ކުޅިވަރު
އެފްއޭއެމް ވިމެންސް ލީގު: މާޒިޔާއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ގޯލު ކާމިޔާބު ކުރުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ފަރުދުން
03 ޑިސެމްބަރު 2025، 08:30
03 ޑިސެމްބަރު 2025، 08:30
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވިމެންސް ލީގު 2025ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މި މެޗު މަޒިޔާއިން ކާމިޔާބުކުރީ 2-0އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މި މެޗުގައި މާޒިޔާގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ގޯލު މެޗުގެ 58ވަނަ މިނެޓުގައި ކާމިޔާބުކުރީ ޝަޙްފާ ޝިއުތުއެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ފާތިމަތު ނިހާމާއެވެ. ނިހާމާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅެވުނުއިރު، މާޒިޔާގެ އިތުރުން ވިކްޓަރީ ވެސް ވަނީ 3 ޕޮއިންޓު ހޯދާފައެވެ.
ވިމެންސް ލީގު މެޗެއް ދެން އޮންނާނީ ހުކުރު ދުވަހުއެވެ. އެގޮތުން އެ ދުވަހު ހަވީރު އޮންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.