ކުޅިވަރު
ރޮނާލްޑޯގެ އަގުވަޒަން ކުރުމަށް ގައުމީ ޓީމުގެ ޖާޒީ ނަންބަރު ހަތަކަށް ބަދަލު ގެންނަން ނިންމައިފި
ގައުމީ ޓީމުގެ ޖާޒީގައި ރޮނާލްޑޯ---
ޕޯޗުގަލްގެ ފުޓްބޯޅަ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ ކާމިޔާބު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަގުވަޒަންކުރުމުގެ ގޮތުން، އެ ގައުމުގެ ގައުމީ ޓީމުގެ 7 ނަންބަރު ޖާޒީގެ ޑިޒައިނަށް ޚާއްސަ ބަދަލުތަކެއް ގެންނަން ޕޯޗުގަލް ފުޓްބޯލް ފެޑެރޭޝަން (އެފްޕީއެފް) އިން ނިންމައިފިއެވެ.
މި ބަދަލު ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ޑެންމާކާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައެވެ. މިއީ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރި ފަހުން ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ކެރިއަރު ނިންމާލީ ގައުމީ ޓީމަށް ކުޅެދިން 234 މެޗުން 146 ލަނޑު ޖަހައި، ޕޯޗުގަލްގެ ތާރީޚުގައި ވެސް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާ އެކުގައެވެ. ރޮނާލްޑޯ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެދީފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭލްސް އަތުން 1-0 އިން ޕޯޗުގަލް މޮޅުވި މެޗުގައެވެ.
ފީފާގެ ގަވާއިދުތައް ހުންނަ ގޮތުން ގައުމީ ޓީމެއްގެ ވަކި ޖާޒީ ނަންބަރެއް މުޅިން ބޭނުންކުރުން ހުއްޓައެއް ނުލެވެއެވެ. އެހެންކަމުން ޕޯޗުގަލްގެ ފެޑެރޭޝަނުން ނިންމީ 7 ނަންބަރު ޖާޒީގެ ގްރެފިކްސް ޑިޒައިން ބަދަލުކުރުމަށެވެ. އެގޮތުން އާ ޑިޒައިނުގައި ރޮނާލްޑޯގެ ތާރީޚީ ކެރިއަރު ރަމްޒުކޮށްދިނުމުގެ ގޮތުން ކުޑަ "ކްރޮސް" އެއް ހިމަނައި، އޭނާގެ ދައުރު ނިމުނުކަން ވަނީ ރަމްޒުކޮށްދީފައެވެ.
ޕޯޗުގަލްގެ ފުޓްބޯލް ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޭޝަންސް ލީގުގެ 5 ވަނަ ބުރުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުން ފެށިގެން، ގިނަ އަހަރުތަކެއް ވަންދެން ރޮނާލްޑޯ ފަޚުރުވެރިކަމާއެކު ބޭނުންކުރި 7 ނަންބަރު ޖާޒީގެ ޑިޒައިން ބަދަލުވާނެ ކަމަށެވެ. މިއީ އެ ޚާއްސަ ނަންބަރުގެ ހަނދާންތަކާއި، ރޮނާލްޑޯ ހޯދައިދިން ކާމިޔާބީތަކުގެ އަގުވަޒަންކޮށް، އެ ތާރީޚު ދިރުވައި ދެމެހެއްޓުމަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ރޮނާލްޑޯ ކުއްލި ގޮތަކަށް ގައުމީ ޓީމު ދޫކޮށްދިޔައީ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކަށް ފަހުގައެވެ. ވޭލްސް މެޗަށް ފަހު ޖެހިގެން އައި މެޗުގައި ރޮނާލްޑޯ ބެންޗުގައި ބޭންދުމަށްފަހު، ކުރިއަށް އޮތް މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމަނާނެކަން ކޯޗު އެންގުމުން ރޮނާލްޑޯ ވަނީ ކޭމްޕް ދޫކޮށް ގޮސްފައެވެ. ނަމަވެސް ފަހުން ކޯޗު ޖީސަސް ބުނެފައިވަނީ ރޮނާލްޑޯ އެނބުރި އަންނަން ބޭނުންނަމަ އަދިވެސް މަރުހަބާ ކިޔާނެ ކަމަށާއި، އެ ނިންމުން އޮތީ ރޮނާލްޑޯގެ އަތްމަތީގައި ކަމަށެވެ. އަދި އޭނާގެ ރިޓަޔާމަންޓާ މެދު ކުށްވެރިވާ ކަމުގެ އިހުސާސެއް ނުކުރާ ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.
ރޮނާލްޑޯ ކޭމްޕް ދޫކޮށް ދިއުމުން އެންމެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި 7 ނަންބަރު ޖާޒީ ލައިގެން ކުޅުނީ ރަފައެލް ލެއާއޯއެވެ. ނަމަވެސް މި ނަންބަރު ދާއިމީ ގޮތެއްގައި ދޭނެ ކުޅުންތެރިއަކު ޕޯޗުގަލްގެ ފުޓުބޯޅަ ފެޑެރޭޝަނަކުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.