ކުޅިވަރު

ދިވެހި ލީގު: ޓީސީ އާއި ގްރީން ސްޓްރީޓަށް ޕޮއިންޓެއް

ދިވެހި ލީގު: ޓީސީ އާއި ގްރީން ސްޓްރީޓަށް ޕޮއިންޓެއް

ޓީސީ އާއި ގްރީން ސްޓްރީޓްސްއަށް މިހާރު ލިބިފައި ވަނީ 5 ޕޮއިންޓު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 07:56

24 ނޮވެމްބަރު 2025، 07:56

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 2-2އިން އެއްވަރުވެ، ދެ ޓީމުން ޕޮއިންޓު ހިއްސާކުރަން ޖެހިއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗަކީ، ރެލިގޭޝަނުން ސަލާމަތްވުމުގެ ގޮތުން 3 ޕޮއިންޓު ހޯދުމަށް ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. ނަމަވެސް ކޮންމެ ޓީމަކަށް ވެސް ޕޮއިންޓެއް ލިބުމުން، ދެ ޓީމު ވެސް ކުރިޔަށް ޖެހެލީ އެންމެ ދަރަޖައެކެވެ. އެގޮތުން ގްރީން ސްޓްރީޓްސް 10ވަނައިން 9ވަނައަށް ޖެހިލިއިރު، ޓީސީ ވަނީ 9ވަނައިން 8ވަނައަށް ކުރިޔަށް ޖެހިލާފައެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ގްރީން ސްޓްރީޓުންނެވެ. މެޗުގެ 9ވަނަ މިނެޓުގައި ޓީސީގެ އަޙުމަދު މާއިޝް ރަޝީދުގެ އަތުން ބޯޅަ ހޯދުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މި ގޯލު ކާމިޔާބުކުރީ މުޙައްމަދު ސާބިގުއެވެ.

ނަމަވެސް އެ ގޯލަށްފަހު މާގިނައިރުތަކެއް ނުވަނީސް، ޓީސީގެ ބިދޭސީ ކުޅުންތެރިޔާ، ބޯޑޫ ޕްރިންސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެކަމަކު ގްރީން ސްޓްރީޓުން ހާފު ނިންމާލީ، އެ ޓީމުގެ ލީޑު އަނބުރާ ހޯދުމަށްފަހުއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަޙީދުއެވެ.

ޓީސީއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރީ، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. މެޗުގެ 51ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ މުޙައްމަދު ދާނިޝް އިބްރާޙިމްއެވެ. 

މި މެޗު އެއްވަރުވުމުން، މިހާރު ލީގުގެ އެންމެ ފުލުގައި އޮތީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އެވެ. އެ ޓީމު މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައި ވަނީ 4 ޕޮއިންޓެވެ. އަދި ޓީސީ އާއި ގްރީން ސްޓްރީޓްސްއަށް ލިބިފައި ވަނީ 5 ޕޮއިންޓެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން