ކުޅިވަރު
އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާއާއެކު ވިކްޓަރީއިން އީގަލްސް ބަލިކޮށްފި
ވިކްޓަރީ އާއި އީގަލްސް ބައްދަލުކުރި މެޗު / ފޮޓޯ: ޕީއެސްއެމް
ދެވަނަ ބުރަށް ޓީމު ވަރުގަދަކޮށް، ލީގުގައި ދެމިއޮތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވިކްޓަރީ ސްޕޯޓްސް ކްލަބާ އަލަށް ގުޅުނު ސްލޮވެކިއާގެ ފޯވާޑާއެކު އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މި މެޗު، ކްލަބް އީގަލްސްއާ ދެކޮޅަށް ވިކްޓަރީއިން ކުރި ހޯދީ 2-0އިންނެވެ.
މި ނަތީޖާއާއެކު ވިކްޓަރީއިން ވަނީ އީގަލްސްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. އެގޮތުން ކުޅުނު 10 މެޗުން ކޮންމެ ޓީމެއް ވެސް 13 ޕޮއިންޓު ހޯދާފައިވާއިރު، އީގަލްސް ކުރީގައި، ލީގުގެ ފަސްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ވިކްޓަރީ އޮތީ ހަވަނައިގައެވެ.
އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ އީގަލްސްގެ ކެޕްޓަން އެ ޓީމަށް ކުޅުނު ފަހު މެޗެވެ. އޭނާ ގެންދިއުމުގެ މަސައްކަތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަށާފައި ވަނިކޮށް، އެކަމުގެ ތެރެއަށް ވަދެ، ވިކްޓަރީއިން ވަނީ އޭނާ އެ ޓީމަށް ގެންދިއުމަށް "އާނ" ބަސް ހޯދާފައެވެ. އަދި އެއްބަސްވެފައި އޮތީ މި މެޗަށް ފަހު ޓީމު ބަދަލުކުރުމަށްކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އީގަލްސް ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ.
މެޗުގައި ވިކްޓްރީން ލީޑު ނެގީ 34 ވަނަ މިނިޓުގައި އަލީ ނަސޫހް ރަޝީދު ދިން ބޯޅައަކުން އެ ޓީމާ އަލަށް ގުޅުނު ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީއެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ދެ ޓީމަށް ލިބުނު ފުރުސަތުތައް މަދެވެ.
މި މެޗުގައި އީގަލްސްއާ އަޅަށް ގުޅުނު އުމުރުން 43 އަހަރުގެ ޝަމްވީލް ޤާސިމް (ބޮންޑާ) ވެސް ވަނީ ފަހު ހާފުގައި ކުޅެން ނިކުމެފައެވެ. އަދި އޭނާ ކާމިޔާބުކުރި ގޯލެއް، އޮފްސައިޑުގައި ހުރުމުން ނުގުނުމަށް ވެސް ނިންމާފައި ވެއެވެ.
މެޗުގައި ވިކްޓަރީއިން ލީޑު ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ޝަފްރާޒް އިބްރާހިމް ކާމިޔާބު ކުރި ގޯލުންނެވެ.
މި ދެ ޓީމުން ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެން ނެވެ. މިއީ ވިކްޓްރީން ލީގުގައި ހޯދި 4 ވަނަ މޮޅެވެ.