Ads by Stelco

ޚަބަރު

އެނބުރި މި ދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޚްލޫފް

އެނބުރި މި ދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޚްލޫފް

އަޙުމަދު މަޚްލޫފް ޕީއެންސީއާ ގުޅުނުކަމުގެ އިޤުރާރު ޕީއެންސީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކުރެއްވުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ނޮވެމްބަރު 2025، 04:27

15 ނޮވެމްބަރު 2025، 04:27

އެނބުރި އެ ދިޔައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ހުކުރު ދުވަހުގެރޭ ބޭއްވި "ދިވެހީންގެރާއްޖެ" ޖަލްސާގައި އެ ޕާޓީއަށް ރަސްމީކޮށް ގުޅިވަޑައިގެންނެވި އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ވެރިކަމުގައި ކުޅިވަރާ ބެހޭ ވަޒީރުގެ ގޮތުގައި ހުންނެވުމަށްފަހު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންނެވި މަޚްލޫފް މީސްމީޑިއާގައި މިއަދު ޚިއްޞާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޕީއެންސީގެ ފިކުރަކީ މަޚްލޫފަށް އައު ފިކުރެއް ނޫން ކަމަށާއި، ނަން ބަދަލުވެފައިވީ ނަމަވެސް އެއީ އެ ބޭފުޅާގެ ކުރީގެ ސިޔާސީ ފިކުރު ކަމަށެވެ.

މަޚްލޫފްގެ ސިޔާސީ ޚިދުމަތުގެ ތާރީޙުގެ އުސްއަލިތައް ޚިއްޞާ ކުރައްވަމުން ވިދާޅުވީ، އެމްޑީޕީއިން ނޫނިއްޔާ އެ ބޭފުޅާ އަމިއްލަފުޅަށް ވަކިވެވަޑައިގެންނެވި ޕާޓީއެއް ވެސް ނޯންނާނެކަމަށެވެ. 

އެގޮތުން 2005ވަނަ އަހަރު ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގައި މަސައްކަތްކުރެއްވުމަށްފަހު އެ ޕާޓީއިން ވަކިކުރުމުން ދެން ގުޅިވަޑައިގެންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)އާއެވެ. އަދި މަޚްލޫފް އަކީ ރައީސް މަޢުމޫނާއެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރުކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު 2014ވަނަ އަހަރު ޕީޕީއެމްއިން ވަކިކުރެއްވީކަމަށް ވިދާޅުވިއެވެ. ޕީޕީއެމްއިން ވަކިކުރުމުން ދެން މަޚްލޫފް މަސައްކަތް ކުރެއްވީ އިދިކޮޅު އިއްތިހާދާއެކުއެވެ.

އިދިކޮޅު އިއްތިހާދާއެކު 4 އަހަރު މަސައްކަތްކުރުމަށްފަހު، 2018 ގަ MDP އާއި ގުޅުނީމެވެ. އެޕާޓީގެ މެންބަރުންގެ ލޯބި އަދި ތާއީދު ބޮޑުކޮށްލިބުނެވެ. އަޅުގަނޑު ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އަދި އަޅުގަނޑު ފަހުން އެމައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން ފުރުސަތު ލިބުނެވެ. ވޯޓު ލުމުގެ ހައްގުލިބިފައިވާ މެންބަރުގެ ތެރެއިން އެންމެ މަތީ އަގުލަބިއްޔަތުން އަޅުގަނޑު އިންތިހާބު ކޮށްދިނެވެ.

އަޚްމަދު މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ، އެ ބޭފުޅާ އެމްޑީޕީއިން ވަކިވެވަޑައިގެންނެވުމުން އެކަމާ އުފާވާނެ ބަޔަކު އެ ޕާޓީގެ "މަތިފަޑީ"ގައި ތިބޭނެކަމަށެވެ. ނަމަވެސް މަޚްލޫފް އެ އިޝާރާތް ކުރެއްވީ ކޮން ބޭފުޅުންނަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ސިޔާސީ ހަރަކާތްތަކުން ދުރުވީ، އެމްޑީޕީއިން ކަންތައް ކުރެއްވި ގޮތުން ފޫހިވެގެންކަމަށް ވެސް މަޚްލޫފްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

2023 ގެ އިންތިހާބަށް ފަހު އަޅުގަނޑު މިހުރީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައެވެ. އަޅުގަނޑާމެދު ކަންކޮށްފައިވާގޮތުން ފޫހިވެފަ ހުރިލެއް ބޮޑުކަމުންމެވެ.

އަޚްމަދު މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފްގެ މެސެޖު ނިންމަވާލެއްވީ، އެ ބޭފުޅާ އެނބުރި އައުމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ލީޑަރޝިޕުން ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވަމުންނެވެ. 

މަޚުލޫފްއަކީ ކުރީ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަޚްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.

މަޚްލޫފްގެ އިތުރުން، ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އިމާދު ލަޠީފް އާއި އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ޗަބީގެ އިތުރުން، ޙުސައިން މަނިކާއި އެ ބޭފުޅާގެ އާއިލާގެ ގިނަ ބަޔަކު  ޕީއެންސީއާ ވަނީ ރޭ ގުޅިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން