ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
06 ޑިސެމްބަރު 2025، 05:12
06 ޑިސެމްބަރު 2025، 05:12
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 3 ޑިސެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވުނު 20ވަނަ ރައްޔިތުންގެ މަޖިލިހުގެ 2025ވަނަ އަހަރުގެ 3ވަނަ ދައުރުގެ 28ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ.
ބިލުގައި ތަޢާރަފުކުރި މުހިންމު އިޞްލާޙުތައް:
ޓޫރިސްޓު ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް" ހިމަނައި، އެ ފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމާއި، ތަރައްޤީކޮށް އެ ތަންތަން ހިންގުމުގެ އުޞޫލު ބަޔާންކޮށްފައިވުން
މީހުން ދިރިއުޅޭ ރަށްތަކުގެ ނުވަތަ ސިޓީތަކުގެ އިޚްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށާއި، އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވުން
ސަރުކާރުގެ ޙިއްޞާ އޮންނަ ކުންފުނިތަކުގެ ތެރެއިން، މަދުވެގެން 45އިންސައްތަ ޙިއްޙާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު، ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށް ކަނޑައަޅާފައިވުން
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުޠުތަކާއި އިޖުރާއާތު ބަޔާންކޮށް، ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު 6 މަސް ދުވަހަށް އިތުރުކުރެވޭނެ ކަމަށް ނިންމާފައިވުން
ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް ޚިދުމަތް ދެވޭނީ، ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށް ފަހުގައި ކަމަށް ކަނޑައަޅައި ޓުއަރ އޮޕަރޭޓަރުންނާއި ފޮރިން ޓުއަރ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ބަޔާންކޮށްފައިވުން
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަން ޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ޤަވާޢިދުގައި ކަނޑައަޅާ ގޮތެއްގެ މަތީން، ފަސްކޮށްދިނުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވާ ކަމަށް ކަނޑައެޅުން
ހުއްދަ ހޯދައިގެން ފޯރުކޮށްދޭން ޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފި ނަމަ، އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް، އެ ފަރާތެއް 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ކަނޑައެޅުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ އެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.