ރިޕޯޓް
ސަރުކާރަށް 2 އަހަރު: ޢުމްރާނީގޮތުން ރައްޔިތުން ދެކެމުންއައި ހުދުކަޅު ހުވަފެންތަކުގައި ކުލަފޮށީގެ ރީތި ކުލަތައް ދަނީ ޖެހެމުން
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ޢުމްރާނީގޮތުން ރަށްރަށަށް ބޭނުންވާ ކަންކަން ވަކި ރަށެއް ނުބަލައި ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ކޮށްދޭނެކަމުގެ “ގުންގާން” މީ ކޮންމެ ސަރުކާރެއްގައިވެސް ނުވަތަ ކޮންމެ ބޭފުޅެއްވެސް ވެރިކަމަށް އައުމަށް ވަޢުދާ ހުވާ ކުރައްވާއިރު ވިދާޅުވަމުންދާ އެއްޗެކެވެ.
ޢުމްރާނީގޮތުން ރަށްރަށަށް ބޭނުންވާ ތަރައްޤީއަކީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކުވެސް އެކަމަކަށްއެދިއެދި ތިބޭނެކަމެކެވެ.
އެއްވެރިކަމުން އަނެއް ވެރިކަމަށް ފުރޮޅި މަޤާމުތަކާއި ގޮނޑިތަކުގައި ތިއްބަވާ ބޭފުޅުން ބަދަލުވަމުންދާއިރު ބަދަލު ވާތަން ފެނިފައިނުވަނީ ރައްޔިތުންގެ ޙާލަތެވެ. ރަށްރަށަށް ކޮންމެހެން ބޭނުންވާ ތަރައްޤީގެ ބަދަލުތަކެވެ.
ނަމަވެސް އޭރާއި މިހާރު ތަފާތުވެ މިހާރު ފެންނަމުން މިދަނީ ރައްޔިތުންގެ މިފަދަ މުހުތާޖުތަކަށް ސަރުކާރުން ނަތީޖާއިން ޖަވާބުދެއްވަމުންދާތަނެވެ. ޢުމްރާނީ ގޮތުން ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދެއްވައި ރައްޔިތުންގެ ޒަމާންވީ ކުލަ ނެތް ހުވަފެންތަކުގައި ކުލަ ޖައްސަވާދެެއްވާ މަންޒަރެވެ.
ޢުމްރާނީގޮތުން ގެނެވިފައިވާ ތަރައްޤީތަކާއި ހޯދިފައިވާ ކުރިއެރުންތަކަށް ތަފްސީލީ ގޮތެއްގައި ބަލާލާނަމެވެ.
ނަރުދަމާގެ ނިޒާމް ޤާއިމް ކުރުން
ނަރުދަމާ ނިޒާމުގެ 39 މަޝްރޫޢެއް ނިމިފައިވާއިރު 40 މަޝްރޫޢެއް ކޮންޓްރެކްޓް ކުރެވިފައިވެއެވެ.
ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ނިންމާފައިވާ ރަށްތައް:
• ހއ.މާރަންދޫ
• ހއ.ތަކަންދޫ
• ހއ.ވަށަފަރު
• ހދ.ހިރިމަރަދޫ
• ހދ.ކުމުންދޫ
• ހދ.ވައިކަރަދޫ
• ހދ.ނައިވާދޫ
• ށ.ގޮއިދޫ
• ށ.ޅައިމަގު
• ނ.މާފަރު
• ރ.ފައިނު
• ބ.ހިތާދޫ
• ބ.ދަރަވަންދޫ
• ބ.ކެންދޫ
• ޅ.އޮޅުވެލިފުށި
• ކ.ގާފަރު
• އއ.ފެރިދޫ
• އއ.ހިމަންދޫ
• އއ.މާޅޮސް
• އއ.ތޮއްޑޫ
ކޮންޓްރެކްޓް ކުރެވިފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް:
• ހއ.މޮޅަދޫ
• ހދ.ނެއްލައިދޫ
• ހދ.ނޭކުރެންދޫ
• ހދ.ކުރިނބި
• ހދ.މަކުނުދޫ
• ށ.ނަރުދޫ
• ށ.ނޫމަރާ
• ށ.ބިލަތްފަހި
• ށ.ކޮމަންޑޫ
• ށ.މާއުނގޫދޫ
• ށ.ފޭދޫ
• ނ.ޅޮހި
• ނ.ކެނދިކުޅުދޫ
• ނ.މަގޫދޫ
• ރ.އަނގޮޅިތީމު
• ރ.ވާދޫ
• ބކިހާދޫ
• ބ.ކުޑަރިކިލު
• ބ.ފުޅަދޫ
• ބ.ފެހެންދޫ
ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 146 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް ޚިދުމަތް ދެމުންދާއިރު ދެންހުރި ރަށްރަށުގައި މިޚުމަތް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކުރާ ޤާނޫނެއް މިއަހަރު މަޖިލީހުން ފާސްކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

2020ވަނަ އަހަރު ފުރަތަމަ ފާސްކުރި އެ ޤާނޫނުގައި އެމަސައްކަތްތައް ފުރިހަމަ ކުރުމަށް ދީފައި އޮތީ، 5 އަހަރުގެ މުއްދަތެކެވެ. ނަމަވެސް އެކަށީގެންވާ މިންވަރަކަށް އެކަންކަން ނިންމުމުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އެކަމުގެ ނަތީޖާއަކީ، އެ ޤާނޫނުގެ މުއްދަތު ހަމަވާއިރު އެކަން ހާސިލް ނުވެއޮތުމެވެ.
އެހެންކަމުން ޤާނޫނަށް ބަދަލު ގެނެސް މިހާރު މިވަނީ، ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަށް ނިންމާފައެވެ.
ކުރިން ރަށްރަށުގައި ވާރޭ ފެނާއި ވަޅުފެން ބޭނުންކުރަމުންދިޔަ ނަމަވެސް ބިމުގެ އަޑިން ނަގައިގެން ބޭނުންކުރަމުންދިޔަ ފެން ލޮނުވެ ގިނަރަށްތައް މިހާރުވަނީ ފެންވެރުމަށާއި އަންނައުނު ދޮވެ ހެދުމަށް ލޮނުގެ އަސަރުނެތް ފެނަށް ބޭނުންވެފައެވެ. މިކަމަށް ޙައްލު ގެނެސްދިނުމަށް ރަށްރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ވަނީ ފެށިފައެވެ.
ފެނުގެ ނިޒާމް ޤާއިމްކުރުން
ރަށްރަށަށް ބޭނުންވާ ސާފުފެން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 42 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކޮށް ވަނީ ނިމިފައެވެ. މީގެެއިތުރުން 51 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވެއެވެ.
ފެނުގެ ނިޒާމު ޤާއިމްކޮށް ނިމިފައިވާ ރަށްތައް:
• ހއ.ބާރަށް
• ހއ.ކެލާ
• ހއ.މާރަންދޫ
• ހއ.ތަކަންދޫ
• ހއ.ވަށަފަރު
• ހދ.ހިރިމަރަދޫ
• ހދ.ކުމުންދޫ
• ހދ.ވައިކަރަދޫ
• ށ.ފުނަދޫ
• ށ.ގޮއިދޫ
• ށ.ޅައިމަގު
• ނ.މާފަރު
• ރ.އަލިފުށި
• ރ.ފައިނު
• ބ.ހިތާދޫ
• ބ.ކެންދޫ
• ޅ.ކުރެންދޫ
• ޅ.އޮޅުވެލިފުށި
• ކ.ގާފަރު
• ކ.ކާށިދޫ
• ކ.ތުލުސްދޫ
• އއ.ފެރިދޫ
ކޮންޓްރެކްޓްކޮށްފައިވާ ފެނުގެ ނިޒާމުތައް:
• ހއ.އުތީމު
• ހއ.މޮޅަދޫ
• ހދ.ނެއްލައިދޫ
• ހދ.ނޮޅިވަރަމު
• ހދ.ނޭކުރެންދޫ
• ހދ.ކުރިނބި
• ހދ.މަކުނުދޫ
• ށ.ނަރުދޫ
• ށ.ނޫމަރާ
• ށ.ބިލެތްފަހި
• ށ.ކޮމަންޑޫ
• ށ.މާއުނގޫދޫ
• ށ.ފޭދޫ
• ނ.ހޮޅުދޫ
• ނ.ޅޮހި
• ނ.ކެނދިކުޅުދޫ
• ނ.މަގޫދޫ
• ނ.މިލަދޫ
• ނ.ލަންދޫ
• ރ.ރަސްމާދޫ
• ރ.އަނގޮޅިތީމު
• ރ.ވާދޫ
• ރ.މާކުރަތު
• ބ.ކިހާދޫ
• ބ.ކުޑަރިކިލު
• ބ.ފުޅަދޫ
ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ދިވެހިރާއްޖޭގެ ރަށްތަކަކީ ރަށް ގިރުމުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ރަށްތަކެކެވެ. މިތަކުލީފުން ރަށްތަކުގެ ރައްޔިތުން ދުރުކުރުމަށް ކުރެވެެމުންދާ މުހިންމު އެއް ކަމަކީ ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުން:
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 11 ރަށެއްގައި ނިންމާފައިވާއިރު 49 ރަށެއްގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކޮށްފައެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާ ރަށްތައް:
• ހއ.ހޯރަފުށި (އެއަރޕޯޓް)
• ހއ.ހޯރަފުށި
• ރ.އިންނަމާދޫ
• ކ.ތުލުސްދޫ
• ވ.ފެލިދޫ
• ވ.ކެޔޮދޫ
• މ.ދިއްގަރު
• ތ.ވިލުފުށި
• ތ.ތިމަރަފުށި
• ގއ.މާމެންދޫ
• ފުވައްމުލަކު ސިޓީ
ރަށްތަކުގެ ވަށައިގެން މާސިންގާ ކަނޑުތައް ވާއިރު ދިވެހިންނަކީ ކަނޑުދަތުުރުފަތުރުކުރުން ގިނަބަޔެކެވެ. ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ލަފާ ފުރުމަށްޓަކާ ރަނގަޅު ފެންވަރެއްގެ ބަނދަރެއް ކޮންމެ ރަށަކަށްމެ ބޭނުންވެއެވެ. ކުރިންއަޅާފައިވާ ބަނދަރުތަކަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށައިފައެވެ.
ބަނދަރު ތަރައްޤީކުރުން
ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް 11 ރަށެއްގައި ވަނީ ނިމިފައެވެ. މީގެއިތުރުން 101 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމަށް ކޮންޓްރެކްޓްކުރެވިފައިވެއެވެ.
ބަނދަރު ތަރައްޤީކޮށް ނިމިފައިވާ ރަށްތައް:
• ހއ.ބާރަށް
• ހދ.ނޮޅިވަރަންފަރު
• ހދ.ކުމުންދޫ
• ށ.މަރޮށި
• ނ.މަނަދޫ
• ނ.މަގޫދޫ
• އދ.ފެންފުށި
• މ.މުލި
• ތ.ކަނޑޫދޫ
• ގއ.ކޮލަމާފުށި
• ގދ.ހޯނޑެއްދޫ
ރާއްޖޭގެ ގިނަ ރަށްތަކަށް އެންމެބޮޑަށް ދިމާވެފައިވާ އެއްމައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލައެވެ. މިމައްސަލައަށް ހައްލެއް ގެނެސް ބިމުގެދަތިކަމަށް ޙައްލުހޯދުމަށް ރާއްޖޭގެ ރަށްތަކުގެ ބިންހިއްކުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ބިން ހިއްކުމުގެ މަސައްކަތް:
4 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތްތައް ނިމިފައިވާއިރު 32 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވެއެވެ.
