ކުޅިވަރު
ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ފައިސަލް ނިއުއަށް ބަދަލުވެއްޖެ
މިއީ މުޙައްމަދު ފައިސަލް ނިއުއާ ގުޅުނު ދެވަނަ ފަހަރު / ފޮޓޯ: އެފްއޭއެމް
ޤައުމީ ފުޓުބޯޅަ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ މުޙައްމަދު ފައިސަލް ނިއު ރޭޑިއަންޓާ ގުޅިއްޖެއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުން އައިސް، އެ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކޮށްފައިވާ ފައިސަލް ނިއުއަށް ބަދަލުވެފައި މިވަނީ، ނިއުގައި އަނިޔާގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން، ކީޕަރެއްގެ ބޭނުން ބޮޑުވެފައިވާ ދަނޑިވަޅެއްގައިކަމަށް ބެލެވެއެވެ.
އުމުރުން 37 އަހަރުގެ ފައިސަލް މީގެ ކުރިން ވެސް ނިއުއަށް ކުޅެފައިވެއެވެ. އެއީ 2017ވަނަ އަހަރެވެ. އެ ފަހަރު އޭނާ ވަނީ އެ ޓީމުގައި ދެ އަހަރު ހޭދަކޮށްފައެވެ.
މި ސީޒަނުގައި ބުރު ސްޕޯޓްސްއިން ފައިސަލް ފެނުނީ، އަނިޔާގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ކުޅުމާއި ދުރުގައި ހޭދަކުރުމަށްފަހުއެވެ. އަދި އޭގެ ފަހުން މޮޅަށް ކުޅެ ޤައުމީ ސްކޮޑުން ވެސް އޭނާ ޖާގަ ހޯދިއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތަށި 2018 ވަނަ އަހަރު ރާއްޖެއިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކީޕަރު ފައިސަލް ވަނީ މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބަކަށް ކުޅެފައެވެ.
ނިއުގެ ގޯލު މި ސީޒަން ފެށިއިރު ބެލަހައްޓަމުން ދިޔައީ ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބްއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ދިމާވުމުން އެ ޓީމުން ވަނީ އިމަޖެންސީ ޓްރާންސްފާއެއް ހަދައި، ސްރީ ލަންކާގެ ކީޕަރު ކަވީޝް ލަކްޕްރިޔާ ގެނަސްފައެވެ. އެކަމަކު ފުރަތަމަ ބުރު އެ ޓީމުން ނިންމާލަން ޖެހުނީ އޭނާއަށް ވެސް އަނިޔާވެގެން ބަދަލު ކީޕާރު އަބްދުالله ޒިމާމްއާއެކުއެވެ.
އެހެންކަމުން ނިއުއަށް ފައިސަލް ގެންދިޔައީ، އެ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވުމުން، އެތަން ފޫބެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ނިއު ރޭޑިއަންޓް އޮތީ ތާވަލުގެ ތިންވަނައިގައި 17 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ 27 ޕޮއިންޓް ލިބިފައެވެ.