ކުޅިވަރު
ވެލެންސިއާ ބަލިކުރުމަށްފަހު އީގަލްސް ގަދަ ހަތަރެއްގައި ހަމަޖެހިލައިފި
އީގަލްސްގެ ދެވަނަ ގޯލު ކާމިޔާބުކުރުމަށްފަހު ރިޒުވާން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ވެލެންސިއާ ބަލިކުރުމަށްފަހު ކްލަބް އީގަލްސްއިން ގަދަ ހަތަރެއްގައި ހަމަޖެހިލައިފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-0އިންނެވެ. މި ނަތީޖާއާއެކު އީގަލްސް މިވަނީ މިހާތަނަށް 8 މެޗުން 12 ޕޮއިންޓު ހޯދާފައެވެ. ފަސްވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައި އޮތީ 9 ޕޮއިންޓެވެ.
މިއީ އެ ޓީމާއި ޢަބްދުالله ހަނީފް ހަވާލުވިފަހުން ކުޅުނު ފަސްވަނަ މެޗެވެ. މި މެޗުތަކުގެ ތެރެއިން 2 މެޗުން އެއްވަރުވެފައިވާއިރު، 3 މެޗުން ވަނީ މޮޅުވެފައެވެ. އެ ޓީމުން އެއްވަރުވި ދެ މެޗަކީ މި ސީޒަންގައި ރަގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބާ ކުޅުނު ދެ މެޗެވެ. ނަމަވެސް ހަނީފް ހަވާލުވުމުގެ ކުރިން އެ ޓީމުން ލީގުގައި ކުޅުނު 3 މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ހަނީފް ހަވާލުވުމަށްފަހު އީގަލްސްއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ޓީސީ ސްޕޯޓްސްއާ ދެކޮޅަށް މި މަހުގެ ދެވަނަ ދުވަހު ކުޅުނު މެޗުގައި އެ ޓީމު ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދުމަށްފަހު ހަނީފް ބުނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްފަހު އީގަލްސްއަކީ ފާއިތުވި ސީޒަންގައި ރާއްޖޭގެ އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި، އެހެންކަމުން އެ ޓީމުގެ އެންމެ ދަށް ޓާގެޓަކީ ގަދަ ހަތަރެއްގައި ހިމެނުން ކަމަށެވެ. އަދި ފުރަތަމަ ބުރު ނިމޭއިރު އެކަން ހާސިލްކުރުމަކީ ހަނީފްގެ ޓާގެޓުކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން މިހާރު ފުރަތަމަ ބުރުގެ ބާކީ އެއް މެޗު އޮއްވައި، ހަނީފް މިވަނީ އޭނާގެ ޓާގެޓު ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަގަޅު ފުރުސަތުތަކެއް އީގަސްއަށް ލިބުނު ނަމަވެސް، އެ ހާފު ނިންމާލަން ޖެހުނީ 0-0އިންނެވެ.
ނަމަވެސް ދެވަނަ ހާފުގެ 10ވަނަ މިނެޓުގައި އިބްރާޙިމް މަހުދީ ޙުސެއިން ވަނީ އޯވާހެޑް ކިކަކުން އީގަލްސްއަށް ލީޑު ނަގައިދީފައެވެ.
އެ ޓީމުގެ ދެވަނަ ގޯލު، 64ވަނަ މިނެޓުގައި އަޙުމަދު ރިޒުވާން ކާމިޔާބުކުރިއިރު، ފަހު ގޯލު މެޗުގެ 79ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން އަޙުމަދު ލައިތު އައްބާސްއެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އީގަލްސް ނިކުންނާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.