ބިން ހިއްކުުމުގެ މަސައްކަތް ނިމިފައިވާ ރަށްތައް:
• ނ.މާފަރު
• ކ.ގުޅިފަޅު
• ކ.ގުޅި
• ތ.ކިނބިދޫ

ބޯހިޔާވަހިކަމާ ގެދޮރުވެރިކަން:
ރާއްޖޭގައި ޒަމާނުއްސުރެ އާދަވެފައިއޮތް ގޮތަކީ އަދި މިހާތަނަށް ދިވެހީންގެ ކިބައިގައި ހަރުލައްވާފައިވާ ގޮތަކީވެސް، ކަމެއް ދަމެއް ބޮޑުވާއިރަށް މާލެ އައުމުގެ ޘަޤާފަތެވެ. ރަނގަޅު ޞިއްޙީ ފަރުވާއާއި ތަޢުލީމާ ވަޒީފާގެ ފުރުސަތުތައް އޮތީ ވެރިކަން ކުރާ މާލޭގައި ކަމަށްވުމެވެ.
މިކަމަށް ޒަމާންތަކެއްވެ އެޚިދުމަތްތަކާ އެފުރުޞަތުތަކަށްޓަކައި ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވަނީ ވެރިކަންކުރާ މާލެ އަށް ހިޖުރަކޮށްފައެެވެ. އެކަމުގެ ސަބަބުން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތޮއްޖެހުމާއި ބޯހިޔާވަހިކަން ނެތުމެވެ.
ގިނަ ބަޔަކު އުޅެމުންދަނީ ރެޔާދުވާލު މަސައްކަތްކޮށް ގުދާރު ބިންދައިގެން ލިބޭ ފައިސާކޮޅުން ބޮޑު ކުލިދީގެނެވެ. ތޮއްޖެހިފައިމިވާ މާލޭގައި މާލޭގެ ރައްޔިތުންނަށްވެސް ގެދޮރުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިކަންކަމަށް ޙައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތް ތަކުގެ ތެރެއިން އެއްމަސައްކަތަކީ ރަސްމާލެ ހިއްކުމެވެ.
މިމަސައްކަތުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު 182.85 ހެކްޓަރު ވަނީ ހިއްކާފައެވެ. މާލެ ސަރަޙައްދަށް ދިމާވެފައިވާ ބިމުގެދަތިކަމާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ފަށައިފައިވާ މިމަޝްރޫޢާ ގުޅޭ ގޮތުން ދާދި ފަހުން ފާހަގަކުރެވުނު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވައިފައިވެއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަސައްކަތެއްކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެކަމަށާއި އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ގުޅިފަޅު ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅު އެބަ ހިމެނޭ. މިއީ މާލެ ސަރަޙައްދަށް ދާއިމީ ޙައްލުތަކެއް ގެންނާނެ މަޝްރޫޢުތައް. ރަސްމާލެ ވެގެންދަނީ މާލެ މިހާތަނަށް ރާއްޖޭގައިވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބީ ހަމައެކަނި މާލެ ރައްޔިތުން އެކަނި ނޫންކަން ކަށަވަރެވެ. އެތައް ބަޔަކު އަމިއްލަ ރަށް ދޫކޮށް މާލެ ހިޖުރަ ކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ އާއިލާތަކުގެ އެއްޖީލުން އަނެއް ޖީލަށް ވާރުތަ ކުރަމުންދަނީ މާލޭގައި ކުއްޔަށް އުޅުމާއި ކުލި ދެއްކުމެވެ. ބޯހާސްކަމާ މާޔޫސްކަމާއެކު ނަމަވެސް ކޮންމެ ޖީލެއްވެސް ހިތްވަރާއެކު މިކަން ކުރަމުންދަނީ ދެން އަންނަން އޮތް ޖީލަށް ހަމަޖެހޭ ދިރިއުޅުމަކަށް އެދިއެވެ.
