ދީން / ރިޕޯޓް
ހަފުތާ 104: އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ޤަދަރާއި އިޙްތިރާމް ދެމެހެއްޓެވުމުގައި ހަރުދަނާ ފިޔަވަޅުތަކެއް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން
ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަމާއެކު ހޮއްވެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު މި ސަރުކާރުން ވަނީ ދީނީ ގޮތުން މި ޤައުމާއި ރައްޔިތުންނަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. ރާއްޖޭގެ ތާރީޚުގައިވެސް ކޮށްފައިނުވާ ގިނަ ގުނަ ކަންތައްތަކެއް މިދާއިރާއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެންމެ 2 އަހަރު ދުވަހުގެ ތެރޭ ކޮށްދެއްވާފައެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ދީނީ ރޮނގުން ކުރިއެރުންތައް ހޯދުމަކީ ޤައުމީ ފަޚުރެކެވެ. މި ސަރުކާރުން ދެ އަހަރުގެ ތެރޭގައި ދިވެހި މުޖުތަމަޢުގެ ދީނީ އަސާސްތައް ދެމެހެއްޓުމާއި، ދީނީ ޝުޢޫރުތައް އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކުން ފެށިގެން ވެރިކަމުގެ ދެއަހަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުތަކުގައި ދީނާ ޤައުމިއްޔަތަށް އިސްކަން ދިނުމަށާއި ދީނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ހުއްޓުމެއްނެތި ވަކާލާތު ކުރައްވާފައިވެއެވެ. ދީނީގޮތުން ދިވެހީންގެ ތެރޭގައި އަށަގަނެފައިވާ އާދަކާދަތަށް ދިރުވާ އާލާކޮށް، ޒުވާން މުޖުތަމަޢަކީ ދީނީ ޢިލްމު އުނގެނިގެންތިބި ބަޔަކަށް ހެއްދެވުން އެމަނިކުފާނު ހިމެނުއްވީ ލިސްޓުގެ އެއްވަނައިގައެވެ.
"އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
އިސްވެ ދެންނެވުނު ފަދައިން ކީރިތި ޤުރުއާނާ ދިވެހި މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން 2025 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެރިރާއްޖޭގެ އެންމެ އަގުބޮޑު އެންމެ އިނާމު ބޮޑު، އެންމެ ޝަރަފުވެރި މުބާރާތްކަމުގައި ހައްދަވާނެކަން ރައީސުލްޖުމުހޫރިއްޔާ އިޢުލާނު ކުރައްވާ، އެގޮތަށް ޢަމަލު ކުރައްވަން ފެއްޓެވުމަކީ ޤުރުއާން ދަސްކުރުމަށް ހިތްވަރުދީ، ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރެއްވުމަށް އެޅުންވި މުހިންމު ފިޔަވަޅެކެވެ.
2024 ވަނަ އަހަރު ބޭއްވުނު ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް އިޢުލާނު ކުރެއްވި ފަދައިން މި މުބާރާތަކީ، ރާއްޖޭގެ އެންމެ އަގުބޮޑު އެންމެ ޝަރަފުވެރި މުބާރާތަށް ހައްދަވާ، މުޅި މުބާރާތުން ކޮންމެ ގޮތްޕަކުން އެއްވަނަ ހޯދާ ފަރާތަކަށް ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. އަދި ޤުރުއާން މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ މުބާރާތަކަށް ހައްދަވާނެ ކަމުގެ ވަޢުދުވެސް އެމަނިކުފާނު ވަނީ ފުއްދަވާ ދެއްވާފައެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި. އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތްﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
މީގެ އިތުރުން ޙާފިޡުންނަށް ދޭ އިނާޔަތް ދެގުނައަށް ބޮޑު ކުރުމަށް ނިންމެވުމަކީ، ކީރިތި ޤުރުއާން ހިތުން ދަސްކުރާ ދަރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ. އެގޮތުން ޙާފިޒުންނަށް ދެމުން ގެންދާ އިނާޔަތް ދެގުނައަށް ބޮޑުކޮށް، މިސަރުކާރުން ވަނީ ރާއްޖޭގެ ޙާފިޒުންނަށް ޚާއްސަކޮށްގެން ދަސްވެނިވުމުގެ ޚާއްސަ ރަަސްމިއްޔާތެއް ބާއްވަންފަށްޓަވާފައެވެ. މިދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ އޭގެ ފުރަތަމަ ރަސްމިއްޔާތު ބާއްވައިފައިވާއިރު މިއީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައި. ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު.
