ޚަބަރު
މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކޮށް މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފި
މަސްވެރިން މަސްބާނަނީ / ފޮޓޯ: މިފްކޯ
ފަރުދުން
14 ޑިސެމްބަރު 2025، 09:54
14 ޑިސެމްބަރު 2025، 09:54
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް މަސް ގަންނަ އަގު ބޮޑުކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ކުޑަކޮށްފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ރ. ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިކަން އިޢުލާންކުރައްވާފައިވާއިރު، މިއަދުން ފެށިގެން މި ބަދަލުތަކަށް ޢަމަލުކުރުމަށް މިފްކޯއިން ވަނީ ފަށާފައެވެ.
މަސް ގަންނަ އަގަށް ގެނައި ބަދަލަށް ބަލާލާއިރު، މީގެ ކުރިން 16 ރުފިޔާއަށް ގަންނަމުން ދިޔައީ ދޮޅު ކިލޯއަށް ވުރެ ބަރު މަހެވެ. ނަމަވެސް މިއަދުން ފެށިގެން 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށްވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން މަސް ގަތުމަށް ވަނީ ނިންމާފައެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން މި ބަދަލު ގެނައުމުގެ މަޤުސަދަކީ މަސްވެރިން ބާނާ މަހުން މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމެވެ.
މީގެ އިތުރުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ވެސް މިފްކޯއިން ބަދަލުގެނަސްފައި ވެއެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސް ކިރާނަމަ، ލީޓަރެއް ވިއްކާނީ 13.72 ރުފިޔާއަށެވެ.
އަދި އާންމު ފަރާތްތަކަށް ތެޔޮ ވިއްކުމަށް ނިންމާފައި ވަނީ ލީޓަރެއް 14.43 ރުފިޔާއަށެވެ.