ކުޅިވަރު

އެފްއޭއެމް ވިމެންސް ލީގު: ނިއުއިން ފަސޭހަކަމާއެކު ބިސް ބުރު ބަލިކޮށްފި

އެފްއޭއެމް ވިމެންސް ލީގު: ނިއުއިން ފަސޭހަކަމާއެކު ބިސް ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓުގެ 4ވަނަ ގޯލު ކާމިޔާބުކުރުމަށްފަހު ފާތިމަތު ފައިހާ އަލީ ޙަސަން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޑިސެމްބަރު 2025، 06:42

08 ޑިސެމްބަރު 2025، 06:42

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވިމެންސް ލީގު 2025ގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޮޑު ތަފާތަކުން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުޅުނު މި މެޗު ނިއު ކާމިޔާބުކުރީ 6-0އިންނެވެ.

މި މެޗުގައި ނިއުއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ބިސް ބުރަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއު ވަނީ 3 ގޯލުގެ ލީޑެއް ނަގާފައެވެ. އެ ގޯލުތައް ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާ، މައީޝާ އަބްދުލް ޙައްނާން އަދި ފާތިމަތު ފައިހާ އަލީ ޙަސަންއެވެ. 

އެގޮތުން ނިއުއަށް ލީޑު ނަގައިދިން ގޯލު، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނޫރާ ކާމިޔާބުކުރިއިރު، ދެވަނަ ގޯލަކީ ވެސް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެކެވެ. ނަމަވެސް އެއީ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ. 

އަދި ދެވަނަ ހާފު ފަށައިގެން 2 މިނެޓު ކުޅެވުނު ފަހުން އެ ޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް މައީޝާ ފޮނުވާލި ޕެނަލްޓީ ވަނީ ބިސް ބުރުގެ ގޯލްކީޕަރު، ހައްވާ ޝުފައިހާ ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ 56ވަނަ މިނެޓުގައި ފައިހާ ވަނީ އޭނާގެ ދެވަނަ ގޯލާއެކު ނިއުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މައީޝާ އިތުރު ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް، ނިއުގެ 6ވަނަ ގޯލު މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން ފަދުވާ ޒާހިރުއެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ވާތް ފަރާތުން، ޕެނަލްޓީ އޭރިއާ ބޭރުން ދުރުކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައި ވަނީ ވަރަށް ރީތި ގޯލެކެވެ.

އެފްއޭއެމް ވިމެންސް ލީގުގެ ޕޮއިންޓު ތާވަލު---

މި މޮޅާއެކު ޖުމްލަ 4 ޕޮއިންޓު ހޯދާފައިވާ ނިއު އޮތީ ލީގުގެ 3ވަނައިގައެވެ. އަދި ބިސް ބުރަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވިނަމަވެސް، ގޯލުގެ ތަފާތުން އެ ޓީމު އޮތީ 6 ޓީމު ހިމެނޭ ލީގުގެ 5ވަނައިގައެވެ.

ކޮންމެ ޓީމެއް ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ލީގުގެ އެއްވަނައިގައި މިހާރު އޮތީ 4 ޕޮއިންޓާއެކު އޮޑި ސްޕޯޓްސް ކްލަބެވެ. އަދި ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް 4 ޕޮއިންޓު ލިބިފައިވާއިރު، 4ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ލިބިފައި ވަނީ 4 ޕޮއިންޓެވެ. އެހެންކަމުން ލީގުގެ މަތީގައި އޮތް 4 ޓީމު ތާވަލުގައި މިހާރު ރޭންކުކުރެވިފައި ވަނީ ގޯލު ތަފާތުންނެވެ.

ވިމެންސް ލީގު މެޗެއް ދެން އޮންނާނީ ބުދަ ދުވަހުއެވެ. އެ މެޗުގައި ބައްދަލުކުރާނީ ބިސް ބުރާއި އޮޑި ސްޕޯޓްސްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން