ކުޅިވަރު

ފުރަތަމަ ހާފު ކާމިޔާބުކުރި ދެ ގޯލުން ޔޫވީ ބަލިކޮށް ބުރުން ލީގުގެ ފަސްވަނައަށް

ފުރަތަމަ ހާފު ކާމިޔާބުކުރި ދެ ގޯލުން ޔޫވީ ބަލިކޮށް ބުރުން ލީގުގެ ފަސްވަނައަށް

ބުރުގެ ދެވަނަ ގޯލާއެކު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2025، 08:22

24 ނޮވެމްބަރު 2025، 08:22

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-0އިން ބަލިކޮށް، ލީގުގެ ފަސްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ބުރުގެ ބިދޭސީ ފޯވާރޑް، ހުޑްސަން ޑިއާސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި ބުރުން ޖެހި ދެ ގޯލަކީ ވެސް ވަރަށް ކައިރިކައިރީގައި ޖެހި ދެ ގޯލެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު 35ވަނަ މިނެޓުގައި އަރީން އަބްދުالله އިބްރާޙިމް ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓު ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ހުޑްސަންއެވެ. 

ފުރަތަމަ ގޯލު އަރީން ކާމިޔާބުކުރީ، އެ ޓީމުން ނެގި ކޯނަރު މިސްރުގެ ޑިފެންޑަރ، އަލާއެލްދީން އެލްސައީދު ބޮލުން ގޯލު އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ހޯދައިގެންނެވެ. ދެވަނަ ގޯލަކީ އަލީ ހަމްދާން ޔޫވީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މި ނަތީޖާއާއެކު ބުރު މިވަނީ ކުޅުނު 8 މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އާދީއްތަ ދުވަހުގެރޭ ކުލަބު ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު މެޗު އެއްވަރުވުމުން، އެ ދެ ޓީމަށް ވެސް 5 ޕޮއިންޓު ލިބި، 4 ޕޮއިންޓާ އެކު އޮތް ޔޫވީ ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ. 

ލީގުގެ 8 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު 24 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ދެވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 19 ޕޮއިންޓާއެކުވެ. އަދި މި ހަފްތާގައި ކުޅުނު މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިވުމުން އެ ޓީމު ވަނީ ތިންވަނައަށް ވެއްޓިފައެވެ. އެއީ 17 ޕޮއިންޓާއެކުވެ.

Ads by MSS

މި ލިޔުން ކިޔާލުމުން