ދުނިޔެ

ހޮންގްކޮންގްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަޙުޤީޤު ކުރުމަށް މިނިވަން ކޮމިޓީއެއް އުފެއްދުމަށް ހޮންގްކޮންގްގެ ލީޑަރު އަމުރުކުރައްވައިފި

ހޮންގްކޮންގްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަޙުޤީޤު ކުރުމަށް މިނިވަން ކޮމިޓީއެއް އުފެއްދުމަށް ހޮންގްކޮންގްގެ ލީޑަރު އަމުރުކުރައްވައިފި

ހޮންގްކޮންގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 01:56

02 ޑިސެމްބަރު 2025، 01:56

ހޮންގްކޮންގްގައި ދިމާވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބު ތަޙުޤީޤު ކުރުމަށް މިނިވަން ކޮމިޓީއެއް އުފައްދަވާނެ ކަމަށް ހޮންގްކޮންގްގެ ލީޑަރު ޖޯން ލީ ވިދާޅުވެއްޖެއެވެ.

މި ހާދިސާގައި 151 މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ޗައިނާގެ ބާރުގެ ދަށުގައިވާ މި ސަރަހައްދުގެ ޗީފް އެގްޒެކެޓިވް ޖޯން ލީ ވަނީ، މި ހާދިސާގެ ޒިންމާދާރު ފަރާތްތައް ހޯދައި، އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހުރިހާ ދަތިތަކެއް ގިރާކުރައްވާނެ ކަމަށް އަންގާރަ ދުވަހު ވައުދުވެވަޑައިގެންފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ 4,600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވާންގް ފުކް ކޯޓް ހައުސިންގ ކޮމްޕްލެކްސްގެ ހަތް ޓަވަރު ބްލޮކްގައެވެ.

ލީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، "މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަލިފާން ރޯވި ސަބަބާއި އަވަހަށް ފެތުރުނު ގޮތް އަދި ގުޅުންހުރި ކަންކަން ބެލުމަށްޓަކައި ގާޟީއެއްގެ ދަށުން މިނިވަން ކޮމިޓީއެއް އުފައްދާނެ" ކަމަށެވެ. އަދި "ތެދު ހާމަކޮށް، އިންސާފު ޤާއިމުކޮށް، މަރުވި ފަރާތްތަކަށް އިންސާފުދީ، ދުނިޔޭގައި ތިބި މީހުންނަށް ހިތްވަރު ދޭން ޖެހޭ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަދަ ބޮޑު ހާދިސާއެއް ހިނގުމަށްފަހު ވެސް މަގާމުގައި ދެމިހުންނަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ލީ ވިދާޅުވީ، އިސްލާހުތައް ގެނައުމަށް ބޭނުންވާ ކަމަށެވެ.

ޒިންމާދާރު ފަރާތްތައް ހޯދައި، އިސްލާހީ މަސައްކަތްތައް ހިންގުމާމެދު 

ލީ ވިދާޅުވީ، "އާދެ، ތަފާތު މަރުހަލާތަކުގައި ފޭލިވެފައިވާކަން ވަނީ ފާހަގަކުރެވިފަ، އެހެންކަމުން، މި ހުރިހާ ދިމާވާ މައްސަލަތައް ހައްލުކޮށް، ޒިންމާދާރު ފަރާތްތަކަށް އަދަބު ދިނުމަށްޓަކައި އަޅުގަނޑުމެން ސީރިއަސްކޮށް މަސައްކަތް ކުރަން ޖެހޭނެ" ކަމަށެވެ.

"މި ދަތިތައް ހައްލުކުރެވޭނެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ޔަޤީންކުރުމަށްޓަކައި އިމާރާތް މަރާމާތުކުރުމުގެ މުޅި ނިޒާމު އިސްލާހު ކުރާނެ" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާ ފެށިފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު، އެ ކޮމްޕްލެކްސްގެ އުސް އިމާރާތްތައް މަރާމާތުކުރުމަށްޓަކައި ޖަހާފައި ހުރި ސްކެފޯލްޑިންގް ކައިރިންނެވެ. ބާރުގަދަވައިގެ ސަބަބުންނާއި، މަރާމާތުގެ މަސައްކަތުގައި ބޭނުންކުރި މިންގަނޑު ހަމަނުވާ ޕްލާސްޓިކް މޭޝްތަކާއި އިންސިއުލޭޝަން ފޯމްތަކުގެ ސަބަބުން އަލިފާން އަވަހަށް ފެތުރި، އަލިފާން ނިއްވުމުގެ މަސައްކަތްތަކަށް ހުރަސް އެޅުނު ކަމަށް އޮފިޝަލުން ޝައްކުކުރެއެވެ.

ލީ ވިދާޅުވީ، މަރާމާތުގެ މަސައްކަތް ކުރި ފަރާތްތަކުން ވަނީ "އިންސްޕެކްޝަނަށް އޮޅުވާލުމަށްޓަކައި" މިންގަނޑު ހަމަނުވާ ރައްކާތެރިކަމުގެ ނެޓްތަކާ އެއްކޮށް ހުއްދަ ލިބިފައިވާ ނެޓްތައް ބޭނުންކޮށްފައި ކަމަށެވެ.

މީގެ އިތުރުން، އެ ކޮމްޕްލެކްސްގެ އަލިފާނުގެ ނުރައްކަލުގެ ސައިރަންތައް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އަލިފާނުން ސަލާމަތްވުމަށް މަސައްކަތް ކުރަނިކޮށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް، އަނދާފައިވާ ހަތް ޓަވަރުގެ ތެރެއިން ދެ ޓަވަރު ފިޔަވައި އެހެން ހުރިހާ ޓަވަރެއްގެ ސިޑިތަކާއި ފުރާޅުތަކުން ވަނީ ފެނިފައެވެ. އަދި މިހާރު ވެސް 30 ވަރަކަށް މީހުން ގެއްލިގެން ހޯދަމުން ދެއެވެ.

މި ހާދިސާއާ ގުޅިގެން ހޮންގްކޮންގްގެ ފުލުހުން ވަނީ ގަސްތުގައި މީހުން މެރުމުގެ ކުށުގައި 13 މީހުން ހައްޔަރުކޮށްފައެވެ. އަދި އެންޓިކޮރަޕްޝަން ބޮޑީއިން ވަނީ މި ހާދިސާއާ ގުޅުންހުރި މައްސަލަތަކުގައި 12 މީހުން ހައްޔަރުކޮށްފައެވެ.

މިދިޔަ އަހަރު ވާންގް ފުކް ކޯޓްގެ ރައްޔިތުން ވަނީ މަރާމާތުގެ މަސައްކަތުގެ ސަބަބުން އަލިފާނުގެ ނުރައްކާ ބޮޑުވާ ކަމަށް ޝަކުވާކޮށްފައެވެ. އެގޮތުން ކޮންޓްރެކްޓަރުން ބޭނުންކުރި މޭޝްތަކުގެ އަލިފާން ރޯވުމުގެ ނުރައްކަލާ ގުޅޭގޮތުން ވެސް ޝަކުވާކޮށްފައިވެއެވެ. ނަމަވެސް، އެ ސިޓީގެ ލޭބަރ ޑިޕާޓްމަންޓުން ވަނީ އެމީހުންނަށް "އަލިފާނުގެ ނުރައްކާ ކުޑަ" ކަމަށް އަންގާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450