ރިޕޯޓް
ސަރުކާރުތަކުގެ ނުވަމަސް – ބޮޑެތި މަޝްރޫއުތައް ފަށަން އަހަރު ދެ އަހަރު ނަގާ
ފޮޓޯ ސޯޝަލްމީޑިޔާ
ފަރުދުން
31 އޯގަސްޓު 2024، 09:17
31 އޯގަސްޓު 2024، 09:17
ކޮންމެ ސަރުކާރެއްވެސް ވެރިކަމާ ހަވާލުވަނީ ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެ، ވައުދުތައް ފުއްދުމުގެ ނިޔަތުގައެވެ. ސަރުކާރާ ހަވާލުވާތާ ވަކި މުއްދަތެއްގެ ތެރޭގައި ފެށުމަށް އިއުލާންކުރާ ވައުދުތަކުގެ އިތުރުން ދެން ހުންނާނީ ދުރު ރާސްތާގެ ވައުދުތަކެވެ. ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި ގާނޫނީ ގޮތުން ބަދަލުތައް ގެނެސްގެން މެނުވީ ފުރިހަމަ ނުކުރެވޭނެ ވައުދުތަކެވެ. ރޭވުންތެރިކަމާ އެކު ގިނަ ފަރާތްތަކާ މަޝްވަރާކޮށް، ފުރުސަތުތަކާއި މާލީ އެހީތެރިކަން ހޯދައިގެން މެނުވީ ކުރިއަށް ނުގެންދެވޭނެ ވައުދުތަކެވެ. ކޮންމެ ސަރުކާރެއްގައި ވެސް މައިގަނޑު ބޮޑެތި ވައުދުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދެތިން އަހަރު ނަގައެވެ. ކަރުދާހުގެ މަސައްކަތާއި މަޝްރޫއުތައް ރޭވުމުގައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ނުވަ މަހުން ހުރިހާ ވައުދެއް ފުއްދަވަން ޖެހެއެވެ! ނުވަ މަހުން ނުވީ ކަމަށް ބަލައި ސަރުކާރު ވައްޓާލަން އިދިކޮޅުން ދަނީ ގޮވަމުންނެވެ.
ރައީސް ޔާމިން ސަރުކާރުގެ މައިގަނޑު މަޝްރޫއުތަކަށް ބަލައިލަމާތޯއެވެ. އެއްވެސް ބޮޑު މަޝްރޫއެއް ދައުރުގެ ނުވަ މަސް ދުވަހުން ނިންމިތޯއެވެ؟ އަމަލީ މަސައްކަތާ ހަމައަށް ދެވުނުތޯއެވެ؟ މިއަދު ފާޑު ކިޔުމަކީ ފަސޭހަކަމަކަށް ވަނީ ވެފައެވެ. ނަމަވެސް، ރައީސް ޔާމިން ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުގެ ތާރީޚުތަކަށް ބަލައިލަމާތޯއެވެ!
- ހުޅުމާލެ ފޭސް ދޭއް ހިއްކުމުގެ މަސައްކަތް ފެށީ ޖެނުއަރީ 2015ގައި، ރައީސް ޔާމިން ސަރުކާރަށް އަހަރެއްވި ފަހުން
- ހުޅުމާލޭ ފޭސް ދޭއްގައި ފްލެޓް އިމާރާތްކުރުމުގެ ބިޔަ މަޝްރޫއު ފެށީ ނޮވެންބަރު 2017ގައި، ރައީސް ޔާމިންގެ ސަރުކާރަށް 3 އަހަރުގައި
- ދަރުމަވަންތަ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށީ ޖޫން 2016ގައި، ރައީސް ޔާމިންގެ ސަރުކާރަށް 2 އަހަރާ ބައިގައި
- ސިނަމާލޭ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެޕްރީލް 2016ގައި، ރައީސް ޔާމިންގެ ސަރުކާރަށް 2 އަހަރުވުމަށް ފަހު
- ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ ފެބުރުވަރީ 2018ގައި، ރައީސް ޔާމިންގެ ސަރުކާރަށް 4 އަހަރުގައި
މިއީ ރައީސް ޔާމިން ސަރުކާރުގެ ބޮޑެތި މަސްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ތާރީޚުތަކެވެ. އާނއެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތްތާ އެންމެ ނުވަ މަހުން އަމަލީ މަސައްކަތް ފެށި އެންމެ މަޝްރޫއެއްވެސް ނެތެވެ. އެހެން ނަމަވެސް ޕޯޑިއަމްތަކުގައި ރައީސް ޔާމިންގެ ޕާޓީން ގޮވަމުން ދަނީ ނުވަ މަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުތައް ނުފުއްދަވާ ވާހަކައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނުވާ ވާހަކައެވެ. ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ މި ފަދަ ވާހަކަތަކަށް ހެއްލޭވަރަށް ވުރެ ދިވެހި ރައްޔިތުން ހޭލުންތެރިއެވެ. ސަރުކާރަށް ވަގުތު ބޭނުންވާކަން، މަޝްރޫއުތައް ފެށުމަށް ކަރުދާހުގެ މަސައްކަތް ހިނގާނެކަން ރައްޔިތުން ދަނެއެވެ. ރައީސް ޔާމިން އާއި އެމަނިކުފާނުގެ ޕާޓީން ގޮވާހާ އެއްޗަކަށް ހެއްލޭނެ ބަޔަކު ނެތެވެ. ރައްޔިތުން ތިބީ ދިވެހީންގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ގެނެސްދެއްވަމުންދާ ކުރިއެރުމަށް ތަރުހީބު ދީގެނެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ރައީސް ޔާމިން ދައުރުގައި ފައްޓަވައި، އަމަލީ މަސައްކަތް ނިންމާފައި ނުވާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެންމެ ނުވަ މަހުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނިންމޭނެ ނަމަ އެއް ސަރުކާރުން އަނެއް ސަރުކާރަށް މަސައްކަތްތައް ބަދަލުވަމުން ނުދާނެއެވެ. ރައީސް ޞާލިޙްގެ އެމްޑީޕީންވެސް އެމްޑީޕީ ވެރިކަމުގެ ލަސްކަމަށް ނުބަލައި މިއަދު ގޮވަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނުވަމަހުން ވައުދުތައް ނުފުއްދުނު ވާހަކައެވެ. މި އުޅެނީ ނުވަ މަހުން ކޮން ވައުދެއް ނުފުއްދިގެން ތޯއެވެ؟ އެމްޑީޕީ ސަރުކާރުން ފަށައި ނުނިމިހުރި ބޮޑެތި ގިނަ މަޝްރޫއުތަކުގެ މަސައްކަތް މިއަދުވެސް ކުރައްވަމުންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.
- ތިލަމާލޭ ބްރިޖްގެ މަސައްކަތް ފެށީ އޮގަސްޓު 2022ގައި، ރައީސް ޞާލިހްގެ ސަރުކާރަށް 3 އަހަރު ފަހުން
- ފަހި ދިރިއުޅުން ކޯޕަރޭޝަން ފޭސް 2 ފްލްޓްތަކުގެ މަސައްކަތް ފެށީ ޖުލައި 2022ގައި، ރައީސް ޞާލިހްގެ ސަރުކާރަށް 3 އަހަރުގައި
- އާރުޓީއެލް ފެރީގެ ފުރަތަމަ ހިދުމަތް ފެށީ ސެޕްޓެންބަރު 2022ގައި، ރައީސް ޞާލިހްގެ ސަރުކާރަށް 3 އަހަރުގައި
- އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށީ ޖޫން 2023ގައި، ރައީސް ޞާލިހްގެ ސަރުކާރަށް 5 އަހަރު ވަނިކޮށް
- ހަންކެޑެ ބްރިޖާއި އައްޑޫ މަގު ހެދުމުގެ ބޮޑު މަޝްރޫއު ފެށީ މާރިޗު 2022ގައި، ރައީސް ޞާލިހްގެ ސަރުކާރަށް 4 އަހަރުގައި
ރައީސް ޞާލިހްގެ ސަރުކާރުގެ މައި މަޝްރޫއުތައްވެސް ފަށާފައިވަނީ ސަރުކާރަށް އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި ނޫނެވެ. އަހަރު ދެ އަހަރު ފަހުން އަދި ރިޔާސީ ދައުރު ނިމެން ދެތިން މަހަށް ވީމައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އެމްޑީޕީ ސަރުކާރުން ލަސް ދުވެލީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ހަލުވިކޮށް ކުރައްވަމުންނެވެ. ތިލަމާލޭ ބްރިޖްގެ %50 މަސައްކަތް ފުރިހަމަވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބްރިޖްގެ ގެ މަސައްކަތް ނިމިފައިވަނީ %29އެވެ.
ބިޔަ މަޝްރޫއުތައް ފެށުމަކީ ނުވަ މަހުން އެއްވެސް ސަރުކާރަކަށް ހާސިލުވި މިންވަރެއް ނޫނެވެ. މަޝްރޫއުތައް ރޭވުމާއި ކުރިއަށް ގެންދިއުމަށް ފައިނޭންސް ހަމަޖެއްސުމާއި އިދާރީ އެކި މަސައްކަތްތަކަށް އެތައް މަހެއް ހޭދަވެއެވެ. ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތައް އަދި އިސްކަން ދޭ ފުރަތަމަ މަސައްކަތްތައް ކާމިޔާބުކުރުމުގައި މި ސަރުކާރުން ވަނީ އެހެން ހުރިހާ ސަރުކާރަކާ ނުބައްދަލު ކުރިއެރުން ހޯދާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި މުޅި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުން ދަނީ އެ މަސައްކަތެވެ. މަޝްރޫއުތައް ފެށްޓުމަށް ވާން ޖެހޭ އެކި ތައްޔާރީތަކެވެ. ބަންކަރިންގެ ހިދުމަތް އެ ފެށެނީއެވެ. ގެދޮރުވެރިކަމުގެ ބިޔަ ރަސްމާލޭ މަޝްރޫއުވެސް ފެށިގެންދާނެއެވެ. އުންމީދާއި އަވަސްކަމާއެކުގައެވެ.