ދުނިޔެ
ދެ އަހަރު ދުވަހުގެ އަނިޔާވެރިކަމާއި މަރާއި ހަލާކާއި ވޭނާއި ކެކުޅުމަށްފަހު ޣައްޒާގައި 54 މީހުންގެ ކައިވެނީގެ ހަފްލާއެއް ބާއްވައިފި!
ޣައްޒާގައި ބޭއްވުނު 54 މީހުންގެ ކައިވެނީގެ ހަފްލާ!
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ދެ އަހަރު ފަހުން، ޣައްޒާގެ ދެކުނުގެ ހަލާކުވެފައިވާ މަގުތަކުގައި މިދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ބޮޑު ކައިވެނި ހަފްލާއެއް ބާއްވައިފިއެވެ. މިއީ މި ސަރަހައްދަށް އައިސްފައިވާ ހިތާމަވެރިކަމުގެ ތެރެއިން ލިބުނު ކުޑަ އުފާވެރި ވަގުތުކޮޅެކެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ދެ އަހަރު ދުވަހު ކުރިމަތިވި ހަލާކާއި މަރާއި ތަޅާފޮޅުންތަކާއި ވޭނާއި ކެކުޅުމަށްފަހު، މި ކައިވެނި ހަފްލާ ރަމްޒުކޮށްދިނީ އުންމީދުގެ ޝުޢޫރެކެވެ. ޚާން ޔޫނިސްގެ މަގުތަކުގައި ބައިބައިވެފައިވާ އިމާރާތްތަކުގެ ކައިރިން އީމާން ހަސަން ލައްވާ އާއި ހިކްމަތު ލައްވާ ހަތްދިހަ ހަތަރު ދެމަފިރިންނާއެކު އަތުގައި ހިފައިގެން ކުރިއަށް ދިޔައީ ފަލަސްތީނުގެ ސަގާފީ ހެދުމާއި ސޫޓުގައި ތިބެއެވެ.

"ހިނގާފައިވާ ހުރިހާ ކަމަކާ އެކުވެސް، އަޅުގަނޑުމެން އައު ދިރިއުޅުމެއް ފަށާނަން،" 27 އަހަރުގެ ހިކްމަތު ލައްވާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ މިއީ ހަނގުރާމައިގެ ނިމުން ކަމުގައިވާނެ،" އޭނާ އިތުރަށް ބުންޏެވެ.
ފަލަސްތީނުގެ ސަގާފަތުގެ މުހިންމު ބައެއް ކަމަށްވާ ކައިވެނިތައް، ހަނގުރާމައިގެ ދުވަސްވަރު ޣައްޒާގައި އޮތީ މަދުވެފައެވެ. ނަމަވެސް، ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަށްފަހު، ކައިވެނިތައް އަލުން ބާއްވަން ފަށާފައިވާއިރު، ކުރިން ބާއްވާ ފަދަ ކުލަގަދަ ކައިވެނިތަކެއް މިހާރު ނުފެނެއެވެ. ޚާން ޔޫނިސްގެ ދެކުނު ސިޓީގައި ގިނަ ބަޔަކު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާކުރަމުން ދިޔައިރު، ޣައްޒާގައި ހިނގަމުންދާ ކާރިސާގެ ސަބަބުން އުފާވެރިކަން ވަނީ ކުޑަވެފައެވެ. އީމަން އާއި ހިކްމަތު ލައްވާ އާ ހިމެނޭ ގޮތަށް ޣައްޒާގެ ދެ މިލިއަން ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ހަނގުރާމައިގެ ސަބަބުން ބައިބައިވެ ގެއްލި، މުޅި ސަރަހައްދުތައް ބިމާ ހަމަވެ، އެހީތެރިކަން ނުލިބުމާއި ހަމަނުޖެހުންތަކުން ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައެވެ.
