ޚަބަރު
މާލެ ސަރަޙައްދުގައި ޤާއިމްކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ހުޅުވައިފި
މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
19 ނޮވެމްބަރު 2025، 07:32
19 ނޮވެމްބަރު 2025، 07:32
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން، ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމްކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ސެންޓަރު ހުޅުވައިދެއްވީ އެ ކަމަށް ޚާއްޞަކޮށްގެން މިއަދު ހަވީރު މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވައި، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި އަދި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެއެވެ.
އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުލްރައްޒާޤް ޙަލީމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަޙައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލެ ސަރަހައްދުގައި ޤާއިމުކުރެވޭ ފުރަތަމަ އާރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުއްވައިދެއްވުން pic.twitter.com/TJywsQtZKR
— The President's Office (@presidencymv) November 19, 2025
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ރައްކާތެރިވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރާނެއެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.