ކުޅިވަރު
ވިކްޓަރީ ބަލިކޮށް މާޒިޔާއިން ލީގުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފި
މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ސާޖިއޯ މެންޑީއާއެކު ޓީމުގެ އެހެން ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: މިހާރު
ފަރުދުން
23 ނޮވެމްބަރު 2025، 06:41
23 ނޮވެމްބަރު 2025، 06:41
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިމެން ކައިރިވެފައިވާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގުގެ އެއްވަނައިގައި އޮތް ލީޑު ދަމަހައްޓައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-0އިންނެވެ. މިއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ލީގު މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗެވެ.
މި ނަތީޖާއާއެކު މާޒިޔާއިން ވަނީ މިހާތަނަށް ކުޅުނު 8 މެޗުން ވެސް މޮޅުވެ 24 ޕޮއިންޓު ހޯދާފައެވެ. އަދި އެ ޓީމާއި ލީގުގެ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެމެދު 5 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މެޗުން ބަލިވި ވިކްޓަރީއަށް 8 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ. އަދި އެ ޓީމު މިވަގުތު އޮތީ ލީގުގެ 5ވަނައިގައެވެ.
ވިކްޓަރީއާ ދެކޮޅަށް މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު ޑޮމިނޭޓުކޮށްފައެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ހަމްޒާ މުހައްމަދާއި އެ ޓީމުގެ ސްޕެއިންގެ ފޯވާރޑް، ސާޖިއޯ މެންޑީއަށް ލަނޑުޖަހަން ލިބުނު ރަނގަޅު ފުރުސަތުތައް ކާމިޔާބެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގައި ވިކްޓަރީއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެފައި އެ ޓީމުގެ އަބްދުﷲ މިދުހަތު ފަޙުމީ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވެއެވެ.
މާޒިޔާއިން ވަނީ ހާފު ނިމުމުގެ ކުރިން ލީޑު ނަގާފައެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި މެންޑީ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި މިހާތަނަށް މެންޑީ ކާމިޔާބުކުރި 9ވަނަ ގޯލެވެ.
ފަހު ހާފުގައި މެންޑީއަށް ލިބުނު ހުސް ދެ ފުރުސަތެއް ބޭކާރުވިއެވެ. އެ ޓީމުގެ ފަހު ދެ ގޯލު ފެނިގެން ދިޔައީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެގޮތުން ދެވަނަ ގޯލު މެޗުގެ 84ވަނަ މިނެޓުގައި އަޙުމަދު އައުޙަމް ކާމިޔާބުކުރިއިރު، ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ހައިޝަން ހަސަންއެވެ.
ލީގުގައި ރޭ ބައްދަލުކުރީ ދެވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ. އެ މެޗު 1-0އިން ކާމިޔުބުކޮށް އޮޑި ސްޕޯޓްސްއިން ވަނީ ލީގުގެ ދެވަނައަށް އަރާފައެވެ.