މި ސަރުކާރުން ދީނީ ގޮތުން ކުރިއަރާފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމުގެ ގޮތުން ދީނީ އިލްމުވެރިންނާއި ޢާންމު ރައްޔިތުންނާ ބައްދަލުވެ، ދީނީ ޝިޢާރު އާލާކުރުމަށްޓަކައި، މި ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް މަހާސިންތާތައް ބާއްވަން ފަށްޓަވާފައެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފަތުވާ މަހާސިންތާއެއް ބޭއްވުމާއި، ފުރަތަމަ ފަހަރަށް ޒަކާތާއި ގުޅުންހުރި މަހާސިންތާތަށް ބާއްވަން ފެށްޓެވުން ހިމެނެއެވެ.
މި މަހާސިންތާއަކީ ދީނީ މައްސަލަތަކުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޝަރީޢަތުގެ އަލީގައި ހައްލު ހޯދައިދިނުމާ ދީނީ ގޮތުން ފަސޭހަ ކަމާއެކު މަޢުލޫމާތު ހޯދާ، އޮޅުން ފިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ހަމަ އެފަދައިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތު މަހާސިންތާއެއް ބާއްވާފައިވުމަކީ ޒަކާތުގެ މުހިންމުކަމާއި އޭގެ ހަމަތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ، އެކަމުގެ މާހިރުންނަށް ތަރުރިބާކާރުންގެ ފަރާތުން މަޢުލޫމާތު ލިބިގަނެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު އަގުހުރި ފިޔަވަޅެކެވެ.
ދީނީގޮތުން ކުރިއެރުން ހޯއްދެއްވުމުގެ ގޮތުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ގާއިމްކޮއްފައިވާ އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވިއެވެ.
މި އިދާރާ އުފެދިގެން ދިއުމާއެކު ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޒަކާތު ފަންޑުން ދެމުން ގެންދާ ޚިދުމަތްތަށް އިތުރަށް ފުޅާވެގެން ދިޔައެވެ. އެގޮތުން ޒަކާތު ފަނޑުން ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ތެލެސީމިއާ ކުދީންގެ ތެރެއިން ކަނޑައެޅޭ ވަކި ޢަދަދެއްގެ ކުދިންނަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ބޯންމެރޯ ހެދުމަށް މާލީ އެހީ ދިނުމާއި، މަތީ ތަޢުލީމު ޙާޞިލުކުރުމުގެ މާލީ ޤާބިލުކަން ނެތް ޒުވާނުންނަށް އިސްލާމީ ތަޢުލީމުގެ ދާއިރާއިންނާއި ގައުމަށް ކޮންމެހެން ބޭނުން ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރުމަށް ޒަކާތު ފަންޑުން ކޮންމެ އަހަރަކު ވެސް ވަކި ތަރުތީބަކުން ކަނޑައެޅޭ އުޞޫލެއްގެ ދަށުން ސްކޮލާރޝިޕްގެ ފުރުޞަތު ދިނުމަށްވެސް މިހާރު ވަނީ ފަށްޓަވާފައެވެ.
އިރާދަކުރެއްވިއްޔާ، އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތެއްގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމެވުމަކީ ސަރުކާރުގެ ބޮޑު ކާމިޔާބީއެކެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރެވުނު މުހިންމު މަސައްކަތަކަށް ވާއިރު، މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ފަޤީރުންގެ ދަފްތަރުގައި ތިބި އެންމެން ފަރުޟު ޙައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މި ވަޢުދުފުޅު ފުއްދުމުގެ މަސައްކަތް އެ މަނިކުފާނު ވަނީ 2024 ވަނަ އަހަރު ފައްޓަވާފައެވެ. އެގޮތުން މިދިޔަ އަހަރު ޙައްޖަށް ފޮނުވި 50 މީހުންގެ އިތުރުން، މި އަހަރު ފޮނުވި 50 މީހުންނާއެކު މިހާތަނަށް 100 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ވަނީ ސަރުކާރުން ފަހިކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ދާއިރާއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޙާޞިލުކުރައްވައިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ރާއްޖޭގެ ރަށްތަކުގައި ދަތިވެފައިވާ އިމާމުންގެ މައްސަލައަށް ޙައްލު ހޯދިގެން ދިއުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެއްވި ބުރަ މަސައްކަތުން ޚަޠީބުންގެ ދަތިކަމަށް އޮތް މައްސަލައަށް ކުޑަ ދުވަސްކޮޅެއްތެރޭ ވަނީ ޙައްލު ހޯއްދަވާފައެވެ. ސަރުކާރުގެ މިންނެތް މަސައްކަތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 500އަށް ވުރެ ގިނަ ޒުވާން ޚަޠީބުން އުފައްދަވާ، ޒުވާން ޚަޠީބުންގެ ޢަދަދު 1000އަށް އިތުރުކުރެއްވުމަށް ސަރުކާރުން ވަނީ އަމާޒުހިއްޕަވާފައެވެ. މީގެ އިތުރުން ކަށުކަމާކެމީގެ ކަންކަން ކުރާނެ މީހުން ރަށްރަށުން މަދުވަމުންދާތީ، އެ ކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ތަމްރީނުކުރައްވައި މިހާރު ވަނީ ޚިދުމަތަށް ނެރުއްވާފައެވެ.
