Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ "ޒުވާނުންގެ ވެހި" ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ "ޒުވާނުންގެ ވެހި" ހުޅުވައިދެއްވައިފި

ރައީސް މުއިއްޒު "ޒުވާނުންގެ ވެހި" ހުޅުވައިދެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 06:37

20 ނޮވެމްބަރު 2025، 06:37

ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، އެ މީހުން ބާރުވެރި ކުރުވުމަށް ސަރުކާރުން ޤާއިމުކުރި ޔޫތު ތާރޑް ސްޕޭސް، "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ޚާއްސަ މަރުކަޒު ޤާއިމުކޮށްފައިވަނީ ލިލީމަގުގައި ހުންނަ، ކުރިން މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގައެވެ. މި ތަނަކީ ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަންސައެކެވެ.

މި ތަން ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް މުޢިއްޒު ވަނީ އެ ތަން ހުޅުވައިދެއްވުމަށްފަހު، އެ ތާންގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކާއި މަސައްކަތްތައް ބައްލަވާލައްވާފައެވެ.

"ޒުވާނުންގެ ވެހި"ގައި ޒުވާނުންގެ އީޖާދީ ވިސްނުމާއި ފަންނުވެރިކަން ދައްކުވައިދޭ ގިނަ އަދަދެއްގެ ސްޓޯލްތައް ވަނީ ޤާއިމުކޮށްފައެވެ. މީގެ ތެރޭގައި ކްލޭ ސްޓޫޑިއޯ ސްޓޯލް، އޯގާ ސްޓޯލް، އާރޓް އެގްޒިބިޝަން ސްޓޯލް، ލައިވް އާރޓް ސްޓޯލް، ކަސަބު ސްޓޯލް، އާޓްވޯކް ސްޓޯލް، މޫރަލް ސްޓޯލް، އެންދެރި ޖުވެލަރީ ސްޓޯލް، ކެލިގްރަފީ ސްޓޯލް، މެކް-މާމަ ކްރާފްޓް ސްޓޯލް، ޖުވެލަރީ ސްޓޯލް އަދި އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލް ހިމެނެއެވެ. މި ތަފާތު ސްޓޯލްތަކުގެ ސަބަބުން ޒުވާނުންނަށް އެކިއެކި ދާއިރާތަކުން ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޔޫތު ތާރޑް ސްޕޭސް ޤާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ 18 ނޮވެންބަރު 2024 ގައެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް އެތަން ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުންނެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ތަން ފަރުމާކޮށްފައިވަނީ ޒުވާނުންނަށް ދުޅަހެޔޮ، ނަފްސާނީ ގޮތުން ހިތްހަމަޖެހޭ މާހައުލެއް ޤާއިމުކުރުމާއި، ހުނަރުވެރި ޕްރޮގްރާމްތަކާއި، ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައިވާ ފަދައިން، މިފަދަ ތަންތަނަކީ ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެކެވެ. "ޒުވާނުންގެ ވެހި" ހުޅުވުމާއެކު، ޒުވާނުންނަށް ޚާއްޞަ މިފަދަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ.

ޒުވާނުންގެ މަރުކަޒު ނުވަތަ "ޒުވާނުންގެ ތަރޑް ސްޕޭސް" ގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، މަސައްކަތު ބައްދަލުވުންތައް، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ.

މީގެ އިތުރުން، މިތަނުގެ ބައެއް ހަމަޖައްސާފައިވަނީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްޓަކައެވެ. މި މަރުކަޒު ޑިޒައިންކޮށްފައިވަނީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، ހުނަރުތައް ދަސްކުރުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

މި ކޮންސެޕްޓުގެ ތެރޭގައި، ރާއްޖެއަށް ޚާއްޞަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ޞިއްޙަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން