ދުނިޔެ
ކެނެޑާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ބިންހެލުން މޮނިޓަރކުރުން---
ކެނެޑާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުންތައް މޮނީޓާ ކުރަމުން އަންނަ އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ކެނެޑާގެ ޔުކޮން ސަރަޙައްދަށެވެ.
އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީން އިތުރަށް ބުނީ، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށެވެ. އަދި މި ބިންހެލުން އައީ 6.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް، މި ބިންހެލުމާއި ގުޅިގެން އެމެރިކާގެ ޖިއޮލޮޖިކަލް އިދާރާއިން ބުނީ ކެނެޑާގެ ޔުކޮން ސަރަޙައްދަށް އައިސްފައި ވަނީ 7.0 ބާރުމިނުގެ ބިންހެލުމެއް ކަމަށެވެ.
އަލަސްކާ އާއި ކެނެޑާގެ ބޯޑަރު ސަރަޙައްދުގައި އޮންނަ ޔުކޮންއަކީ ފަރުބަދަ ސަރަޙައްދަކަށް ވާއިރު، އެ ސަރަޙައްދުގައި 50،000 އާއި ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅެއެވެ. ނަމަވެސް، މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އެ ސަރަޙައްދުގެ މީޑިއާތަކުން ކޮށްފައެއް ނުވެއެވެ.
ހަމަ އެހެންމެ، މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ވެސް ދީފައެއް ނުވެއެވެ.