ސަރުކާރުން އިސްލާމީ ކަންތައްތަކަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތުގެ ދަށުން ސަގާފީ ގޮތުން ރައްކާތެރިކުރާންޖެހޭ މިސްކިތެއް ފިޔަވައި މާލޭ ސަރަހައްދުގައި ހުރި ބާ ހުރިހައި މިސްކިތެއް އަލުން ޒަމާނީ ފެންވަރަށް ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން އިސްލާމީ ދަޢުވަތު ފަތުރުއްވާނެ މަރުކަޒަކާ އެކު ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް މާފަންނު ބޮޑުގެ ހުރި ބިމުގައި ބިނާކުރެއްވުމަށް ޓަކައި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންގާއަޅުއްވައިދެއްވައިފައެވެ.
ހަމައެއާއެކު މަސްޖިދުލްބަރުބަރީ ބާވެފައި ވަނިކޮށް އެ މިސްކިތް އަލުން ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް، މިހާރު ވަނީ ހުޅުވުމާ ދާދި ގާތަށް އާދެވިފައެވެ. މަސްޖިދުއްޒިކުރާގެ ގޮތުގައި މިހާރު ހުރި ވަގުތީ ޢިމާރާތުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމާއި، ވިލިމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މަސްޖިދުއްސަލާމުގެ އިމާރާތް ބާވެ ހަލާކުވެފައިވާތީ އެ ތާނގައި ޒަމާނީ މިސްކިތެއް އެޅުމުގެ މަސައްކަތާއި، އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައްޔާއި މުޅީން އަލަށް އާމިސްކިތްތަކެއް ބިނާކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ. މި ފަސް އަހަރު ނިމޭ އިރު، މާލޭ ސަރަހައްދުގައި ބާ އެއްވެސް މިސްކިތެއް ނުބަހައްޓަވަން ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޒަމާނީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ފުރިހަމަ ވަސީލަތްތަކާ އެކު ގާއިމުކުރެވެމުން އެބަދެއެވެ.
މިދެންނެވުނު ކަންކަމުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދީނީ ދާއިރާއަށް ދެ އަހަރުގެ ތެރޭގައި ދީފައިވާ އަހައްމިއްޔަތާއި ހޯދާފައިވާ ކާމިޔާބީތަކެވެ. މިކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދީނީ ވަހުދަތު ދެމެހެއްޓި، އިސްލާމީ ޝަޢާއިރުތައް އާލާވެ، ދިވެހި މުޖުތަމަޢުގައި ދީނީ ރޫޙު އާލާވެގެންދާނެކަމީ ކަށަވަރުކަމެކެވެ. ކުރިއަށް އޮތްތަނުގައިވެސް ދީނީ ގޮތުން ގިނަ ކާމިޔާބީތަކެއް ސަރުކާރުން ހޯދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
އިސްލާމްދީންމަތީ، ﷲގެ އޯގާވަންތަކަމާއި، ބަރަކާތާއި، މަދަދާއި، ރައްކާތެރިކަންމަތީ ތާއަބަދަށް މިލޮބުވެތި ވަޠަނާއި ދިވެހިރައްޔިތުން ލަހައްޓަވާށި! އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ޤަދަރާއި އިޙްތިރާމް އިތުރުކުރައްވާށި!
ރައީސް، ޑރ. މުޙައްމަދު މުޢިއްޒު