ކުޅިވަރު
ވިމެންސް ލީގު: ވިކްޓަރީއިން ބޮޑު ތަފާތަކުން ޓީސީ ބަލިކޮށްފި
ގޯލު ކާމިޔާބުކުރުމަށްފަހު ވިކްޓަރީގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވިމެންސް ލީގުގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ވިކްޓަރީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު ވިކްޓަރީއިން ކާމިޔާބުކުރީ 6-0އިންނެވެ.
ވިކްޓަރީގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ބިދޭސީ ކުޅުންތެރިން ހިމެނޭއިރު އެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމުން، މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ވިކްޓަރީއެވެ. އޭގެ ބަދަލުގައި ޓީސީއިން ފެނުނީ ޒުވާން ކުޅުންތެރިންތަކެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީއިން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު، މެޗުގެ 9ވަނަ މިނެޓުގައި ކާމިޔާބުކުރީ އުޒްބެކިސްތާނަށް ނިސްބަތްވާ ރުޓުލޭވާ ލޭލާ ރަމެޝޮވްނާއެވެ. އެ ޓީމުގެ ދެވަނަ ގޯލު ފާތިމަތު ސައިނާ ކާމިޔާބުކުރިއިރު، ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ތިންވަނަ ގޯލު ކާމިޔާބުކުރީ ލޭލާއެވެ.
ވިކްޓަރީއިން އެ ޓީމުގެ ފަހު 3 ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު 8 މިނެޓުގެ ތެރޭގައެވެ. އެގޮތުން އެ ޓީމުގެ ލޭލާ ވަނީ މި ހާފުގައި ވެސް ދެ ގޯލު ކާމިޔާބުކޮށް، ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އޭނާގެ 3ވަނަ ގޯލު 62ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ފަހު ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައެވެ.
ވިކްޓަރީގެ 5ވަނަ ގޯލު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމަށް ކުޅޭ އުޒްބެކިސްތާނުގެ އިތުރު ކުޅުންތެރިއެއް ކަމުގައިވާ ސަފީނާ ރުޝާނިޔާއެވެ.
މި މުބާރާތުގައި މި އަހަރު 6 ޓީމަކުން ވާދަކުރެއެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
އަދި މިއީ 11 އަހަރަށް ފަހު މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ.