކަންކުރާ ޕާޓީ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާ "ދިވެހީންގެ ރާއްޖެ" ގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަ އާއި، ބިދޭސީންގެ މައްސަލަ އަދި ގޭންގް ކުށްތަކުގެ މައްސަލަަ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މިކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ އެއްވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށާ މިއީ މަސްތުވާތެކެތީގެ މައްސަލައަށް ހައްލު ހޯދުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ، މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު، އިސްލާހުވެގެން ނުކުންނައިރު ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ އިރާދަކުރެއްވިއްޔާ
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވެން އޮތީ އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކޮށް، އޭގެ ވިޔަފާރިކުރާ މީހުން ހުއްޓުވައިގެން ކަމުގައެވެ. މިކަމުގައި ހުރިހާ އެންމެންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އެގޮތުން، އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްފިނަމަ ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހާސިލް ކުރުމަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިދޭސީންގެ މައްސައާއި ގުޅިގެން ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއިރު ކާކުކަން ނޭންގޭ އެތައް ބިދޭސީންނެއް އުޅެމުން ދިޔަ ކަމުގައެވެ. ނަމަވެސް ސަރުކާރުން ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަސައްކަތުން މިހާތަނަށް 191،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބައިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް. މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓަރ ނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްވާގޮތައް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓްކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް ބޮޑުވެފައި އޮތް މައްސަލައެއް ނަމަވެސް އެއީ އެއްވެސް ސަރުކާރަކަށް ހައްލުކުރެވިފައި ނެތް މައްސަލައެއް ކަމުގައެވެ.