ޚަބަރު
ވިންޓަރ ތީމް ޕާކު ނަގާ، އެތަނުގައި އީ- ގޭމިންގ މަރުކަޒެއް ތަރައްޤީކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
26 ނޮވެމްބަރު 2025، 05:51
26 ނޮވެމްބަރު 2025، 05:51
ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަލްޓަން ޕާކުގައި ތަރައްޤީކުރި ވިންޓަރ ޕާކަކީ ގިނަ ބަޔަކަށް ކަމުދިޔަ، ބޮޑު ތަރުހީބެއް ލިބިގެންދިޔަ ތަނެކެވެ. މިތަން ހަދާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު 2018 އަހަރުގެ ތެރޭގައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބުނު ތަނަކަށްވިނަމަވެސް އެ ޕާކު އޮޕަރޭޓް ކުރަން ހަވާލުކުރި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ޕާކު އޮޕަރޭޓް ނުކޮށް ފިލާފައެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ޒުވާނުން ވަނީ ކުޅިވަރު ކުޅެވޭނެ ތަނެއް މާލޭގައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމަށް ހައްލު ހޯދެން އޮތީ، ސަލްޓަން ޕާކުގައި ކުރިން ހުރި ސްނޯ ކުޅިވަރު ކުޅޭ ޕާކު ނަގައިގެން ކަމުގައެވެ. ހަމައެއާއެކު އެ ތަން ތަަރައްގީ ކުރާނީ އެކަމާ ގުޅޭ އެސޯސިއޭޝަނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށްވެސް ރައިސް ވިދާޅުވިއެވެ.
"މިކަމަށް މިހާރު ކުރެވޭ އެއް ކަމަކީ ސަލްޓަން ޕާކުގައި ކުރިން ހުރި ސްނޯ ކުޅިވަރު ކުޅޭ ޕާކެއް ނޫނިއްޔާ ބިލްޑިންއެއް، އެތަން މިހާރު މި ނަގަނީ. އެތަން މިހާރު ހުރީ ހަލާކުވެފައި. ނޫނިއްޔާ މިދިޔަ ސަރުކާރުގައި އެ ތަން ބޭނުންނުކޮށް ހުރީމަ ހުރީ ހަލާކުވެފައި. އެހެންވެ، އެ ތަން އަލުން ހަދަންޏާ އެކަމަށް ކުރާ ހަރަދު ބޮޑުވޭ"
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި އެ ތަން ބޭނުންނުކޮށް ހުރުމުން މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، އެ ތަން އަލުން ހަދާނަމަ އެކަމަށްދާ ޚަރަދުވެސް ބޮޑުވެގެންދާ ކަމުގައެވެ. އެހެންކަމުން، އެތަން ނެގުމަށްފަހު، އެތަނުގައި އީސްޕޯޓްސް-އީގޭމިން ސްޓޭޝަނެއް ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ކުރައްވާނެކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒުގެ އިތުރުން ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުރޭ މަރުކަޒެއް ތަރައްޤީކުރައްވާނޭކަމަށްވެސް ވިދާޅުވެފައެވެ.