ކުޅިވަރު
މީޑިއާއަށް ދިން އިންޓަވިއުއާ ގުޅިގެން ޗެމްޕިއަންސް ލީގު ސްކޮޑުން ސަލާޙް ބާކީކޮށްފި
ސަލާޙް މީޑިއާއާ ވާހަކަ ދެއްކީ، އޭނާ އެއްވެސް ވަރަކަށް ބޭނުންނުކޮށް ތިން މެޗު ކުޅުނު ފަހުން / ފޮޓޯ: ގެޓީ އިމޭޖަސް
މިދިޔަ ހޮނިހިރު ދުވަހު މީޑިއާއަށް ދިން އިންޓަވިއުއާ ގުޅިގެން، މިރޭ ޗެމްޕިއަންސް ލީގުގައި އިންޓާރ މިލާނާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ލިވަޕޫލްގެ ސްކޮޑުން، "އިޖިޕްޝަން ކިންގް"، މުޙައްމަދު ޞަލާޙް ބާކީކޮށް، ޓީމު އިޓަލީއަށް ގޮސްފިއެވެ.
ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އެ ޓީމު ކުޅެ 3-3އިން އެއްވަރުވި މެޗަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ސަލާޙް ބުނީ، ބަހެއްގެ ދަށަށް އެނާ އެއްލާލައިފާވާކަމުގެ އިޙްސާސް ކުރެވޭ ކަމަށާއި، ލިވަޕޫލްގެ ކޯޗު، އާރނޭ ސްލޮޓާ މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ސަލާޙް ސްކޮޑުން ބާކީކުރަން ނިންމި ނިންމުމަކީ، ކޯޗު ބޭނުން ވެގެން ކްލަބުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން ސަލާޙް ޢަމަލުކުރި ގޮތުން މިވަގުތަށް އެންމެ ރަނގަޅީ ޓީމާ ދުރުގައި ކުޑަ ދުވަސްކޮޅަކަށް މަޑުކޮށްލުންކަމަށް ވަނީ ހާމަކޮށްފައެވެ.
އަދި މިކަމާ ގުޅިގެން ސަލާޙްއާ މެދު އެއްވެސް ރަސްމީ ފިޔަވަޅެއް ކްލަބުން ނާޅާނެކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.
މި މައްސަލަ ފެންމަތިވިއިރު، މިއަންނަ ހޯމަ ދުވަހު އެޕްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ އިޖިޕްޓުގެ ޤައުމީ ޓީމާ ގުޅުމަށް ސަލާޙް ދާނެއެވެ. އަދި އޭގެ ކުރިން އެންފީލްޑްގައި ޕްރިމިއަރ ލީގު މެޗެއް ހޮނިހިރު ދުވަހަށް ވެސް އޮތީ ތާވަލުކޮށްފައެވެ.
ހޮނިހިރު ދުވަހު ސަލާޙް ދިން އިންޓަވިއުގައި ބުނެފައިވަނީ، އަންނަ ހޮނިހިރު ދުވަހު ލިވަޕޫލް އާއި ބްރައިޓަން އެންޑް ހޯވްސް ބައްދަލުކުރާ މެޗު ބަލަން އައުމަށް އޭނާގެ މަންމަ އާއި ބައްޕަ ކައިރީގައި ބުނެފައިވާނެ ކަމަށާއި، އެއީ އެ މެޗަށް ފަހުން ވާނެ ގޮތެއް ނޭންގޭތީ ކަމަށެވެ. އަދި ބްރައިޓަން މެޗަކީ އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ދިއުމުގެ ކުރިން ލިވަޕޫލް ކުޅޭ ފަހު މެޗު ކަމުން، އެ މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން ބޭނުންކަމަށް ވެސް ސަލާޙް ވަނީ ބުނެފައެވެ.
2017ވަނަ އަހަރު ލިވަޕޫލްއާ ގުޅުނުފަހުން ސަލާޙްއަކީ ލީގުގައި އެންމެ ވިދުން ގަދަ އެއް ތަރިއެވެ. އޭނާ އިނގިރޭސި ލީގުގައި މިހާތަނަށް 190 ގޯލު ކާމިޔާބުކޮށްފައިވާއިރު، ލީގުގެ ތާރީޙުގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގައި އޭނާ އޮތީ ހަތަރު ވަނައިގައެވެ.