ކުޅިވަރު

ދިވެހި ލީގު: އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު މާޒިޔާއިން ރެކޯޑު ދަމަހައްޓައިފި

ދިވެހި ލީގު: އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު މާޒިޔާއިން ރެކޯޑު ދަމަހައްޓައިފި

މާޒިޔާގެ ގޯލު ކާމިޔާބުކުރުމަށްފަހު ސާޖިއޯ މެންޑީ އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 10:15

11 ޑިސެމްބަރު 2025، 10:15

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް، އެއްވެސް މެޗަކުން އެ ޓީމު ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ދަންމާލައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ، ގްރީން ސްޓްރީޓްސްއިން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލު ކާމިޔާބުކޮށް 2-1އިންނެވެ. 

ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 9-0ގެ ބޮޑު ތަފާތަކުން މާޒިޔާ މޮޅުވެގެންނެވެ. ނަމަވެސް ދެވަނަ ބުރަށް ގްރީން ސްޓްރީޓްސް ނިކުތީ ތަފާތު ރޫހެއްގައި ރެލިގޭޝަނުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅައިގެން މިއަދު ސާބިތުކޮށްދީފިއެވެ. މެޗު ގެއްލުނީ މަދު ސިކުންތު ކޮޅަކަށްވެފައި ވަނިކޮށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ކުރިއަށް ޖެހިގެން ގިނަ އެޓޭކުތަކެއް ފޮނުވާލިއިރު، އެ ޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އާއި ނާއިޒް ހަސަން ފޮނުވާލި ހަމަލާތައް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ނައިޖީރިއާގެ އޯޖޯ ވަނީ ހުއްޓުވާފައެވެ. ގްރީން ސްޓްރީޓްސްއިން ކައުންޓަރ އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ފުލްބެކް ހައިޝަމް ހަސަން ނެގި ހުރަހަކުން އޭރިއާ ތެރެއިން މި ލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ މެންޑީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާއިން ލީޑު ނެގިއިރު، އެ ޓީމުގެ އަޙްމަދު އައިހަމް ނެގި ކޯނަރަކުން ސާޖިއޯ މެންޑީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޯޖޯ އަތުގައި ޖެހިފައެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ 10 މެޗުން 30 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް 10 މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން