ކުޅިވަރު
ޓީސީ ބަލިކޮށް އޮޑި ސްޕޯޓްސްއިން ނިއުއާ އޮތް ފަރަގު ބޮޑުކޮށްފި
ޓީސީ ކޮޅަށް ގޯލު ކާމިޔާބު ކުރުމަށްފަހު އޮޑި ސްޕޯޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ބުރު ސްޕޯޓްސްއިން ޓީސީގެ މައްޗަށް ކުރި ހޯދީ 3-0އިންނެވެ.
ޓީސީއިން މި މެޗަށް ނިކުތީ، އެ ޓީމާ އަލަށް ހަވާލުވި ކޯޗު މުޙައްމަދު އާތިފް (އާތީ)އާއެކުއެވެ. އާތީ ވަނީ މީގެ ކުރިން 2019ވަނަ އަހަރު ވެސް ޓީސީއާ ހަވާލުވެފައެވެ. އެ ފަހަރު އެ ޓީމާއެކު އެހާ ގިނަ ދުވަސް އޭނާ ހޭދަކޮށްފައެއް ނުވެއެވެ.
ހުކުރު ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓް ކްލަބް ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރުމާ ގުޅިގެން، މިއަދުގެ މެޗަށް ނިކުތް އިރުވެސް އޮޑި ސްޕޯޓްސް ލީގުގެ ދެވަނައިގައި އޮތީ ދެ ގޯލުގެ ލީޑެއްގައެވެ. އެހެންކަމުން މި މެޗުން ލިބުނު 3 ޕޮއިންޓާއެކު އެ ފަރަގު މިވަނީ 5 ޕޮއިންޓަށް ފުޅާވެފައެވެ.
ހަމައެއާއެކު، ލީގުގެ އެއްވަނައިގައި މާޒިޔާ އާއި އޮޑި ސްޕޯޓްސްއާ ދެމެދު އޮތީ 5 ޕޮއިންޓުގެ ފަރަގެކެވެ.
ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑި ސްޕޯޓްސްއިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާއެކީއެވެ. އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ ލިތުއޭނިއާގެ ފޯވާރޑް ކަރޯލިސް ލައުސްޒެމިސް އާއި މުޒްދާން ޙަސަންއެވެ. އެއީ މެޗުގެ 12 ވަނަ މިނެޓާއި 37ވަނަ މިނެޓުގައެވެ.
އޮޑި ސްޕޯޓްސްގެ ތިން ވަނަ ގޯލު މެޗުގެ 62ވަނަ މިނެޓޫގައި ކާމިޔާބުކުރީ އަޙްޒަމް ރަޝީދުއެވެ.
މި މެޗުގައި އޮޑި ސްޕޯޓްސްގެ ކެޕްޓަން މުޙައްމަދު ރަޝީދު (ހޮކޭ) އަށް ވަނީ ސީރިއަށް އަނިޔާއެއް ލިބިފައެވެ. މި ހާދިސާއާ ގުޅިގެން ގިނަ އިރުތަކެއް ވަންދެން މެޗުގެ ކުޅުން ހުއްޓާލާފައި އޮތުމަށްފަހު މެޗު އަލުން ފެށީ އޭނާ އަށިގަނޑުގައި ދަނޑުން ބޭލުމަށްފަހުއެވެ.
މިއަދު މެޗުގެ ނަތީޖާއާއެކު އޮޑި ދެވަނައިގައި ހަމަޖެހިލިއިރު، ޓީސީ އޮތީ 5 ޕޮއިންޓާއެކު ގްރޫޕްގެ 8ވަނައިގައެވެ.