ކުޅިވަރު

ކުޅުމާއި ދުރުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު ޕޮގްބާ އެނބުރި ދަނޑަށް

ކުޅުމާއި ދުރުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު ޕޮގްބާ އެނބުރި ދަނޑަށް

މޮނާކޯގެ ކުޅުންތެރިއެއްގެ ގޮތުގައި ޕޯލް ޕޮގްބާ ކުޅުނު ފުރަތަމަ މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2025، 08:27

23 ނޮވެމްބަރު 2025، 08:27

ފުޓުބޯޅަ ކުޅުމާއި ދުރުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު، ފްރާންސްގެ ޕޯލް ޕޮގްބާ އެނބުރި ފުޓުބޯޅަ ދަނޑަށް ނިކުމެއްޖެއެވެ.

ޒަމާންތަކަކަށްފަހު ވާދަވެރި ފުޓުބޯޅައިގެ ތެރެއަށް ޕޮގްބާ ނެރުނީ މޮނާކޯއެވެ. ފްރެންޗު ލީގުގައި ހޮނިހިރު ދުވަހު މޮނާކޯ އާއި ރެން ބައްދަލުކުރި މެޗަށް ޕޮގްބާ ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ.

އުމުރުން 32 އަހަރުގެ ޕޮބްގާ ކުޅުމާ ދުރަށް ދާންޖެހުނީ، އޭނާ ޔުވެންޓަސްއަށް ކުޅެމުން ދަނިކޮށް އޯގަސްޓު 2023ގައި ޑްރަގް ޓެސްޓަކުން ފެއިލްވުމުންނެވެ. އެ މައްސަލައިގައި އޭނާ ފުޓުބޯޅައިގެ ހަރަކާތްތަކުން 4 އަހަރު ދުވަހަށް ބޭންކުރިއެވެ. ނަމަވެސް އޭނާގެ އަދަބު ވަނީ ފަހުން 18 މަހަށް ކުޑަކޮށްދީފައެވެ. މިކަމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެންބަރުގައި ޔުވެންޓަސްއިން އޭނާގެ ކޮންޓްރެކްޓު އުވާލިއެވެ. 

މި ދުވަސްކޮޅުގެ ތެރޭގައި ޕޮގްވާ ވަނީ ގިނަ ކަންތައްތަކެއް ތަޙައްމަލުކޮށްފައެވެ. އެގޮތުން 2022ވަނަ އަހަރު ޕޮގްބާގެ އަތުން އޭނާގެ ބޭބެ މަތިއާސް ގަދަކަމުން 13 މިލިއަން ޔޫރޯ ހޯދަން އުޅުނު މައްސަލައެއްގައި މަތިއާސްގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ކުރިއެވެ.

މިކަންކަމާހެދި ޕޮގްބާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް، ދެން ދުވަހަކުވެސް ވާދަވެރި ފުޓުބޯޅައަށް އެނބުރި ނާދެވޭނެކަމަށް ބެލެވިފައި ވަނިކޮށް، މި އަހަރުގެ މާޗު މަހު އޭނާގެ ސަސްޕެންޝަން ނިމުމަކަށް އައުމުން، މޮނާކޯއިން ވަނީ އޭނާ ޤަބޫލުކޮށް އެ ޓީމުގެ ކޮންޓްރެކްޓެއް ދީފައެވެ. 

2018ވަނަ އަހަރު ފްރާންސްއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ހޮނިހިރު ދުވަހު ރެންސްއާ ދެކޮޅަށް 85ވަނަ މިނެޓުގައި ދަނޑަށް ނިކުތުމުން، މޮނާކޯގެ ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ހޫނު ތަރުހީބެއް ދީފައެވެ. ޕޮގްބާ ބުނީ އެކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް ސަޕޯޓަރުން އޭނާ ބަލައިގަތީތީ އުފާކުރާކަމަށެވެ.

އަދި މެޗް ފިޓްނަސްއަށް އައުމުން، ޓީމަށް ރަގަޅު ނަތީޖާތައް ނެރެދިނުމަށް މަސައްކަތްކުރާނެކަމަށް، މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޕޮގްބާ ވަނީ ބުނެފައެވެ.  

ޕޮގްބާ ވިދާލީ ޔުވެންޓަސްއަށް 2012 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަނިކޮށެވެ. އެއަށްފަހު އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން 6 ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައެވެ. އަދި 2022ގައި އަނބުރާ ޔުވެންޓަސްއަށް ދިޔަ ނަމަވެސް، އަނިޔާއާ ހެދި އޭނާއަށް ރަގަޅަށް ކުޅެވިފައެއް ނުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން