ޚަބަރު
އަޅުގަނޑު ސިޔާސީ ގޮތުން މީހަކަށް ފިޔަވަޅެއް ނާޅާނަން: ރައީސް މުޢިއްޒު
ރައީސް މާލޭގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން
ސިޔާސީ ގޮތުން މީހަކަށް ފިޔަވަޅެެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނަކީ ސިޔާސީ ގޮތުން އެއްވެސް މީހަކަށް ފިޔަވަޅު އަޅާނެ މީހެއް ނޫން ކަމަށާއި، ޖުޑިޝަރީ މިވަގުތު އޮތީ ހަޤީޤީ މާނައިގައި މިނިވަންކޮށްފައި ކަމަށް ރައީސް ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު މަގާމާއި ހަވާލުވެ ހުވާކުރެއްވުމަށްފަހު އިއުލާނުކުރެއްވި ގޮތަށް ޖުޑިޝަރީ ހިނގަމުންދާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާކަން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޯޓުތަކަށް ބައެއް ބޭފުޅުން ހާޒިރުވުމަށް ޗިޓް ފޮނުވިކަން އެނގިވަޑައިގަންނަވަނީ ނޫސްތަކުން ކަމަށެވެ.
ހަމަ ޔަޤީނުން ވެސް ޖުޑިޝަރީގައި ނުހުންނާނެ އަޅުގަނޑާއި ސަރުކާރުގެ އެއްވެސް ބޭފުޅަކު ނުފޫޒު ފޯރުވައެކޭ ވިދާޅުވާނެ އެއްވެސް ބޭފުޅެއް. އެކަމެއް ނުކުރަން. ހަމަ ހަގީގަތުގައި ބައެއް ބޭފުޅުން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވިކަން އަޅުގަނޑަށް ފެންނަނީ ނޫހުން. އަޅުގަނޑަކީ ސިޔާސީ ގޮތުން މީހަކަށް ފިޔަވަޅު އަޅާނެ މީހެއް ނޫން.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
އެމަނިކުފާނު ވިދާޅުވީ، މީހަކު ސިޔާސީވެގެން އެ މީހާއަށް ފިޔަވަޅު އެޅުމަށް ކޯޓަށާއި ފުލުސް އޮފީހަށް ގެންދިއުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ މި ގައުމުން ބަދަލު ހިފުވުމުގެ ރޫހު ނައްތާލާ، ސިޔާސީ އޮއިވަރުގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާ ކުރުން ނައްތާލުމަށް ކަމަށާއި، މިއީ އެމަނިކުފާނުގެ މުހިންމު ވައުދުފުޅެއް ކަމަށް ތަކުރާރުކުރެއްވިއެވެ.
ވެރިކަމަށް ދެ އަހަރުވީއިރު ސިޔާސީ ހައްޔަރީއެއް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަމުން ވެސް ސާބިތުކޮށްދެނީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާކަން ކަމަށާއި، ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެމަނިކުފާނު އަންގަވައިގެން އެއްވެސް ކަމެއް ކޯޓު ތެރެއިން ކޮށްފައި ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކޯޓުތައް ހަޤީޤީ މާނައިގައި މިނިވަންކޮށް ހިންގޭނެ މަގު ފަހިކޮށްދިނުމަށް ހުރިހާ ކަމެއް ކޮށްދެމުންދަނީ. އެކަން ދަނީ ޑްރަގްގެ ކުށުގެ ތުހުމަތުކުރެވޭ މީހުންނަށާއި ނުބައި އަމަލުތައް ކޮށްފައިވާ މީހުންނަށް ހުކުތައް ކުރާއިރު ފެންނަމުން. ކުރީގެ ބިރުން އެމީހުންނަށް ހުކުމް ނުކޮށް ތިބޭ ތިބުން ނިމިގެން ދާތަން އެބަ ފެނޭ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޕޮޒިޝަން ވެސް ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާއިއެކު ކުރިއަށްދާކަން ރައްޔިތުންނަށް އިހުސާސްކުރެވޭނެ ވަރަށް އެކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.