ޚަބަރު
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
06 ޑިސެމްބަރު 2025، 05:06
06 ޑިސެމްބަރު 2025، 05:06
ހުލާސާ
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދު ތަސްދީޤުކުރައްވައިފިއެވެ.
މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހެޅީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. ސަރުކާރުގެ ފަރާތުން ބިލު މަޖިލިހަށް ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ ޕީ.އެން.ސީ. މެންބަރު ޔޫސުފް ރަޝީދެވެ. އިޞްލާޙުތަކާ އެކު ރައްޔިތުންގެ މަޖިލިހުން ބިލު ފާސްކުރީ، މި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.
މި ބިލުގައި ޤާނޫނަށް ގެނައި އެންމެ ބޮޑު އިޞްލާޙަކީ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާ ނަމަ، އެ މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައެޅުމެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ މަރުގެ އަދަބު ދެވޭނެ ޙާލަތްތައް:
އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 (ތިން ސަތޭކަ ފަންސާސް) ގްރާމަށް ވުރެ އިތުރު ޢަދަދެއްގެ ކެނެބިސް ކަމުގައި ވުން
އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 250 (ދުއި ސައްތަ ފަންސާސް) ގްރާމަށް ވުރެ އިތުރު ޢަދަދެއްގެ ޑައިމޯފިން ކަމުގައި ވުން
ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޤާނޫނުގެ ޖަދުވަލު 1ގައިވާ މަސްތުވާއެއްޗެއް ނަމަ، ނުވަތަ 100 (ސަތޭކަ) ގްރާމަށް ވުރެ އިތުރު ޢަދަދެއް ކަމުގައި ވުމާއެކު އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށް ވުން
މި އިޞްލާޙުގެ ދަށުން، މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެ ކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެ ގޮތުގެ މަތީން ޙުކުމް ކުރުމުން ކަމަށް ކަނޑައަޅާފައި ވެއެވެ.
ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއްގެ ގޮތުގައި ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުގައި ހިމެނޭ އެހެނިހެން އިޞްލާޙުތަކަށް ބަލާއިރު، ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުން ފާހަގަކޮށްލެވެއެވެ. އެ ގޮތުން، މަސްތުވާތަކެތި އެތެރެކުރުމާއި ބޭރުކުރުމަށް ނުވަތަ އެ ފަދަ ކަމަކަށް އެހީތެރިވެ އަދި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ 20 އަހަރުގެ މުއްދަތަކަށް ޖަލަށް ލައި، 75،000 ރުފިޔާއިން ފެށިގެން 7،500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ޤާނޫނު ވަނީ އިޞްލާޙުކޮށްފައެވެ.
މަސްތުވާތަކެތި އެެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުން ޑްރަގް އެެތެރެކުރުން ހުއްޓުވޭނެކަމަށް، ޑިސެމްބަރު 4ވަނަ ދުވަހުގެ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒުވާނުން ބާރުވެރިކޮށް، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ބޭނުންވަނީ އެ ކަމުގެ "ރޫޓް ކޯޒްއަށް އެޑްރެސްކުރަން" ކަމަށް ވެސް އެ މަނިކުފާނު އެ ރޭ ވިދާޅުވިއެވެ