މި ސަރުކާރުން އިޢުލާނުކުރި “ބޯހިޔާވަހިކަން އެންމެނަށް” މި ސިޔާސަތަކީ މިފަދަ މާޔޫސް ވެފައި ތިބި އާއިލާތަކަށްެވެސް އުންމީދެއް ގެނެސްދިން ސިޔާސަތެއްކަން ކަށަވެރެވެ.
ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު އަމިއްލަ ބޯހިޔާވަހިކަމަކަށް އުންމީދު ކުރަމުންއަންނަ ކޮންމެ މީހަކަށްމެ އުފާވެރިކަން ގެނެސްދިން މި ސިޔާސަތަކީ ރައީސް ޑރ މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ވާނެެހެން އެކުލަވައިލައިފައިވާ ސިޔާސަތެކެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކޮށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތައް ވަނީ އާއްމުކޮށްފައިވާއިރު، ފްލެޓް ދޫކުރުމުގެ އުސޫލާއި އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ޢާންމުކޮށްފައިވެއެވެ. މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ކުދި ޖަޒީރާތަކަކަށް ބެހިގެންވާ މިރާއްޖޭގެ އެކި ރަށްރަށުގައިވެސް ރައްޔިތުންނަށް ގޯތި ލިބި އެއްފަހަރާ ބޮޑު ޚަރަދެއް ކޮށް ގޯތީގައި އަމިއްލަ ބޯހިޔާވަހިކަމަށް ގެއެއް ބިނާ ނުކުރެވި މާޔޫސްވެފައި ތިބި މީހުންނަށް މިސަރުކާރުން ދެއްވި އުފާވެރި ޚަބަރަކީ އިސްލާމީ ޝަރީޢާ އުސޫލުގެ ދަށުން 5 އިންސައްތަ ފައިދާގައި ހުޅުވާލި “ހިޔާވަހި ފައިނޭންސިންގ” އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ މި ފައިނޭންސިން ޕްރޮގްރާމަށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ ރައްޔިތަކަށްވެސް ކުރިމަތިލެވެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ދޫކުރަން ވަނީ ފަށައިފައެވެ.
ބޯހިޔާވަހިކަމާ ގެދޮރުވެރިކަމުގެ މައްސަލައަކީ ދިވެހިންގެ އިޖްތިމާޢީ ފޭރާން ވީދުމަށް ދިމާވެފައިވާ ގިނަ މައްސަލަތަކުގެ މޫ ކަމަށްވާއިރު މިކަންކަމުން އަރައިގަތުމަށް ރައީސް މުޢިއްޒު ރާއްޖޭގެ ބޯހިޔާވަހިކަމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ސާފުވެފައި ސީދަލެވެ.
އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މާލެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މިދިޔަ ސަރުކާރުގައި ފަށައި އެކަމަކުން ފެއިލްވި އެއްކަމަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢެވެ. މިމަޝްރޫޢުގެ އެންމެފަހުގެ އަދާހަމަތަކަށް ބަލާއިރު ތިލަމާލެ ބްރިޖްގެ %66 އަށްވުރެ ގިނަ މަސައްކަތްތައް ވަނީ ނިންމާލައިފައެވެ. ބްރިޖްގެ މައި މަސައްކަތެއްގެ ގޮތުގައި މިހާރު ކުރަމުންދަނީ މާލެއާއި ވިލިމާލެއާއި ދެމެދު ތަނބުތައް ގުޅާލުމުގެ މަސައްކަތް ކަން ފާހަގަކޮށްލަން ޖެހެއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރުގޮތަކަށް މިދެކެވުނީ މިސަރުކާރުން ޢުމްރާނީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކުގެ ވާހަކަތަކެވެ. ދައުރުގެ 3 އަހަރު އަދި ކުރިއަށް އޮތް އިރު އުންމީދަކީ ރައީސް މުޢިއްޒުގެ ފުރިހަމަ ތަޞައްވުރާ އެއްގޮތައް ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިގެން ދިޔުމެވެ.