ޚަބަރު
ސަރުކާރުގެ ވިސްނުމަކީ ކުރީގެ ޢަރަބިއްޔާ ހުރި ބިމުގައި ޕާކިން ޒޯނަކާއި އެކު ޕާކެއް ތަރައްޤީކުރުން: ރައީސް
ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ވިސްނުމަކީ ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި ޕާކިން ޒޯނަކާއެކު ޕާކެއް ތަރައްޤީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ މައްޗަންގޮޅި އަވަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ރައީސް ވަނީ މި ބިމުގެ ބޭނުން އެންމެ ފައިދާވާނެ ގޮތަކަށް ހިފުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިއްސާކުރެއްވުމުގެ ފުރުސަތު ހުޅުއްވާލައްވާފައެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލް ޢިމާރާތް ބާވެ ނުރައްކާތެރި ޙާލަތެއް ކުރިމަތިވުމުން އެތަން ހުސްކޮށް ޢިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. 11000 އަކަފޫޓުގެ މި ބިން ތަރައްޤީކުރުމުގައި ސަރުކާރުން މިހާރު ވިސްނަވަމުންދަނީ ޕާކިންގއަކާއެކު ކުޑަކުދިން ކުޅެލާނެ ޕާކެއް ތަރައްޤީކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އެސަރަޙައްދުގައި އެހެންގޮތަކަށް އެކަންކުރުމަށް މައްޗަންގޮޅީގެ ރައްޔިތުންގެ ޚިޔާލު ހުށައެޅުއްވުމުގެ ފުރުސަތު ވަނީ ހުޅުއްވާލައްވާފައެވެ.
"ދެބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން. މިކަމުގައި ތިބޭފުޅުންގެ ޚިޔާލުދެއްވުން އެދެން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މައްޗަންގޮޅި އަދި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ސަމާލުކަންދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީވެސް ސަރުކާރުން މުހިއްމުކަމެއް ދެއްވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ރައީސް ގެންދަވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައްޔިތުންނާ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޝުޢޫރު އަޑުއައްސަވާ އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. މިފަދަ ބައްދަލުވުންތައް މިހާރު މާލޭގެ އެކި އަވަށްތަކުގައި ކުރިއަށްދާއިރު، ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ވިލިމާލޭގައެވެ.