ދުނިޔެ
ފަންޑު ނެތުމުގެ ސަބަބުން ދުނިޔޭގެ ބަނޑުހައިހޫނުކަން އިތުރުވެދާނެކަމަށް ޑަބްލިއުއެފްޕީއިން އިންޒާރު ދީފި
ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ބަހާ ކާނާގެ ބާވަތްތަކެއް ސޫދާނުގައި ޓްރަކަކަށް އަރުވަނީ
ފަންޑު ކުޑަވުމުގެ ސަބަބުން ދުނިޔޭގައި ބަނޑުހައިހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވެ، އަންނަ އަހަރު 300 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާނާ ނުލިބުމުގެ ބިރު އެބައޮތް ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.
ޑަބްލިއުއެފްޕީގެ 2026 ވަނަ އަހަރުގެ ގްލޯބަލް އައުޓްލުކް ރިޕޯޓުގައި ބުނެފައި ވަނީ، "ބަނޑުހައިހޫނުކަން ކަންބޮޑުވާ ދަރަޖައެއްގައި ދެމި އޮންނާނެ ކަމަށް" ބެލެވޭ ކަމަށެވެ. މި ރިޕޯޓުގައި ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރު 318 މިލިއަން މީހުންނަށް ކާބޯތަކެތި ނެތް ހާލަތެއް ކުރިމަތިވާނެ ކަމަށާއި، މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
އެކިއެކި ސަރަހައްދުތަކުގައި ކާނާގެ އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންގެ ތެރެއިން، ގާތްގަނޑަކަށް 41 މިލިއަން މީހުން ތިބޭނެ ކަމަށް ލަފާކުރެވެނީ "އެމަޖެންސީ" ފޭސް ނުވަތަ އެއަށްވުރެ ގޯސް ހާލަތެއްގައެވެ. މިއީ ދުނިޔޭގައި ބަނޑުހައިހޫނުކަން ބަލަހައްޓާ ސިސްޓަމްގައި އައިޕީސީ 4 ނުވަތަ އެއަށްވުރެ މަތީ ދަރަޖައެކެވެ. ޑަބްލިއުއެފްޕީ އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ގާތްގަނޑަކަށް 110 މިލިއަން މީހުންނަށެވެ. މާނައަކީ، ކާނާގެ އެހީތެރިކަން ބޭނުންވާ ގިނަ ބަޔަކަށް އެ ޖަމިއްޔާގެ އެހީ ނުލިބި ދާނެއެވެ.
ޑަބްލިއުއެފްޕީގެ އޮޕަރޭޝަންތަކަށް 2026 ވަނަ އަހަރަށް ބޭނުންވާނެ ކަމަށް ލަފާކުރެވެނީ 13 ބިލިއަން ޑޮލަރެވެ. މި ފައިސާގެ ބޮޑުބައި ހޭދަކުރާނީ ބަނޑުހައިހޫނު ކަމުގެ ކާރިސާތަކަށް އިޖާބަދިނުމަށާއި، ދެމިހުންނަނިވި ހައްލުތައް ހޯދުމަށާއި އަދި މައްސަލަތަކުގެ އަސްލުތަކަށް އެޑްރެސް ކުރުމަށެވެ. ނަމަވެސް، މިހާރުގެ ލަފާކުރުންތަކަށް ބަލާއިރު، ޑަބްލިއުއެފްޕީއަށް ލިބޭނެ ކަމަށް ބެލެވެނީ އެ އަދަދުގެ ދެބައިކުޅަ އެއްބައި އެކަންޏެވެ.
މިދިޔަ މަހު އެ ޖަމިއްޔާއިން ބުނެފައި ވަނީ އަންނަ އަހަރު ފަންޑު 40 އިންސައްތަ ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތާއެކު، ޑަބްލިއުއެފްޕީ އާއި އދ. ގެ އެހެނިހެން އެޖެންސީތަކަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާއިން ވަނީ ފަންޑު ކުޑަކުރާނެކަން އިއުލާނުކޮށްފައެވެ.
ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑިރެކްޓަރު ސިންޑީ މެކެއިން ވިދާޅުވީ، "މިހާރު ވަނީ ޣައްޒާ އާއި ސޫދާނުގެ ބައެއް ސަރަހައްދުތަކުގައި އެއްފަހަރާ ބަނޑުހައިހޫނުކަމުގެ ހާލަތާ ކުރިމަތިލާފަ އެވެ. 21 ވަނަ ގަރުނުގައި މިފަދަ ކަމެއް ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ."
އޭނާ އިތުރަށް ވިދާޅުވީ، "ބަނޑުހައިހޫނުކަން ދަނީ އިތުރަށް ބޮޑުވަމުންނެވެ. އަޅުގަނޑުމެންނަށް އެނގޭ އަވަސް އަދި އަސަރުކުރާ ހައްލުތަކަކީ ފުރާނަ ސަލާމަތްކުރާ ކަންކަން ކަމަށް، ނަމަވެސް އަޅުގަނޑުމެންނަށް އިތުރު އެހީތެރިކަމަށް ބޭނުންވެ އެވެ."
ޣައްޒާ ސިޓީ އާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދު އެއްކޮށް ބަންދުކުރިތާ މަސްތަކެއް ފަހުން އޮގަސްޓު މަހު އައިޕީސީ އިން ވަނީ ބަނޑުހައިހޫނުކަން އިއުލާނުކޮށްފަ އެވެ.
އިސްރާއީލުން ކާނާ، ތެޔޮ، ފެން އަދި ބޭސް ފަދަ ސާމާނު ޣައްޒާއަށް ގެންދިއުމަށް ހުރަސް އަޅަމުންދާތީ، ފަލަސްތީނުގެ އެ ސަރަހައްދުގައި ބަނޑުހައިހޫނުކަމުގެ ހާލަތު އަދިވެސް ވަރަށް ގޯހެވެ.
މީގެ އިތުރުން، ސޫދާނުގެ އެލް-ފާޝަރ އަދި ކަޑޫގްލީގައި މި މަހު ވަނީ ބަނޑުހައިހޫނުކަމުގެ ހާލަތު ކަށަވަރުކުރެވިފައެވެ. އަދި ދާފޫރުގެ އަދި ކޯޑޮފާންގެ 20 ސަރަހައްދެއްގައި ވެސް ބަނޑުހައިހޫނުކަމުގެ ނުރައްކާ އެބަ އޮތެވެ.
ދުނިޔޭގައި ބަނޑުހައިހޫނުކަން އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައެވެ. ކާނާގެ ސަލާމަތީ ނެތް ހާލަތުގެ ތިންބައިކުޅަ ދެބަޔަށް ވުރެ ބޮޑު ބަޔަކީ ހަނގުރާމައާ ގުޅިފައިވާ ކާރިސާތަކެވެ. އަފްޣާނިސްތާން، ޔަމަން، ސީރިއާ، ދެކުނު ސޫދާން، އިރުމަތީ އެފްރިކާގެ ސާހިލް ސަރަހައްދު، ކޮންގޯގެ ޑިމޮކްރެޓިކް ރިޕަބްލިކް، ހައިޓީ އަދި ނައިޖީރިއާ ފަދަ ގައުމުތަކަކީ ވެސް ކަންބޮޑުވުން އުފެދޭ އެހެން ހޮޓްސްޕޮޓްތަކެވެ. ޑަބްލިއުއެފްޕީ އިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ނާޒުކުކަމާއި، ކާނާ އަދި ހަކަތައިގެ އަގުތައް ބޮޑުވުމަކީ ވެސް މި ހާލަތު އިތުރަށް ގޯސްކުރާ ކަންކަމެވެ.