ދުނިޔެ

ޕާކިސްތާނުގެ އެންމެ މަޝްހޫރު ޤައުމީ ނޫހުގައި އޭ.އައި.ގެ ލިޔުމެއް، ގިނަ ބަޔެއްގެ ފާޑުކިޔުން!

ޕާކިސްތާނުގެ އެންމެ މަޝްހޫރު ޤައުމީ ނޫހުގައި އޭ.އައި.ގެ ލިޔުމެއް، ގިނަ ބަޔެއްގެ ފާޑުކިޔުން!

ޑޯން ނޫހުން ޝާއިޢުކުރި ރިޕޯޓު.

farudhun logo

ފަރުދުން

18 ނޮވެމްބަރު 2025، 04:44

18 ނޮވެމްބަރު 2025، 04:44

ޕާކިސްތާނުގައި އިނގިރޭސި ބަހުން ހިންގާ އެންމެ މަޝްހޫރު ނޫސް ކަމުގައިވާ "ޑޯން"ގައި އޭ.އައި.ގެ ލިޔުމެއް ޝާއިޢުކުރި ކަން ހާމަވެ، ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.

އޮކްޓޫބަރު މަހު ޕާކިސްތާނުގައި ކާރު ގަނެވިއްކުމުގެ ތަފާސްޙިސާބުތަކާ ބެހޭ ގޮތުން ޑޯންގެ ނޫސްކަރުދާހުގައި މި މަހު ޝާއިޢުކުރި ރިޕޯޓުގެ އެންމެ ފަހަތުގައި އޮތް ތަންކޮޅު ކިޔުންތެރީންގެ ލޮލުގައި އަޅައިގަތެވެ. "ތިބާ އެދޭނަމަ، މިއަށް ވުރެ ވެސް ކުރުކޮށް، "ފްރަންޓް-ޕޭޖް ސްޓައިލް ވަރޜަން"އެއް އަހަރެން ތައްޔާރުކޮށްދީފާނަން" އެ ލިޔުމުގެ ނިމޭކޮޅުގައި އޮތެވެ. މިއީ ޗެޓް-ޖީ.ޕީ.ޓީ. ނުވަތަ އެ ނޫން ވެސް އޭ.އައި.އެއް ލައްވާ ލިޔުން ލިޔުއްވި ކަމުގެ ހެއްކެކެވެ. ޑޯން ނޫސްކަރުދާހުގައި މި ރިޕޯޓު ޕްރިންޓުކުރެވުނީ، މި ތަންކޮޅު އުނިނުކޮށެވެ.

މި މައްސަލައާ ގުޅިގެން އިޖުތިމާޢީ ވިޔުގަތަކުގައި ގިނަ ބަޔަކު ފާޑުކިޔުމުން، ޑޯން ނޫހުން ވަނީ މި ކަމާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށްފައެވެ. ޑޯން ނޫހުން ބުނީ، އޭ.އައި. ލައްވާ ލިޔުއްވުމަކީ އެ ނޫހުގެ އުޞޫލު ތަންދޭ ޢަމަލެއް ނޫން ކަމަށާއި، ނޫހުގެ ޤަވާޢިދާ ޚިލާފަށް ކުރި މި ޢަމަލާ ގުޅޭގޮތުން ތަޙުޤީޤުތައް ކުރަމުން އަންނަ ކަމަށެވެ. އަދި ކުށަށް މަޢާފަށް އެދި، މުސްތަޤުބަލުގައި މިފަދަ ކަމެއް ވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޑޯންގެ އެޑިޓޯރިޔަލް ޓީމުން ބުނެފައިވެއެވެ. ޑޯން ނޫހުން ބުނީ، އެ ނޫހުގެ ޤަވާޢިދުގެ ތެރެއިން އޭ.އައި. ބޭނުންކުރެވޭނީ ލިޔުންތެރިޔަކު ލިޔެފައިވާ ލިޔުމެއް އިތުރަށް ފަށުވިކުރަން އެކަނި ކަމަށާއި، އެ ބޭނުމުގައި އޭ.އައި. އިސްތިޢުމާލުކޮށްފި ނަމަ، އެ ކަން ސީދާ ބަހުން ލިޔުމުގައި ބަޔާންކުރުމަކީ އެ ނޫހުގެ ޤަވާޢިދުގައި ޝަރުޠުކޮށްފައިވާ ކަމެއް ކަމަށެވެ.

ޑޯން ނޫހަކީ، އިންޑިޔާއާ ވަކި ޤައުމެއްގެ ގޮތުގައި ޕާކިސްތާނު އުފެއްދެވި މުޙައްމަދު ޢަލީ ޖިނާޙު، 1941ވަނަ އަހަރު ފެއްޓެވި ނޫހެކެވެ. ވުމާ އެކު، އެ ނޫހަކީ ޕާކިސްތާނުގެ އެންމެ މުޢުތަމަދު، ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ އިނގިރޭސި ނޫހުގެ ގޮތުގައި ވަނީ ބަލައިގަނެވިފައެވެ.

ޑޯން ނޫހުން އޭ.އައި. ބޭނުންކުރި މައްސަލައިގައި އިންޓަނެޓުގައި ގިނަ ބަޔަކު ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

މި ކަމާ ބެހޭ ގޮތުން ސަޢާދަތު ނަމަކަށް ކިޔާ މީހަކު ލިޔުނެވެ: "އަހަރެން ނޫސްކަރުދާސް ގަންނަނީ އަމިއްލައަށް ލިޔާ އޮރިޖިނަލް ލިޔުންތައް ކިޔުމަށް. އޮންލައިންކޮށް އަހަންނަށް ހުރިހައި އެއްޗެއް ކިޔެންޏާ، ނުވަތަ ޗެޓް-ޖީ.ޕީ.ޓީ. ގާތު އެހެންޏާ، ބޭކާރު ގޮތުގައި ފައިސާ ޚަރަދުކޮށްގެން ނޫސްކަރުދާސް ގަތުމުގެ ބޭނުމަކީ ކޮބައި؟"

އުންމެޙަބީބާ ކިޔާ އެހެން މީހަކު ބުނެފައިވެއެވެ: "ޑޯން ނޫހަށް މަލާމާތް ރައްދުވީ އޭ.އައި. ބޭނުންކުރީމަކައެއް ނޫން. ޑޯންއަށް މަލާމާތް ރައްދުވީ ސިކުނޑި ބޭނުން ނުކުރީމާ... އޭ.އައި. ކަން އެނގޭ ތަންކޮޅު އުނިނުކުރީމާ. ވަރަށް ރީއްޗަށް އެނގޭ އެޑިޓަރު މީތި ކިޔާފައި ނެތް ކަން. ސީދާ ހަމަ ކޮޕީ ޕޭސްޓު ކޮށްފައި ކަން އޮތީ."

މިފަދަ އެތައް ކޮމެންޓެއް ގިނަ ބަޔަކު ޙިއްޞާކޮށްފައިވީ ނަމަވެސް، ނޫސްވެރިކަމުގެ ދާއިރާއަކީ ވަރަށް ކުޑަ އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށާއި، ވީމާ އޭ.އައި. ބޭނުންކޮށްގެން މަސައްކަތް ފަސޭހަކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކޭ މަދު ބަޔަކު ވެސް އުޅެއެވެ.

މިފަދަ ގޮތަކަށް ޤަބޫލުކުރާ މާހިމް ނަމަކަށް ކިޔާ މީހަކު ބުންޏެވެ: "އަހަރެން ވަރަށް ދެރަވޭ އެންމެން އޭ.އައި.ގެ މައްސަލައިގައި މަލާމާލްކުރާތީ. އިނގިރޭސި އެޑިޓަރުންނަކީ ވަރަށް އުނދަގުލުން ހޯދޭ ބައެއް. ތަމްރީނުކުރާށާއި، ދިގު މުއްދަތަށް ގެންގުޅެން ވެސް އުނދަގޫ. މުސާރަ ވެސް ވަރަށް ކުޑަ މަސައްކަތެއް. އެއްވެސް މީހަކު ބޭނުމެއް ނުވޭ ނޫސްވެރިކަމަށް ނުވަތަ ރީތި ލިޔުންތެރިކަމަށް އުޖޫރަ ދޭކަށް. ހުރިހައި އެންމެން ވެސް ބޭނުންވަނީ ހިލޭ."

Ads by MSS

މި ލިޔުން ކިޔާލުމުން