ކުޅިވަރު
މަޔޫސްވެފައި ހުރެ ސަލާޙް ބުނީ، އަންނަ ހަފްތާ އެންފީލްޑްގައި ކުޅޭ މެޗަކީ އޭނާގެ ފަހު މެޗަށް ވެދާނެކަމަށް
ސަލާޙް ވަނީ އިނގިރޭސި ލީގުގައި މިހާތަނަށް 190 ގޯލު ކާމިޔާބުކޮށްފައި---
ޖެހިޖެހިގެން ތިން މެޗުގައި ކުޅުމުގެ ފުރުސަތު ދީފައި ނުވުމާއެކު، އޭނާގެ ފެންވަރާމެދު ކޯޗު އާރނޭ ސްލޮޓް ޝައްކުކުރާކަމަށް ތުހުމަތުކޮށް، މިއަންނަ ހަފްތާ ބަންދުގައި އެންފީލްޑުގައި ކުޅޭ މެޗަކީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އޭނާ ކުޅޭ ފަހު މެޗަށް ވެދާނެކަމުގެ މޭރުމަކުން، އެ ޓީމުގެ ތާރީޙުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ މުޙައްމަދު ސަލާޙް ވާހަކަދައްކައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ލިވަޕޫލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-3އިން އެއްވަރުވެފައިވާއިރު، އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލާޙް ބުނީ، މިއަންނަ ހޮނިހިރު ދުވަހު ލިވަޕޫލް އާއި ބްރައިޓަން އެންޑް ހޯވްސް ބައްދަލުކުރާ މެޗު ބަލަން އައުމަށް އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި ބުނެފައިވާނެ ކަމަށާއި، އެއީ އެ މެޗަށް ފަހުން ވާނެ ގޮތެއް ނޭންގޭތީ ކަމަށެވެ.
"އިއްޔެ އެމީހުން (މަންމަ އާއި ބައްޕަ) ކައިރީގައި ބުނެފައި ވާނީ ބްރައިޓަން މެޗަށް އައުމަށް. އެ މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނަސް، އެއީ ހިތްހަމަ ޖެހޭ ވަގުތުކޮޅަކަށް ހަދަން އަހަރެން ބޭނުން.
ބްރައިޓަން މެޗަކީ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ދިއުމުގެ ކުރިން ލިވަޕޫލް ކުޅޭ ފަހު މެޗު ކަމުން، އަހަރެން ބޭނުންވަނީ އެ މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން. އެއަށްފަހު ދެން ވާނެ ގޮތެއް އަހަރެންނަކަށް ނޭންގޭ."
ލިވަޕޫލްއާއެކު 8 ސީޒަން ހޭދަކޮށްފައިވާ އުމުރުން 33 އަހަރުގެ ސަލާޙްގެ ކުރިމަގާމެދު ނޫސްވެރިން އިތުރަށް ސުވާލު ކުރުމުން އޭނާ ބުނީ، "ފުޓުބޯޅައިގައި އެހެން ބުނަން ނޭންގޭނެ" ކަމަށެވެ.
އެއަށްފަހު ސީޒަންގައި ރަގަޅު ފޯމަކަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންދާ ސަލާޙް އޭނާއާ އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ބުނީ، އެއީ ވަރަށް ބޭއިންސާފުވެރި ވާހަކަތަކެއް ކަމަށެވެ.
އޭނާ ބުނީ، ކްލަބުގައި ހޭދަކޯށްފައިވާ ދިގު މުއްދަތުގައި ގިނަ ޚިދުމަތްތަކެއް ކޮށްދީފައި ވާނެކަމަށާއި، އޭގެ ތެރެއިން މިދިޔަ ސީޒަން ފާހަގަކޮށްލެވޭނެ ކަމަށެވެ. ނަމަވެސް މިހާރު ކަންތައްތައް ކުރަމުންދާ ގޮތުން އޭނާ ޓީމުން އެއްކޮށް ބާކީކޮށްލާފައިވާކަމުގެ އިޙުސާސް ކުރެވޭކަމަށް ބުންޏެވެ.
އެހެންކަމުން، ކޮންމެސް މީހަކު އޭނާ ޓީމުން ބޭރުކޮށްލަން ބޭނުންވެފަ ހުރިކަން ވަރަށް ބޮޑަށް ޔަޤީންވާކަމަށް ސަލާޙް ބުންޏެވެ. އަދި މި ސީޒަންގައި ލިވަޕޫލްގައި މަޑުކުރަން އޭނާ ނިންމީ ކްލަބުން ގިނަ ކަންތައްތަކަކަށް އެއްބަސްވުމުން ކަމަށާއި، ނަމަވެސް ޖެހިޖެހިގެން 3 މެޗުގައި ކުޅެން ފުރުސަތު ނުލިބުމަކީ، އެ އެއްބަސްވުމާ ޚިލާފުވުންކަމަށް ބުންޏެވެ.
މީގެއިތުރުން، ކްލަބްގެ ކޯޗާއި ސަލާޙްއާ ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
2017ވަނަ އަހަރު ލިވަޕޫލްއާ ގުޅުނުފަހުން ސަލާޙްއަކީ ލީގުގައި އެންމެ ވިދުން ގަދަ އެއް ތަރިއެވެ. އޭނާ އިނގިރޭސި ލީގުގައި މިހާތަނަށް 190 ގޯލު ކާމިޔާބުކޮށްފައިވާއިރު، ލީގުގެ ތާރީޙުގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގައި އޭނާ އޮތީ ހަތަރު ވަނައިގައެވެ.