ދުރު ގާތްކަމެއް ހުންނަ މި ޒުވާން ދެމަފިރިން ހަނގުރާމައިގެ ދުވަސްވަރު ކައިރި ރަށެއް ކަމަށްވާ ދެއިރު އަލް-ބަލަހަށް ފިލައިގެން ދިޔައިރު، ކާބޯތަކެއްޗާއި ބޯހިޔާވަހިކަންފަދަ އަސާސީ ބޭނުންތައް ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. އެމީހުން ދިރިއުޅުން އަލުން ބިނާކުރާނެ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ބޭނުން ދުނިޔޭގެ އެހެން މީހުންނެކޭ އެއްފަދައިން އުފާވެރިކަމާއެކު އުޅެން. އަޅުގަނޑު ކުރިން ހުވަފެން ދެކުނީ ގެއެއް، ވަޒީފާއެއް ލިބި އެހެން މީހުންނެކޭ އެއްފަދައިން އުޅެން،" ހިކްމަތު ބުންޏެވެ. "މިއަދު އަޅުގަނޑުގެ ހުވަފެނަކީ ދިރިއުޅޭނެ ފޭލިގެއެއް ހޯދުން." އޭނާ އިތުރަށް ބުންޏެވެ.
މި ހަފްލާއަށް ފަންޑުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގައި ހިންގާ ހިއުމަންޓެރިއަން އެއިޑް އޮޕަރޭޝަނެއް ކަމަށްވާ އަލް ފާރިސް އަލް ޝަހީމް އިންނެވެ. މި ޖަމިއްޔާއިން ކައިވެނި ހަފްލާ ބޭއްވުމުގެ އިތުރުން ދެމަފިރިންނަށް ކުޑަ އަދަދެއްގެ ފައިސާ އާއި ދިރިއުޅުން ފެށުމަށް އެހެނިހެން ތަކެތިވެސް ދީފައިވެއެވެ.
ބާނާޑް ކޮލެޖްގެ ސޯޝިއޮލޮޖީ ޕްރޮފެސަރ ރަންޑާ ސަރްހާން ވިދާޅުވީ ފަލަސްތީނުގެ ކައިވެނިތަކަކީ ތަކުރާރުކޮށް ދިރިއުޅުމުގެ އުންމީދާއި ގުޅުންހުރި ކަމެއް ކަމަށެވެ. "ކޮންމެ އައު ކައިވެންޏަކަށް ކުދިން އަންނާނެ. އަދި އެއީ ހަނދާންތަކާއި ނަސަބު ނެތިގެން ނުދާނެ ކަމުގެ ހެކި،" ސަރްހާން ވިދާޅުވިއެވެ. "ދެމަފިރިން އެއްވެސް ދިރުމެއްނެތް ހާލަތެއްގައިވެސް ދިރިއުޅުން ކުރިއަށް ގެންދާނެ."
މިދިޔަ އަންގާރަ ދުވަހު، ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރެއިން ކައިވެނިކުރި ދެމަފިރިންނާއެކު ކާރުތަކުގެ ޕްރޮސެޝަނެއް ދިޔައެވެ. ހިކްމަތު އާއި އީމާން ލައްވާ އެހެން ދެމަފިރިންނާއެކު ފަލަސްތީނުގެ ދިދަ ވިހުރަމުން ދިޔައިރު، ވަށައިގެން ތިބި އާއިލާތަކުން މިއުޒިކަށް ނަށަމުން ދިޔައެވެ.

ހުދު، ރަތް، އަދި ފެހި ސަގާފީ ހެދުމެއްގައި ހުރި އެމަން ބުނީ މި ކައިވެނި ހަފްލާއަކީ އަހަރުތަކެއްގެ ތުރާލަށް ފަހު ލިބުނު ކުޑަ ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ ހަމަލާތަކުގައި މަރުވި ބައްޕައާއި މަންމަ، އަދި އެހެނިހެން އާއިލާގެ މެމްބަރުންގެ ހަނދާން އޭނާގެ ހިތުގައި އަބަދުވެސް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
މިފަދަ ހިތާމަތަކަކަށް ފަހު އުފާވެރިކަން ތަޖުރިބާކުރުމަކީ އުނދަގޫ ކަމެއް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮންމެ ތަނެއްގައި ފޭލިގެ ޖަހައިގެންވެސް އަލުން ބިނާކުރާނަން.ކަރުނަ ފޮހެލަމުން އީމާން ބުނެލިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، އިސްރާއީލު ސިފައިން ޣައްޒާގައި ގާތްގަނޑަކަށް 70،000 މީހުން މަރާލާފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 170،900 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވެއެވެ. މި ދެ އަހަރަށް ވުރެ ދިގު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބޮޑުބައި ވަނީ ހަލާކުވެ ބިމާ ހަމަވެފައެވެ.